މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގައި ސާފުކުރަނީ

ވެމްކޯ

ގޭބިސީތަކުން އުކާލާ ފަރުނީޗަރު ފަދަ ބޮޑެތި ކުނިތައް ކުޑަ އަގުގައި އުކާލެވޭ ގޮތް ހަަދަނީ

އާޒިމް ވިދާޅުވީ މާލޭގެ މަގުތަކަށް އާންމުން ކުނި ޖަމާކުރާ އެއް ސަބަބަކީ އެފަދަ ކުނިތައް އުކައިދޭން ޕްރައިވެޓް ޕިކަޕްތަކުން ނަގާ އަގު ބޮޑުކަމުން ކަމަށް

ރޯދަމަހު މާލޭ މަގުތަކަށް ކުނިތައް ޖަމާކުރާ މައްސަލަ ހައްލުކުރަން، ގޭބިސީތަކުން އުކާލާ ފަރުނީޗަރުފަދަ ބޮޑެތި ކުނިތައް ކުޑަ އަގެއްގައި އުކާލެވޭނެ ގޮތް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް މާލޭގެ މަގުތަށް ގޮޑުވުމުގެ މައްސަލަ ދިމާވެ އެވެ. މިހެންވަނީ، ރޯދައަށް ގެ ސާފުކުރުމާއި ފަރުނީޗަރު ފަދަ ތަކެތި އާކުރުމަށް ފަހު ކުނި މަގުމައްޗަށް އަޅާތީ އެވެ.

މިއަހަރު ވެސް މި މައްސަލަ ދިމާވެ، ސިޓީ ކައުންސިލުން ދަނީ މާލޭގެ އެކި ދިމަދިމާލަށް ޖަމާކޮށްފައިވާ އެތަށް ޓަނެއްގެ ކުނި ކޮންމެ ދުވަހަކު ނަގަމުންނެވެ. ނަމަވެސް ކުނި ނަގާ ސަރަހައްދުތަކަށް އަނެއްކާ ވެސް ކުނި ޖަމާކުރާ މައްސަލަ ބޮޑުވެ ކައުންސިލުން މިހާރު ދަނީ ކުނި އަޅާ މީހުން ހޯދާ އެފަދަ މީހުން ޖޫރިމަނާ ވެސް ކުރަމުންނެވެ.

ނަމަވެސް، މަގުތަކަށް ކުނި ޖަމާކުރުން އަދި ވެސް ނުހުއްޓެ އެވެ. އެގޮތުން، ރޭ ވެސް ވަނީ 19 ޓަނުގެ ޕިކަޕުގެ ކުނި މާލޭގެ މަގުތަކުން މާލޭ ސިޓީ ކައުންސިލުން ނަގާފަ އެވެ.

މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގައި ސާފުކުރަނީ

ބުނީ ކީކޭ؟ - މިކަން ހައްލުކުރަން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން 'ދައުރު' އާ ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ:

  • އެފަދަ ބޮޑެތި ކުނިތައް ކުޑަ އަގެއްގައި އުކާލެވޭނެ އިންތިޒާމެއް ހަމަޖައްސަަން ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް 

  • އެކަމަކު، އެކަން ތަންފީޒުކުރަން ތިން ހަތަރު ވަރަކަށް މަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި 

"މި ބަަލަނީ ނަން ނޯޓު ކޮށްލައިގެން، ގޭބިސީތަކުން އުކާލަންޖެހޭ އެފަދަ ބޮޑެތި ކުނިތައް އުކާލެވޭނެ ފަސޭހަ އަގުހެޔޮ ނިޒާމެއް ތައާރަފް ކުރެވޭތޯ. މާލޭގެ މަގުތަކަކީ ރީތި ސާފުތާހިރު ތަނަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަދާނަން،" އެކަމުގައި އާންމުންގެ އެހީތެރިކަން ވެސް ބޭނުންވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް ބޮޑެތި ކުނި މާލޭ މަގުތަކަށް ޖަމާކުރުމުގެ މައްސަލަ ފެންމަތިވަނީ މައިގަނޑު ދެ ސަބަބަކާހުރެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެގޮތުން ވިދާޅުވީ:

  • ޕްރައިވެޓް ޕިކަޕްތަކުން ކުނި އުކައިދޭ އަގު ބޮޑުވުމުން

  • ގާނޫނާ ގަވާއިދުތަކަށް އާންމުން ހުރުމަތްތެރިކޮށް ނުހިތުން

އާޒިމް ވިދާޅުވީ ގޭގެއިން އުކާލަން ބޭނުންވާ ފްރިޖު، އަލަމާރި ފަދަ ބޮޑެތި ކުނިތައް ރޯދައާ ދިމާކޮށް ގިނަވާއިރު، އެފަދަ ކުނިތައް އުކާލަން ޕްރައިވެޓް ޕިކަޕްތަކުން މިހާރު ނަގާ އަގު ވެސް މާބޮޑަށް ބޮޑު ކަމަށެވެ. 

"ބައެއް ޕިކަޕުތަކުން އެއް ގޮދަނޑި އެއްލާލަދޭން ވެސް އެބަ ނަގާ 1،500ރ. މިއީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެންނަށް އަންޑަސްޑޭންޓުވޭ ކުނި އުކާލަން އެވަރު ހަރަދު ކުރުމަކީ ބޮޑު ކަމެއްކަން. 250ރ ވަރުން އެފަދަ ކުނިތައް އުކާލަދެވެންޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު އާޒިމް ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލް ޖަލްސާގެ ރިޔާސަތު މިއަދު ބަލަހައްޓަވަނީ: އޭނާގެ ވައުދުތައް ފުއްދުމުގައި މަޝްރޫއުތައް ހިންގުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވި (ފޮޓޯ/ސިޓީ ކައުންސިލް)

ނަމަވެސް، އާންމުން ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ. އުކާލަންޖެހޭ ކުނި މަގުމައްޗަށް ޖަމާކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މަގުތަކަށް މި ރޯދަމަހާ ދިމާކޮށް ޖަމާކުރަމުންދާ ކުނީގެ އަދަދު، ޖޫރިމަނާކުރަން ފެށިފަހުން މަދުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މާލޭގެ މަގުތަކުން ކުނި ނަގަން ފެށިއިރު ދުވާލަކަށް 60 ޓަނުގެ ކުނި ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ އަދަދު މިހާރު 19 ޓަނަށް ކުޑަވެފައިވާކަން ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ގޭބިސީތަކުން އުކާލަންޖެހޭ ފަރުނީޗަރު ފަދަ ބޮޑެތި ކުނިތައް އުކާލަން ޕިކަޕުގެ ހިދުމަތް ވެމްކޯއިން ވެސް ދެއެވެ. 'ކެޕްސް' ނަމުގައި ވެމްކޯއިން ދޭ އެ ހިދުމަތަށް 1666 އަށް ގުޅައިގެން އެދެވޭނެ އެވެ.

އެ ހިދުމަތުގެ ރޭޓުތަަކަކީ:

  • 350ކޭޖީ ޕިކަޕް - 250ރ

  • 1.5ޓީ ލޮރީ - 550ރ

  • 2ޓީ ލޮރީ - 750ރ

  • 4ޓީ ލޮރީ - 950ރ

ޕްރައިވެޓް ޕިކަޕުތަކުން ކުނި އުކާލަދޭ އަގު ބޮޑުއިރު، އެ ޕިކަޕުތަކުން މާލެ ސަރަހައްދުން ކުނި އުކާލާ އާއްމު މީހުންގެ އުޅަނދުތަކުން ނަގާ ފީ މިމަސްތެރޭ ވަނީ ކުޑަކޮށްފަ އެވެ. 

އެގޮތުން ގެނައި ބަދަލުތަކަކީ:

  • ކުނި ގެންނަ އާއްމު މީހުންގެ އުޅަނދުގެ ޓަނަކަށް ނަގަމުން އައި 1060ރ ގެ ބަދަލުގައި މިހާރު ނަގާނީ 750ރ

ކޮމެންޓް (3)

ކުނުބުނި

17 މާރިޗު 2024
ދިވެހީންނަށް ދިމާވެގެން އުޅޭކަމަކީ އަގު ހަދަން ނޭގޭ ސަބަބެވެ. ޚިދުމަތުގެ އަގަކަށް މިކިޔަނީ ހިތަށް އެރިވަރެއް. ކުޑަ ޕިކަޕެއްގެ ދަތުރަކަށް އެބަ ބުނޭ 200ރ. މިއީ 50ރ. އަށް ހަމަޖެހިފައިވާ އަގެއް. މީހުންގެ މަޖުބޫރީ ބަލާފައި ހިތަށް އެރި އަގެއް މިކިޔަނީ . ސަރުކާރަކަުން މިކަމާއި އަޅާލަނީއަކީ ނޫން. ވެމްކޯވެސް އަގުބޮޑު. އެތަގައި މިއޮންނަނީ 2 ޕިކަޕާއި 2 ލޮރީ/ އެހެންވެތާ 9 ޖަހާއިރު ގުޅާއިރަށްވެސް ޕިކަޕް ، ލޮރީ ހުސްވެފައި ހުންނަނީ...
0 0

ބަރާބަރު

17 މާރިޗު 2024
ދިވެހިން ކަންތައް ކުރަނީ ބަރާބަރަށް! އަހަރެމެންގެ ޖީބަށްވާ ބުރަ އާޒިމަކަށް ނޭނގޭ..އެކަމަކު މަގުމަތި ތަގައްޔަރު ވީމަ އެބުރަ އެންމެނަށްވެސްވޭ! ދެކޮޅުނުޖެހޭ ގަވާއިދު ގެންގުޅެންޏާ މިކަހަލަ އެރަރ އަރާނެ.
1 1

ރުގީ

17 މާރިޗު 2024
ތިޔަތަންތަނަށް ކުނިއަޅާ މީހުނަށް ދިވެހިބަސްނޭގޭތީ ކުނިއަޅަނީ. ފޮޓޯއިން ފެން އިރު އެތާ އެބައިން "ކުނިއެޅުންމަނާ" ލިޔެފައި އިންބޯޑެއް. އެބޯޑުގައިމު ފެންނާނެތާ؟ އޭގައި އޮތީ މިތަނަށްކުނިއަޅާށޭ ކަމަށް ހީވަނީ ތޯއްޗެއް؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް