މިދިޔަ މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުން: އެ ގައުމާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުގެ ވަކި ކޮމެންޓެއް ނެތް (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރާއްޖެއިން ހައިޑްރޮގްރަފީ އެއްބަސްވުން އާނުކުރުން: އިންޑިއާއިން ދެއްކީ އެ މަސައްކަތުގައި އެ ގައުމުގެ ތަޖުރިބާ

ރާއްޖެއިން އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫންއަށް ހަމަވާއިރު، އިތުރަށް އެއްބަސްވުން އާ ނުކުުރުމަށް މި ސަރުކާރުން ނިންމާފައިވޭ

ރާއްޖޭގެ ކަނޑުތަކުގެ ސާވޭ ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާ އެކު ސޮއިކުރި ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ނިންމުމުން، އެފަދަ މަސައްކަތް ކުރުމުގައި މި ސަރަހައްދުގައި އެންމެ ތަޖުރިބާކާރު އެއް ގައުމަކީ އިންޑިއާ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ކަނޑުއަޑި ދިރާސާކޮށް، ޗާޓް ކުރެހުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރާނެކަން މި ސަރުކާރުން ހާމަ ކުރީ މި މަހުގެ 14ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން:

  • އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު ޖޫން 4އަށް؛ ނަމަވެސް، އެއަށް ފަހު އިތުރަށް އެގްރިމަންޓް އާ ނުކުުރާނެ ކަމަށް އިންޑިއާއަށް މިހާރު ނޯޓިސް ދީފައިވާ ކަމަށް ދިވެހި ސަރުކާރުން އެ ދުވަހު ހާމަ ކުރި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ޓައިމްސް ނައުގެ ނޫސްވެރިޔާގެ ސުވާލަކަށްވީ ދިވެހި ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އިންޑިއާ އިން ދެކޭ ގޮތެވެ. ނަމަވެސް، އެ ސުވާލަަށް ސީދާ ޖަވާބު ދޭން އެ ގައުމުން ބޭނުމެއް ނުވި އެވެ. 

ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ، އިންޑިއާ އަކީ ހައިޑްރޯގްރަފީ ސާވޭ ހެދުމުގައި ޓްރެކް ރިކޯޑެއް އޮތް ގައުމެއް ކަމަށެވެ. އަދި އެ ދާއިރާއާ ގުޅުންހުރި އެކިއެކި ކަންކަމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކަށް އިންޑިއާއިން އެއްބާރުލުން ދެމުން ގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭގެ ސަބަބުން، މި ކަމުގައި [އަޅުގަނޑުމެންނާ] ބައިވެރިވާ ގައުމުތަކަށް ލިބޭ ފައިދާތައް ފެންނަން އެބަހުރި. [މި މައުލޫގައި އިތުރަށް މި ވާހަކަ ނުދައްކައި މި ޖަވާބު] މި ހިސާބަށް މި އަޅުގަނޑު ނިންމާލަނަން،" އެކަމުގައި އިންޑިއާ ސަރުކާރުން ދެކޭ ގޮތް ހޯދުމަށް އެހި އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި އަރިންދަމް ބަގްޗީ ވިދާޅުވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ: ހައިޑްރޯގްރަފީ އެއްބަވުން އާ ނުކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަށް އޭނާގެ ސީދާ ޖަވާބެއް ނެތް.

ރާއްޖެ-އިންޑިއާ ހައިޑްގްރޯގްރަފީ އެއްބަސްވުން:

  • ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަންނަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއް ގާއިމްކުރީ 8 ޖޫން 2019ގައި 

  • އެ އެއްބަސްވުމުގެ ދަށުން، އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ވެސް ގާއިމްކޮށްފައިވޭ؛ ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ދެ ގައުމަށް ކުރި ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާއަށް

  • ސިއްރު އެއް އެއްބަވުން ހާމަނުކޮށްގެން އޭރުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކަންބޮޑުވުން ފާޅު ކުރި؛ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި އެގްރިމަންޓެއް ކަމަށް ވެސް ބުނި

  • ސަރުކާރާ ހަވާލުވެ، އެއްބަސްވުން އާ ނުކުރުމަށް ނިންމީ ވެސް، އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން؛ ނަމަވެސް، އެއްބަސްވުން ހާމައެް ނުކުރޭ

  • ރައީސް އޮފީހުން ބުނެފައިވާ ގޮތުން، އެ އެއްބަސްވުމުގެ ދަށުން އެއްބަސްވުން އުވާ ނުލާ ނަމަ، އޮޓަމެޓިކުން ފަސް އަހަރަށް މުއްދަތު އިތުރުވާނެ

ކޮމެންޓް (1)

ނިޒާމް

22 ޑިސެމްބަރު 2023
އިންޑިއާ އަކު ނޮއޮންނާނެ ދިވެހީންގެ ތަޖްރިބާ އާ ކައިރިކުރާ ވަރުގެ ތަޖްރީބާއެއް ވެސް. އަދި އޮތަސް އޮތް ތަޖްރިބާއެއް އޮތީއެވެ. ދިވެހިރާއްޖެ ބޭނުންވާނީ ދިވޭހިންގެ އަމިއްލަ ތަޖްރިބާ ތަރައްގީކުރަން. އިންޑިއާ ތި ކަމުގައި ތަޖްރިބާ ބޮޑުވި ވަރަކަށް އަހުރެމެންގެ ސަލާމަތަށް އޮތީ ނުރައްކާ. އިންޑިއާ އިން ބުރިޖް އަޅަން އައި މީހުން 5 އަހަރު ވީއިރު ވެސް ފަތަން ދަސްކޮށް ނުނިމޭ. އެހެންވީމާ ކަނޑުގެ ތަޖްރީބާއޭ ކިޔައިގެން ވާހަކަ ދައްކާ އިރު ދިވެހީން ހިނގި މަގަކުން ވެސް އިންޑިއާ އަކަށް ނުހިނގޭނެ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް