ރައީސް މުހައްމަދު މުއިއްޒު ދިޔަމިގިލި ރައްޔިތުންނާ ބައްދަލު ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)
ރާއްޖޭގެ ކަނޑުގެ ސާވޭ ހަދާނީ ދިވެހިން އަމިއްލައަށް، ސާމާނު ހޯދާނަން: ރައީސް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދިރާސާ ހަދައި ޗާޓު ކުރަހާނީ ދިވެހިން އަމިއްލައަށް ކަމަށާއި އެކަމަށް ބޭނުންވާ ސާމާނު ހޯދުމަށް ބަޖެޓު އެކަށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވަނީ، ރާއްޖޭގެ ކަނޑުތަކުގެ ސާވޭ ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާ އެކު ސޮއިކުރި ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރަން މި ސަރުކާރުން ނިންމީ ކީއްވެކަން ސާފުކޮށްދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ކަނޑުގެ އަޑި ސްކޭންކޮށް، ސާވޭކޮށް، މެޕު ހަދާ، މި ހުރިހާ ކަމެއް ކޮށްގެން އެހެން ބަޔަކު ގެންދާ ގޮތަށް އޮތުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ހައިޑްރޯގްރެފިކް އެގްރިމެންޓު އާ ނުކުރަން ނިންމީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ މައުލޫމާތަކީ އެހެން އެއްވެސް ގައުމެއްގެ މިލްކަކަށް ވެގެން ނުވާނެ ކަމަށެވެ.
"މި އީއީޒެޑްގެ ތެރޭގައި، 974،000 އަކަ ކިލޯމީޓަރުގެ ތެރޭގައި، ހިމެނޭ ކޮންމެ އެއްޗަކީ އަޅުގަނޑުމެންގެ މިލްކެއް ނޫންތޯ؟ އޭގެ އަޑީގައި އޮތް ކޮންމެ އެއްޗެއް ވިޔަސް އެ އެނގެންވާނީ އަޅުގަނޑުމެންނަށް،" ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ކަނޑުގެ އަޑި ސްކޭންކޮށް މެޕުކޮށް ހަދައިގެން އެހެން ބަޔަކު ގެންގޮސް އަދި އެއަށް އަޅުގަނޑުމެން ލާރިދީގެން ގަނެ، މިއީ ކޮން ސަކަރާތެއްތޯ؟ މިހެން ހަދާފައި އޮތް އެއްބަސްވުމެއް ވީމަ އަޅުގަނޑުމެން ބޭނުންނުވީ އާކުރަން."
އެ ނިންމުން ނިންމީ ދިވެހި ރައްޔިތުންނަށްޓަކައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެެ.
"އޭގެ ބަދަލުގައި އަޅުގަނޑުމެންގެ އަސްކަރިއްޔާ އަމިއްލައަށް އަމިއްލަ ފައިމައްޗަށް ތެދުވެ އެ ސްކޭން ކުރުމާއި އެ މެޕް ކުރުމުގެ މަސައްކަތް ކުރެވޭނެ އިކުއިޕްމެންޓު ހޯދުމުގެ މަސައްކަތް ފަށައިގެން މި އުޅެނީ. ފިނޭންސް މިނިސްޓްރީ އިން މިހާރު ޑިފެންސް މިނިސްޓްރީއަށް އެ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް އެ ކުރިއަށް ގެންދަނީ. ހަމަޖެހުނުހާ އަވަހަކަށް އެ ގަންނަން ޖެހޭ ސޮފްޓްވެއާ އާއި ހާޑްވެއާ އާއި ހުރިހާ އެއްޗެއް ގަނެެގެން އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތް ކުރާނީ. އެހެން ބަޔަކު ގެންނާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަކީ ދިވެހިންގެ އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި ދަމަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.
"އެހެންވީމާ ކަނޑުގެ އަޑި އާއި ވަޔާއި ކަނޑާއި އެއްގަމާއި ހުރިހާ ތަނެއް ވެސް އަމިއްލައަށް ބަލަހައްޓާނީ. އަމިއްލައަށް އެކަން ކުރާނީ."
ފަސްމަންޒަރު - ރާއްޖޭގެ ކަނޑު އަޑި ދިރާސާކޮށް ޗާޓް ކުރެހުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލަން ސަރުކާރުން އިންޑިއާއަށް ނޯޓިސް ދީފައިވާ ކަމަށާއި އަންނަ 4 ޖޫންގައި އެ އެއްބަސްވުން އުވޭނެ ކަމަށް މިދިޔަ 14 ޑިސެމްބަރުގައި ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
-
ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަންނަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއް ގާއިމްކުރީ 8 ޖޫން 2019ގައި
-
އެ އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ގާއިމްކޮށްފައިވޭ
-
ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމަކީ ރައީސް މުއިއްޒުގެ 'ހަފްތާ 14' ނުވަތަ ފުރަތަމަ 100 ދުވަހުގެ ވައުދެއް
އިތުރަށް ކިޔާލަން
ހައިޑްރޮގްރަފީ އާނުކުރުން: އިންޑިއާއިން ދެއްކީ އެ ކަމުގެ ތަޖުރިބާ
22 ޑިސެމްބަރު 2023
ހައިޑްރޯގްރަފީ އެއްބަސްވުން އުވާލަން އިންޑިއާއަށް ނޯޓިސް ދީފި
14 ޑިސެމްބަރު 2023
ރާއްޖެ އާއި އިންޑިއާ ގުޅިގެން އުތުރުގެ ބޮޑު ބައެއް ސާވޭކޮށްފި
4 މާރިޗު 2023
ހއ. އަތޮޅުގެ ނިޔަމިކަމުގައި ބޭނުންކުރާނެ ޗާޓެއް ހަދަނީ
23 ޖެނުއަރީ 2023
ޗާޓު ވިއްކައިގެން އިންޑިއާއަށް 24،834 ޑޮލަރު؛ ރާއްޖެއަށް 8،278
20 އޭޕްރީލު 2022