ހައިޑްރޯގްރަފީ ސާވޭ ހަދަން މީގެ ކުރިން ރާއްޖެއަށް އައި އިންޑިއާ ނޭވީގެ މަނަވަރެއް. (ފައިލް ފޮޓޯ/ޕީއެސްއެމް)

ހައިޑްރޯގްރަފީ އެއްބަސްވުން އުވާލަން އިންޑިއާއަށް ނޯޓިސް ދީފި

އަންނަ އަހަރުގެ ޖޫން 4ގައި އެއްބަސްވުން އުވޭނެ ކަމަށް ރައީސް އޮފީހުން ބުނި
14 ޑިސެމްބަރު 2023
2

ރާއްޖޭގެ ކަނޑު އަޑި ދިރާސާކޮށް ޗާޓް ކުރެހުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އެއްބަސްވުން އުވާލަން ސަރުކާރުން އިންޑިއާއަށް ނޯޓިސް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަންޑާސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުލް ހަލީލް ވިދާޅުވީ އެއްބަސްވުމުގައި ވާގޮތުން، އެއްބަސްވުން އުވާލަން ބޭނުންވެއްޖެ ނަމަ 6 މަހުގެ ނޯޓިސްއެއް ދޭން ޖެހޭ ކަމަށެވެ.

އެ ނޯޓިސް މިހާރު ދީފައިވާ ކަމަށާއި 4 ޖޫން 2024ގައި އެއްބަސްވުން އުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަންނަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއް ގާއިމްކުރީ 8 ޖޫން 2019ގަ އެވެ. 

އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ވެސް ގާއިމްކޮށްފައިވެ އެވެ.

ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއު ސިޔާދަތައް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމަކީ ރައީސް މުއިއްޒުގެ 'ހަފްތާ 14' ނުވަތަ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

އެ މަސައްކަތުގެ ދަށުން، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް އަސަރުކުރާ ކަމަށް ފާހަގަކުރެވިފައިވާތީ، އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ނިންމައި އެކަން އިންޑިއާއަށް އަންގާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އެއްބަސްވުން އުވާ ނުލާ ނަމަ، ފިރުޒުލް ވިދާޅުވީ އެއްބަސްވުން އޮޓޮމެޓިކުން ފަސް އަހަރަށް އިތުރުވާނެ ކަމަށެވެ.

"... އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ މައުލޫމާތަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރައުސްމާލެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ސިއްރެއްގެ ގޮތުގައި ދެކި، އެ ގޮތަށް ގަބޫލުކޮށް، އެފަދައިން އަމަލު ކުރަމުން އައި ހާއްސަ މައުލޫމާތު ތަކެއް،" އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ފިރުޒުލް ވިދާޅުވި ގޮތުގައި، އެންމެ ބުއްދިވެރި ގޮތަކީ:

  • ކަނޑުފަޅުތަކުގެ މައުލޫމާތު އެއްކުރުމުގެ ގާބިލްކަން ދިވެހި އަސްކަރިއްޔާގެ ތެރޭގައި ގާއިމްކުރުން

  • ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިޔުން

  • ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުން އެކަމުގައި ނުބޭއްވުން

އެނގުން މުހިންމު - ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރުސަތު ދެ ގައުމަށް ވެސް އޮވެ އެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން:

  • އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން 

  • އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25

ހައިޑްރޯގްރަފީގައި ރާއްޖެ-އިންޑިއާގެ ގުޅުން:

  • މި ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ 8 ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 

  • ފުރަތަމަ ޖޮއިންޓް ކޮމިޓީ ބައްދަލުވުން ބާއްވަން އިންޑިއާގެ ވަފުދެއް ރާއްޖެ އައީ 26  ސެޕްޓެމްބަރު 2019ގައި 

  • މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފެއްދީ މިދިޔަ އަހަރުގެ މާޗު 7ގައި

  • ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ އޮބްޒާވަރެއްގެ ހައިސިއްޔަތުން 20 ވަނަ ނޯތު އިންޑިއަން އޯޝަން ހައިޑްރޮގްރެފިކް ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވެފައި

މި އެއްބަސްވުމާ ގުޅިގެން ކުރީގެ ސަރުކާރަށް ވަރަށް ބޯޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފަ އެވެ. އަދި މިއީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތުގެ ތެރެއިން ވެސް ދެކޮޅަށް އަޑުއުފުލާފައިވާ އެއް ކަންތަކެވެ.

ކޮމެންޓް (2)

އައްޒުވީ

14 ޑިސެމްބަރު 2023
އިންޑިއާ އަށް ރާއްޖޭގެ ކަނޑުގެ އަޑި ވިއްކި ޑީލަކީ އެމްޑީޕީ ސަރުކާރުން ހެދި އަޑި ނޭގޭ ބޮޑު ވަގު ޑީލެކެވެ. އެޑީލުގައި، ރައީސް އިބޫ އާއި ، އަބްދު ﷲ ޝާހިދާއި މާރިޔާގެ އިތުރުން ރައީސް ނަޝީދު ވެސް ބައިވެރިވިއެވެ. އިންޑިއާ މީހުން އެތައް އަހަރަކަށް އެދުންވެރިވެގެން ތިބި ޑީލްގައި ސޮއިކޮށް މަސައްކަތް ފަށައިގަންނަންވީ އިރު ލައްވައިލީ ކޮވިޑުގެ އާލަމީ ލޮކްޑައުންއާ އެވެ. އިންޑިއާ އޮތީ ބޮޑު އިންސާނީ އާފާތެއްގެ ތެރޭގައެވެ. ދުވާލަކަށް 5 ހާހުން 10 ހާހުން މީހުން މަރުވަމުން ދިޔައެވެ. އެކަމަކު އިންޑިއާގެ ކަނޑުގެ އަސްކަރީ މީހުންގެ ފައުޖަކުން ރެޔާއި ދުވާލު ދިޔައީ މި ހައިޑްރޯގްރަފީ ސަރވޭ މަސައްކަތް ބާރަށް ކުރަމުންނެވެ. އެތަނުން މަށަށް އެނގުނީ އެކަމުގައި އިންޑިއާގެ އިންޓްރެސްޓް އޮތް ބޮޑުކަން. އެކަމުގައި އޮތީ ްއެމީހުންގެ ވަރަށް ބޮޑު އަމިއްލަ އެދުމެއްކަން.
2 0

މަރުޖާނު

15 ޑިސެމްބަރު 2023
@އައްޒުވީ ތިޔަ ފަދަ ގޮތަކަށް ތިލަމާލެ ބުރިޖްގެ މަސައްކަތެއް އިންޑިއާ އަކުން ނުކުރި. އެއީ ދިވެހިންނަށް ފައިދާހުރި ކަމަކަށްވީމާ. ކަމުންނޭ ކަން ބަލަންޖެހޭނީ މުސްކުޅި ބަހުގަ އޮންނަނީ އެހެންވީމައެވެ. ދިވެހީންނަށް މިހާރު ކަމުން ކަން ބަލަން ނޭގޭތީ ހިތާމައަކީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް