ގދ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ވާދޫ ފޭސްބުކް ޕޭޖް)
ގދ. ވާދޫގެ ހުރިހާ ކައުންސިލަރުން މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑުކޮށްފި
މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި ވާޖިބު އަދާކުރުމުގައި އިހުމާލުން ފަދަ ގިނަ މައްސަލަތަކަކާ ގުޅިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ގދ. ވާދޫ ކައުންސިލްގެ ހުރިހާ މެމްބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވާދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް އެލްޖީއޭއިން ކުރިއަށްގެންދިޔައީ ކައުންސިލާ ގުޅޭ ތަފާތު 27 މައްސަލައެއް އެ އޮތޯރިޓީއަށް ލިބުމުންނެވެ.
ތަފްސީލު - އެ މައްސަލަތަކާ ގުޅޭ ގޮތުން އެލްޖީއޭއިން ހިންގި އިންކުއަރީގައި ޖަވާބުދާރީވާން ދިން ފުރުސަތުގައި ކައުންސިލްގެ މެމްބަރުން އިންކުއަރީ ރިޕޯޓަށް ވަނީ ޖަވާބުދާރީވެފަ އެވެ. އޭގެ އިތުރުން މައްސަލަތަކާ ގުޅޭ ގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ގދ. ވާދޫ ކައުންސިލުގެ އިދާރާއާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށް، ކައުންސިލް އިދާރާއިން ލިޔެކިޔުންތައް ވެސް ވަނީ ހޯދައިފަ އެވެ.
އެލްޖީއޭގެ އިންކުއަރީއަށް ފަހު އެ އޮތޯރިޓީން ނިންމީ ކައުންސިލްގެ ހުރިހާ މެމްބަރުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން ދުރުކުރުމަށެވެ. އެކި މެމްބަރުން ސަސްޕެންޑުކޮށްފައިވަނީ އެކި މުއްދަތަށެވެ. އެގޮތުން:
-
ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އާއި މެމްބަރު މުހައްމަދު ޝިފާގު ސަސްޕެންޑުކުރީ ތިން މަސް ދުވަހަށް
-
ކައުންސިލްގެ ނައިބު ރައީސް ހާޝިރު މުހައްމަދު އާއި މެމްބަރު ސާރާ މުހައްމަދު ސަސްޕެންޑު ކުރީ ދެ މަހަށް
-
ކައުންސިލްގެ މެމްބަރު މާރިޔަތު އިބްރާހިމް ސަސްޕެންޑުކުރީ އެއް މަހަށް
އިންކުއަރީގައި ފާހަގަކުރެވުނު ކަންތައްތައް
-
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރުން
-
ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެފައިވުން
-
ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން
-
ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓުން؛ ބައެއް އަމަލުތައް ތަކުރާރުކޮށްފައިވުން
ކޮމެންޓް (1)
ފުނަދޫ