ހައިޑްރޯގްރަފީ ސާވޭ ހަދަން މީގެ ކުރިން ރާއްޖެއަށް އައި އިންޑިއާ ނޭވީގެ މަނަވަރެއް. (ފޮޓޯ/ޕީއެސްއެމް)

ރާއްޖެ އާއި އިންޑިއާ ގުޅިގެން އުތުރުގެ ބޮޑު ބައެއް ސާވޭކޮށްފި

ކުޅުދުއްފުއްޓާއި މާރަންދޫ އަދި ހޯރަފުއްޓަށް އުދައިގެ އޮބްޒަވޭޝަންތައް ކޮށްފައިވޭ؛ ކުރިއަށް އޮތް ތަނުގައި އުދައިގެ އަންދާޒާތައް ކުރެވޭނެ

އިންޑިއާގެ ކަނޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ތިންވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭގައި ރާއްޖޭގެ އުތުރުގެ ބޮޑު ބައެއް ސާވޭކޮށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައުލޫމާތު އިތުރުކޮށް، ނެވިކަމުގެ އެންމެ ފަހުގެ ޗާޓުތައް ތައްޔާރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި ސާވޭ ކުރީ މިދިޔަ ޖެނުއަރީ 19 އިން މިދިޔަ މަހުގެ 26 އަށެވެ.

މި ފަހަރު ސާވޭކޮށްފައިވަނީ:

  • އިހަވަންދިއްޕޮޅު

  • ތިލަދުންމަތި އަތޮޅު

  • ގައްލަންދޫ ކަނޑު

ތަފްސީލް - އެމްއެންޑީއެފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • މި ސާވޭގައި އެ އަތޮޅުތަކުގެ 6،308 ކިލޯމީޓާރުގެ ސައުންޑިން ކަވަރުކޮށްފައިވޭ

  • މި ސައުންޑިން ލައިންތަކުން 2،630 އަކަކިލޯމީޓަރުގެ ސާވޭއެއް ކުރި؛ އޭގެ ތެރޭގައި މުޅި އިހަވަންދިއްޕޮޅު އަތޮޅާއި ބޮޑުތިލަދުންމަތީގެ ބައެއް ހިމެނޭ

  • ސާވޭތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އިތުރުން ހެލިކޮޕްޓަރާއި އެހެނިހެން އުޅަނދުފަހަރުގެ އެހީގައި

  • ފައިމަގުގައި 88 ކިލޯމީޓަރު ސާވޭކޮށް، ގިނަ ސަރަހައްދުތަކެއްގައި މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައިވޭ

  • މި ސާވޭގައި އިހަވަންދިއްޕޮޅު ސަރަހައްދުން އަލަށް 52 ޝޯލް ފެނިފައިވޭ (ޝޯލް އަކީ ފެނުން މައްޗަށް ނާރާ ހުންނަ ފަސްގަނޑު ނުވަތަ ފިނޮޅު ފަދަ ތަންތަން؛ މި ތަން ތަނުގެ ސަބަބުން ކަނޑުދަތުރު ކުރާ މީހުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮވޭ)

ހައިޑްރޯގްރަފީ ސާވޭގައި ބޭނުން ކުރާ އިންޑިއާ ނޭވީ ބޯޓުގެ ދިރާސާ ޓީމުން ކޯސްޓްގާޑާއި އެންސީޓީޓީގެ އިސް އޮފިސަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/އެމްއެންޑީއެފް)

މި ސާވޭތަކުގެ ސަބަބުން ލިބޭނެ ކުރިއެރުންތަކުގެ ގޮތުގައި އެމްއެންޑީއެފްގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ:

  • އުޅަނދުފަހަރުގެ ނެވިކަމުގެ ރައްކާތެރިކަން އިތުރުވުން

  • އެންމެ ފަހުގެ ނެވިގޭޝަނަލް އަދި އިލެކްޓްރޯނިކް ޗާޓުތައް ހެދުން؛ މި ސާވޭގެ ސަބަބުން އިހަވަންދިއްޕޮޅާއި ތިލަދުންމަތި ހިމެނޭ ގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލްގެ ޗާޓު ޗާޕުކުރެވޭނެ

  • ރާއްޖޭގެ ކަނޑުގެ މަގުތައް މެޕްކުރެވުން

  • ކުޅުދުއްފުއްޓާއި މާރަންދޫ އަދި ހޯރަފުއްޓަށް އުދައިގެ އޮބްޒަވޭޝަންތައް ކޮށްފައިވޭ؛ ކުރިއަށް އޮތް ތަނުގައި އުދައިގެ އަންދާޒާތައް ކުރެވޭނެ

ގުޅުން ހުރި ކަމެއް - ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ފުރަތަމަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭ ހެދީ މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗުގައި އިންޑިއާގެ 'އައިއެންއެސް ދަރްޝަކުން' އުޅަނދުންނެވެ. އޭގެ ފަހުން، ދެވަނަ ޖޮއިންޓް ސާވޭ ކުރީ މިދިޔަ އަހަރުގެ އޭޕްރިލް އަދި މޭގައި 'އައިއެންއެސް ސުތްލެޖް' އިންނެވެ.

އެނގުން މުހިންމު - ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރުސަތު ދެ ގައުމަށް ވެސް އޮވެ އެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން:

  • އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން 

  • އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25

ހައިޑްރޯގްރަފީގެ ސާވޭން ތައްޔާރުކުރި ޗާޓުތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ރާއްޖެއަށް ލިބެންޖެހޭ ރޯޔަލްޓީ ފައިސާގެ ޗެކް 19 އޭޕްރީލް 2022ގައި ހަވާލުކުރަނީ. (ފޮޓޯ/ޑިފެންސް)

ހައިޑްރޯގްރަފީ ދާއިރާގައި ރާއްޖެ-އިންޑިއާގެ ގުޅުން:

  • މި ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ 8 ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 

  • ފުރަތަމަ ޖޮއިންޓް ކޮމިޓީ ބައްދަލުވުން ބާއްވަން އިންޑިއާގެ ވަފުދެއް ރާއްޖެ އައީ 26  ސެޕްޓެމްބަރު 2019ގައި 

  • މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފެއްދީ މިދިޔަ އަހަރުގެ މާޗު 7ގައި

  • ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ އޮބްޒާވަރެއްގެ ހައިސިއްޔަތުން 20 ވަނަ ނޯތު އިންޑިއަން އޯޝަން ހައިޑްރޮގްރެފިކް ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވެފައި

މި އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފަ އެވެ. އަދި މިއީ އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ހަރަކާތުގެ ތެރެއިން ވެސް ދެކޮޅަށް އަޑުއުފުޅާ އެއް ކަންތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް