މާލޭ މަގުމަތީ ކުނިތަކެއް ބާއްވާފައި: ރޯދަ މަހާ އެކު މާލޭގެ މަގުތަކަށް ކުނި އެޅުން ވަނީ ގިނަވެފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މަގުތަކަށް ކުނި އެޅުން ވަނީ ގިނަ؛ އިއްޔެ އެކަނި 40 ޓަނު

ވެމްކޯއިން ބުނަނީ މާލޭގެ މަގުތަކަަށް ގިނައިން ކުނި އަޅަނީ ވިޔަފާރިތަކުން ކަމަށް؛ އެގޮތުން %80 ވިޔަފާރިވެރިން ކުނި ނެރެނީ މާލޭގެ ކަންމަތިތަކަށް ކަމަށް ވެމްކޯއިން ބުނޭ
15 މާރިޗު 2024

މާލެއަށް ކުނި ނޭޅުމަށް ސިޓީ ކައުންސިލާއި ވެމްކޯއިން އެދެމުން ދިޔަ ނަމަވެސް ރޯދަ މަހާ އެކު މާލޭގެ މަގުމަތިން ނަގަން ޖެހޭ ކުނީގެ މިންވަރު މަދުނުވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ވީ ކިހިނެއް؟ - ސިޓީ ކައުންސިލުން އެކްސްގައި މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދާއި އިއްޔެ އާއި ރޭ ވެސް މާލޭ މަގުމަތިން ވަނީ 40 ޓަނުގެ ކުނި ނަގައިފަ އެވެ. އެގޮތުން ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އާއި ރޭ ވަނީ: 

  • 4 ޓަނުގެ 2 ޕިކަޕް

  • 2 ޓަނުގެ 7 ޕިކަޕް

  • 1.5 ޓަނުގެ 8 ޕިކަޕް 

  • 350 ކިލޯގެ 16 ޕިކަޕު

ތަފްސީލް - ސިޓީ ކައުންސިލުން މި ރޯދަ މަސް ފެށުނު ފަހުން މިދިޔަ ބުދަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެސް މާލޭ މަގުތަކުން ވަނީ އެ ދުވަހު އެކަނި 42 ޓަނުގެ ކުނި ނަގައިފަ އެވެ. އަދި ރޯދަ މަހާ އެކު މާލޭ މަގުތަކުގައި ކުނި ސިޓީ ކައުންސިލުން މަގުތައް ސާފުކުރަން ކުރި މަސައްކަތުން 305.65 ޓަނުގެ ކުނި މާލެ ތެރެއިން ވަނީ ނަގައިފަ އެވެ. އެއީ 25 ފޫޓުގެ 12.22 ކޮނޓޭނަރުގެ ކުންޏެވެ. 

  • އެވްރެޖްކޮށް މާލޭގެ މަގުމަތިން 40 އަކަށް ޓަނުގެ ކުނި ނަގާ 

ވެމްކޯ މުވައްޒިފުން ކުނިނެގުމުގެ މަސައްކަތް ކުރަނީ: ރޯދަ މަހާ އެކު ކުނީގެ މައްސަލަ ބޮޑުވޭ (ދައުރު ފޮޓޯ)

ބުނީ ކީކޭ؟ - ދިވެހިން ރޯދައަށް ގޭތެރެ ސާފުކޮށް ހިފާ ގެންގުޅޭ ތަކެތި އާ ކުރުމުގެ ސަގާފަތުގެ ތެރެއިން މަގުތަކަށް ކުނި އެޅުން ގިނަވެ މާލެ ތެރެ ހަޑިވާން ފެށުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މަގުމައްޗަށް ކުނި ނޭޅުމަށް ގޮވާ ލައްވައިފަ އެވެ. އަދި މަގުތަކަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އޭނާ އެދިވަޑައިގަތެވެ. މާލޭގެ މަގުތައް ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވޭނީ އެންމެން އެއްބާރުލުން ދީގެން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

"ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް. އަޅުގަނޑުމެން އެންމެންނަކީ ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްކަމުގައި ލައްވާށި،" އާޒިމް ވިދާޅުވެފައިވެ އެވެ. 

މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގައި ސާފުކުރަނީ

މަގުމައްޗަށް ގިނައިން ކުނި ނެރެނީ ވިޔަފާރިތަކުން: ވެމްކޯ

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅެވަފައިވާ ގޮތުގައި މަގުމައްޗަށް ގިނައިން ކުނި އަޅާ ކަމަށް ފާހަގަވެފައި ވަނީ ވިޔަފާރިތަކުންނެވެ. އެގޮތުން ސްޓެލްކޯގައި ރަޖިސްޓްރީވެފައިވާ 15،000 އަށް ވުރެ ގިނަ ވިޔަފާރިތަކުގެ ތެރެއިން ވެމްކޯގައި ކުނި ނަގަން ރަޖިސްޓްރީކޮށް ފައިސާ ދައްކަމުން އަންނަނީ %10 ކަމަށް އަބްދުލްކަރީމް ވިދާޅުވި އެވެ.

  • އަމިއްލައަށް ކުނި އުކާލަނީ %10 ވަރު ވިޔަފާރިތަކުން 

  • %80 ވިޔަފާރިތަކުން ކުނި ނެރެނީ ކަންމަތިތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި

"ވިޔަފާރިތަކުން އޮންލައިން ފޯމު ފުރާ ރަޖިސްޓްރީ ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން. ވިޔަފާރި ކަސްޓަމަރުން ރަޖިސްޓްރީ ކުރުމަށް ބާރުއެޅުމަށް ސަރވޭކުރުމާއި ވިޔަފާރިވެރިންނާ ބައްދަލު ކުރުމުގެ މަސައްކަތް ވެމްކޯއިން ދަނީ ކުރަމުން އަދި މާލެސިޓީ ސާފުކޮށް ބޭއްވުމުގައި ވިޔަފާރި ވެރިންގެ އެއްބާރުލުން ނުހަނު ބޭނުން،" އަބްދުލްކަރީމް ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ - ކޮންމެ އަހަރެއްގެ ރޯދަ މަހާ އެކުވެސް ކުނި އުކާލާ ވަރު އިތުރުވެ އެވެ. އަދި މާލޭގެ މަގުތަކަށް ކުނި އަޅާ ވަރު ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް