މާލޭގެ މަގުމަތީގައި މީގެ ކުރިން ކުނިތަކެއް ބަހައްޓާފައި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މާލޭ މަގުމަތީ ކުނި ބަހައްޓާ މީހުންގެ ވީޑިއޯ ފޮނުވަން ކައުންސިލުން އެދެފި

ކައުންސިލުން ބުނިގޮތުގައި އިއްޔެ އެކަނި ވެސް 30 ޓަނުގެ ކުނި މަގުމަތިން ނަގާފައިވޭ

މާލޭގެ މަގުތަކުގައި ކުނި ބެހެއްޓުމުގެ މައްސަލައަށް ހައްލެއް ނުލިބުމުން އެންމެފަހުން އެކަން ކުރާ މީހުން ހޯދުމަށްޓަކައި ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް މާލޭ ސިޓީ ކައުންސިލުން އާއްމުންގެ ކިބައިން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ރޯދައަށް ގޭތެރެ ސާފުކޮށް ފަރުނީޗަރު އާ ކުރުމަށް ފަހު، ބޮޑެތި ކުނިތައް މަގުމައްޗަށް ދޫކޮށްލާ މައްސަލަ، ރޯދަ މަސް އައުމުގެ ދެތިން ހަފްތާ ކުރިންސުރެ ވަނީ ކުރިމަތިވެފަ އެވެ. މިގޮތަށް ބަހައްޓާ ކުނި ކައުންސިލުން ނަގަމުންދިޔަ ނަމަވެސް، އަދިވެސް އެކަން ދަނީ ތަކުރާރުވަމުންނެވެ.

ތަފްސީލު - ކައުންސިލްްގެ މީޑިއާ އޮފިސަރު މަރިޔަމް ޝަތުފާ ނޫސްވެރިންނަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަދިވެސް މަގުތަކުގައި ކުނި ބަހައްޓާކަން ފާހަގަކުރެވެމުންދާ ކަމަށެވެ. އެހެންވެ، އެފަދަ މީހުންގެ މައުލޫމާތު ކައުންސިލަށް ދިނުމަށް އެދޭ ކަމަށް އެ މެސެޖްގައި ބުނެފައިވެ އެވެ. އޭނާ ވިދާޅުވިގޮތުގައި:

  • އެފަދަ މީހުންގެ ފޮޓޯ/ ވީޑިއޯ ފޮނުވާނީ 9341144 (ވައިބާ ނުވަތަ ވަޓްސްއެޕް) އަށް

  • އެ އިދާރާގެ ވެބްސައިޓްގެ ޝަކުވާ ހުށަހެޅުމަށް ހަދާފައިވާ ލިންކް މެދުވެރިކޮށް ވެސް ފޮނުވޭނެ 

އެނގުން މުހިއްމު - މިކަން ކުރާ މީހުން ދެނެގަނެވޭ ހިސާބުން 500ރ.ގެ ރޭޓުން އެ މީހުން ކައުންސިލުން ދަނީ ޖޫރިމަނާ ވެސް ކުރަމުންނެވެ. ފެބްރުއަރީން ފެށިގެން މާޗް މަހުގެ ދެވަނަ ހަފްތާއާ ހަމައަށް އެފަދަ 100 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ - ޝަތުފާ ރޭ ފޮނުއްވި މެސެޖެއްގައިވާ ގޮތުން އިއްޔެ އެކަނި ވެސް 30.4 ޓަނުގެ ކުނި މަގުތަކުން ނަގާފައިވެ އެވެ. އެއީ:

  • 350 ކިލޯގެ 14 ޕިކަޕް ކުނި

  • 1.5 ޓަނުގެ ހަތް ޕިކަޕް

  • 3 ޓަނުގެ ތިން ޕިކަޕް

  • 2 ޓަނުގެ ތިން ޕިކަޕް ކުނި

އިއްޔެ އެކަނި 30 ޓަނުގެ ކުނި ނެގިއިރު، އޭގެ ކުރީ ދެ ދުވަހު ޖުމްލަ 88 ޓަނުގެ ކުނި ނަގާފައިވެ އެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 44 ޓަނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް