މާލޭގެ މަގެއްގައި ކުނި ޖަމާކޮށްފައި. މަގުމައްޗަށް ކުނި އަޅާތީ 100 އަށްވުރެ ގިނަ މީހުން މިފަހުން ޖޫރިމަނާ ކޮށްފައިވޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުނީގެ މައްސަލަ

މަގުމައްޗަށް ކުނި އަޅާތީ 100އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި

މިފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވި

ރޯދަ މަހާ ދިމާކޮށް މާލޭ މަގުތައް ގޮނޑުވުމުގެ މައްސަލަ ބޮޑުވެ، މަގުމައްޗަށް ކުނި އަޅާ ކަމަށް ފާހަގަކުރެވިގެން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެ އެވެ. ހާއްސަކޮށް، ރޯދަ މަހަށް ގެ ސާފު ކުރުމަށްފަހު ބޮޑެތި ކުނި މަގުމައްޗަށް ނެރޭތީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ.

މި އަހަރު ވެސް މަގުމަތީގައި ކުނި ގިނަ ވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ.

ތަފްސީލް - މާލޭ މޭޔަރު އާދަމް އާޒިމް މިއަދު 'ދައުރު'އަށް ވިދާޅުވީ ކުނި އަޅާކަމަށް ފާހަގަކުރެވޭ މީހުންނާއި ގަވައިދާ ހިލާފަށް މަގުމަތީގައި ތަކެތި ބަހައްޓާ މީހުން މިހާރު ޖޫރިމަނާ ކުރަމުން ގެންދާ ކަމަށެވެ. އޭގެ ތެރޭގައި މަގުމަތީގައި ހުންނަ ކެމެރާތަކަށް އަރާ މީހުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ފާހަގަވާ މީހުން ވެސް ހިމެނެ އެވެ.

ސިޓީ ކައުންސިލުން 'ދައުރު'އާ ހިއްސާ ކުރި ތަފާސްހިސާބުތަކުގައި ވާގޮތުން:

  • ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް މި މައްސަލާގައި 100އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވޭ

  • ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 500ރ. އިން

  • ދެވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 2،000ރ. އިން ޖޫރިމަނާ ކުރާނެ

ބުނީ ކީކޭ؟ - "ކުނި އަޅާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން އަޅުގަނޑުމެން ފުލުހުންނާ ވެސް ވާހަކަ ދައްކަމުން މިދަނީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގަވައިދާ ހިލާފަށް މަގުތަކަށް ކުނި އަޅާ މީހުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ އަދަބު ދިނުމުގެ ކަންކަން ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެވެސް ހަރުދަނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެއްވެސް ހާލަތެއް، އެއްވެސް އުޒުރެއް އޮވެގެން ނުވާނެ މަގުމައްޗަށް ކުނި އަޅާކަށް. ކުނި އެޅިގެން ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

"ފުލުހުންނާ އަދި ކަމާ ގުޅުންހުރި އެހެން އިދާރާތަކުން ގާނޫނު ތަންފީޒު ކުރަންޖެހޭ އެބަ ވަކި މީހަކަށް ނުބަލާ. އަވަސް ތަންފީޒީ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ތަންފީޒު ނުކުރެވޭތީ މިހާ ގޯސްވެގެން މިދަނީ."

މާލެތެރެ ސާފުކުރުމުގެ ގޮތުން ސިޓީ ކައުންސިލްގެ މުވައްޒަފުން ގެންދަނީ ކޮންމެ ދުވަހަކު ވެސް މަގުތަކުން ކުނި ނަގަމުންނެވެ. އެގޮތުން މޭޔަރު ވިދާޅުވީ:

  • އެ މަސައްކަތުގައި 10 ވަރަކަށް ވެހިކަލް ބޭނުން ކުރޭ، ބައެއް ފަހަރު 15 ވެހިކަލް ވެސް ބޭނުން ކުރޭ

  • ރޯދަ މަހު ބައެއް ރޭރޭ ދަންވަރު 2 ޖަހަންދެން ވެސް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދޭ

  • އިއްޔެ އާއި ރޭ އެކަނި ވެސް 39.5 ޓަނުގެ ކުނި ނަގާފައިވޭ

"ވަރަށް ވަރުބަލި މަސައްކަތަކަށް މިވަނީ، މިކަން ކުރުމަކީ، ހުއްޓާނުލާ މިކަން ކުރަން ޖެހޭތީ. ބައެއް ތަންތަނަށް އަޅާ ކުނި ނަގާ ސާފުކުރާ އިރަށް އަނެއްކާ އެބަ އަޅާ. އެެހެންވީމަ މީހުންގެ އަހުލާގު ވަރަށް ރަނގަޅުވެގެން މާލެ ރީތިކޮށް ބާއްވަން އަޅުގަނޑުމެންނަށް ފަސޭހަވާނީ،" މޭޔަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މާލެ ސަރަހައްދުގައި 200،000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އިރު، މަދު ބަޔަކު ކުރާ ކަންތައްތަކުގެ ސަބަބުން މުޅި އާބާދީއަށް ގެއްލުން ވެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް މާލޭގައި އުޅޭ ރައްޔިތުންނަށް ސާފު މާލެއެއް ދެވޭތޯ. މާލެގައި ހަމަ ދިރިއުޅޭ މީހުން މާލެއަށް މި ކުނި އަޅަނީ. އެހެންވީމަ މާލެތެރެ ސާފުކޮށް ބާއްވަން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާލޭގެ ރައްޔިތުން ބައިވެރިވުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ."

ކޮމެންޓް (1)

އަހްމަދު

17 މާރިޗު 2024
މަގުމައްޗަށް ކުނި އެޅުމަކީ ގާނޫނުގައި މަނާ ކޮށްފައިވާކަމެއް. އެކަމުގެ އަދަބުވެސް ކަނޑައެޅިފައި އޮންނާނެ. ގާނޫނުގައި މިކަންކަންއޮންނައިރު ކޮންމަޝްވަރާއެއްބާ ކުރަން ޖެހެނީ. ގާނޫނުތަންފީޒުކުރަން ތިބޭބައެއްނޫންތަ ފުލުހުންނަކީވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް