ކިރި މަހަށް ފައިސާ ނުލިބި ލަސްވާތީ އައްޑޫގައި ވެސް މަސްވެރިން މުޒާހަރާ ކުރަނީ

މަސްވެރިން

މަސްވެރިންގެ މުޒާހަރާ އައްޑޫއާ ހަމައަށް ފޯރައިފި

އައްޑޫގެ މަސްވެރިން ވެސް ބުނަނީ ފައިސާ ލިބުމުން ނޫނީ އިހުތިޖާޖު ނުހުއްޓާނެ ކަމަށް
20 ފެބްރުއަރީ 2024

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސްގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ނުލިބި ލަސްވާ މައްސަލާގައި ހިތްހަމަނުޖެހި، އައްޑޫ ހުޅުމީދޫގައި ހުންނަ އެ ކުންފުނީގެ މަސް ކާރުހާނާގައި ވެސް އިހުތިޖާޖު ކުރިއަށްގެންދަން މަސްވެރިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކިރި މަހަށް ފައިސާ ނުލިބި ތިން މަސްވެފައިވާ ކަމަށް ބުނެ މަސްވެރިން އިހުތިޖާޖު ފެށީ އާދިއްތަ ދުވަހު ގއ. ކޫއްޑޫގަ އެވެ. އެރަށުގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި މަސްވެރިން އިހުތިޖާޖު ކުރަމުންދާތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ.

ކުއްޑޫގެ އިހުތިޖާޖު ކުރިއަށް ދަނިކޮށް އިއްޔެ އައްޑޫ ހުޅުމީދޫގައި ވެސް މަސްވެރިން މުޒާހަރާއަށް ނުކުމެ އެ ރަށުގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ހުއްޓުވި އެވެ.

ބުނީ ކީކޭ؟ - ހުޅުމީދޫން 'ދައުރު'އާ ވާހަކަދެއްކި މަސްވެރިއެއް ބުނި ގޮތުގައި އިއްޔެ ހަވީރު 3 ހާއިރު އެރަށުގައި ފެށި އިހުތިޖާޖު އަދިވެސް ދަނީ ކުރިއަށެވެ. ފެކްޓަރީގެ މަސައްކަތް ވެސް އަދިވެސް އޮތީ ހުއްޓުވާފަ އެވެ.

އޭނާ ބުނިގޮތުގައި، މަސްވެރިން ތިބީ އެމީހުންނަށް ލިބެންޖެހޭ ފައިސާ ލިބުމުގެ ކުރިން އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫނެވެ. ނަމަވެސް، އިހުތިޖާޖު ކުރިއަށްދަނީ އަމާންކޮށް ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ލިބެން ޖެހޭ ފައިސާ ހޯދަން. ވަރަށް ސުލްހަވެރިކަމާއެކު އަޅުގަނޑުމެން މި އިހުތިޖާޖު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމީދޫގައި ގިނަ އަދަދެއްގެ މަސްވެރިން ނުރުހުން ފާޅުކޮށް މުޒާހަރާކުރާތަން ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އައްޑޫގެ އެކި އަވަށްތަކުގެ މަސްވެރިންނާއި މަސްދޯނިތަކުން ވެސް މުޒާހަރާގައި ބައިވެރިވަމުންދެ އެވެ.

އެ ރަށުގައި އިހުތިޖާޖު ކުރާ މަސްވެރިން ވެސް ފާޅުކުރަމުން ދަނީ ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުވާލައި މަސްވެރިން ވެސް ފާޅުކުރަމުންދާ ޝުއޫރުތަކެވެ.

އެނގުން މުހިއްމު - މަސްވެރިންނަށް ލިބެންޖެ ހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާޗު 5ގެ ކުރިން އެ ފައިސާ ދޫކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް