އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާއަށް މިދިޔަ ޑިސެމްބަރު މަހު 26ގައި މަގާމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އޭނާއާ ސަލާމްކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
އެލްޖީއޭ އިން ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމަކީ އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން: ރައީސް
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނ. ކެނދިކުޅުދޫ ކައުންސިލް އިން ރައީސް މުއިއްޒުއަށް ފާޑުކިޔައި ނެރުނު ބަޔާނެއް ބާތިލުކުރުމަށް އެލްޖީއޭ އިން އެންގުމުން އެ މައްސަލަ ހޫނުވެފައި ވަނިކޮށް ރައީސް މިގޮތަށް ވާހަކަ ދެއްކެވީ އެމަނިކުފާނު މިއަދު މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅެއްގައި ދ. މީދޫއަށް ވަޑައިގެން ޖަލްސާއެއްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތިކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމަ، އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން. އެހެންވީމަ، އެކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
"ކައުންސިލްތަކަކީ ފުރިހަމަ މިނިވަންކަމާ އެކު ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން މަސައްކަތްކުރުމުގެ ފުރިހަމަ ހައިސިއްޔަތު އަޅުގަނޑު ދޭނަން."
ތަފްސީލު - ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރަކަށް ހުންނެވިއިރު، މިދިޔަ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވެ އޭރު ޝަކުވާ ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކައުންސިލްތައް ބާރުވެރިކުރުން ކަމަށެވެ. ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވަނީ ވެސް ކައުންސިލަރުން ދައްކަވާ ވާހަކަަތައް އަޑުއައްސަވައި ކައުންސިލްތަކުން ބޭނުންވާ ކަންކަން ކޮށްދެއްވުމުގެ ހެޔޮ ނިޔަތް އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރާ ދަތުރުތަކުގައި އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ހުރިހާ ކަމަކަށް މި ބަލަނީ ޖަވާބު ދެވޭތޯ. ނަތީޖާ ނެރުމަށްޓަކައި މި މަސައްކަތް ކުރަނީ. ކައުންސިލްތަކާ މި ބައްދަލުކުރަނީ ވެސް އެ ބޭނުމުގައި. ކައުންސިލްތަކުން އެދޭ ކަންތައްތަކަކީ ރައްޔިތުންގެ ފަރާތުން އެދޭ ކަންތައްތައް،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ، ކައުންސިލްތައް ބާރުވެރިކުރުވައިގެން ކުރިއަށް ގެންދަން. ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރަން. ކައުންސިލްތަކުގެ އިމާރާތްތައް ވެސް ހަދަން ބޭނުންވަނީ އެހެންވެ. ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް [ފަޅު] ރަށްތަށް ފޯރުކޮށްދިނުމަށް ގަސްތުކުރީ އެހެންވެ."
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ ކައުންސިލްތައް ބާރުވެރިކުރުވައިގެންނެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އެ މަގަަށް ކަމަށް ތަކުރާރުކޮށް މިރޭ ވިދާޅުވި އެވެ.
ފަސްމަންޒަރު - ކެނދިކުޅުދޫ ކަންސިލުން ބަޔާނެއް ނެރުނީ، ރައީސް މިފަހުން އެ ރަށަށް ވަޑައިގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި ރަަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ. އެ ބަޔާން ބާތިލުކުރުމަށް އެންގުމުން އެލްޖީއޭއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ކޮމެންޓް (1)
ތެފައާސާ.