ރައީސް މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނ. ކެނދިކުދުޅޫ ކައުންސިލާ ބައްދަލުކުރައްވަނީ (ފޮޓޯ/ ރައސް)

ނ. ކެނދިކުޅުދޫ

ރައީސްގެ ދަތުރުފުޅަށް ފާޑުކިޔާ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެލްޖީއޭ އިން އަންގައިފި

ބަޔާން ނެރުނުތާ 15 ވަރަކަށް މިނެޓު ތެރޭ ރައީސް އޮފީހުން ގުޅާ، ބަޔާން ނަގަން އެންގި ކަމަށް ވެސް ކެނދިކުޅުދޫ ކައުންސިލުން ބުނި

ރައީސް މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ފާޑުކިޔާ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލް ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ކެނދިކުޅުދުއަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ ސިޔާސީ ހަރަކާތްތަކެއް ގޮތަށް ސިފަވާ ގޮތަށް މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދަން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

29 އެޕްރީލް 2024: ރައީސް މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނ. ކެނދިކުދުޅޫ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އެ ބަޔާނުގައި ބުނީ

  • ރައީސްގެ ދަތުރުފުޅާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައިދޭން ރައީސް އޮފީހުން އެދުމުން އެެ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސައިދިން ކަމަށް

  • ރައީސް ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގެ އިންތިޒާމުތައް ހަމަޖައްސައިދީ ހުރިހާ ކައުންސިލަރުން ވެސް ޖަލްސާގައި ބައިވެރިވި ކަމަށް

  • ނަމަވެސް ޖަލްސާގެ ވަކި ހިސާބަކުން ރައީސް އާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބި ބަދަލުވީ ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ކަމަށް

  • ކައުންސިލަށް އެ ޖަލްސާ ސިފަވީ ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގައި ކަމަށް

29 އެޕްރީލް 2024: ރައީސް މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނ. ކެނދިކުދުޅޫ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ކައުންސިލްގެ ބަޔާން ބާތިލް ކުރުމަށް އެލްޖީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ.

"އެ ބަޔާން ނެރުނުތާ 15 ވަރަކަށް މިނެޓު ތެރޭ، ރޭގައި ރައީސް އޮފީހުން ވެސް ގުޅާފައި ބަޔާން ނެގުމަށް އެދުނު،" އޭނާ ވިދާޅުވި އެވެ.

ރައޫފް ވިިދާޅުވީ މާދަމާގެ ކުރިން ބަޔާން ބާތިލްކުރަން އަންގައި އެލްޖީއޭ އިން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"އެލްޖީއޭ އިން ބުނީ ކައުންސިލްތަކަށް އެ ގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ވަކި މީހަކު ޒިންމާވާ ގޮތަށް ބަޔާނުގައި ސޮއިކޮށްފައި ވެސް ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައޫފް ވިދާޅުވީ މީގެ ކުރިން މާ ބޮޑެތި ކަންކަމުގައި ވެސް ނ. އަތޮޅު ކައުންސިލާއި ކެނދިކުޅުދޫ ކައުންސިލުން ވެސް ބަޔާންތައް ނެރެފައި ހުންނާނެ ކަމަށެވެ. ނަމަވެސް އެ ބަޔާންތައް ބާތިލްކުރަން އެލްޖީއޭ އިން ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި - ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެލްޖީއޭއިން އެނގުމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އެލްޖީއޭގެ އެންގުން މަޖިލީހުން ބަލާނެ ކަމަށެވެ.

"ކައުންސިލްތަކަކީ ގާނޫނީ ވަކި ޝަހުސެއް ކަމަށާއި އަމިއްލަ ނަމުގައި ދައުވާ އުފުލާ އަދި ދައުވާ ލިބޭ ފަރާތެއް ކަން ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ. އިންތިހާބަކަށް އިއުލާން ކުރުމުން އެ ގާނޫނަށް އެންމެން ތަބާވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް