މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގައި ސާފުކުރަނީ

ކުނީގެ މައްސަލަ

15 ދުވަސް ތެރޭ 200 ޓަނުގެ ކުނި މާލެއިން ނަގައިފި

އިއްޔެ އެކަނި ވެސް 59 ޓަނުގެ ކުނި ނެގި

މިދިޔަ 15 ދުވަހުގެ ތެރޭގައި، 200 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވާ ކަމަށް، މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ރޯދައަށް ގޭތެރެ ސާފުކުރުމަށް ފަހު ގިނަ ބަޔަކު ކުނިތައް ނެރުނީ މަގުމައްޗަށެވެ. އެހެންވެ، މިދިޔަ ދެ ހަފުތާ ތެރޭގައި މުޅި މާލެތެރެ އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. ބައެއް މަގުތަކުގައި ހިނގާބިނގާވެ އުޅެން އުނދަގޫވާ ވަރަށް ކުނި ޖަމާކޮށްފައި ހުއްޓެވެ.

ތަފްސީލު- މޭޔަރު އާޒިމް ވިދާޅުވީ އިއްޔެ އެކަނި ވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި، ކައުންސިލްގެ މުވައްޒަފުން ނެގި ކަމަށެވެ. އަދި މިދިޔަ 15 ދުވަސް ތެރޭގައި، 200 ޓަނުގެ ކުނި މާލެއިން ނެގި ކަމަށް ވިދާޅުވި އެވެ.

މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގައި ސާފުކުރަނީ

"މިއީ 25 ފޫޓުގެ އަށް ކޮންޓޭނަރުގެ ކުނި،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުން. ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެންނަށް ހިތްފަސޭހަކަމަކަށް ވާނެ."

ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 17 މަގަކުން %100 ކުނި އިއްޔެ ނެގި އެވެ.

އިއްޔެ މާލޭގެ 26 މަގެއް ސާފު ކުރި އިރު އެތަންތަނުން 51 ޕިކަޕުގެ ކުނި ނެގި އެވެ. ގޮތުން ތިން ޓަނުގެ ހަތް ޕިކަޕާއި 1.5 ޓަނުގެ 16 ޕިކަޕާއި އިތުރު 28 ޕިކަޕުގެ ކުނި އިއްޔެ ނެގި ކަމަށް ކައުންސިލުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް