ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި، މަޖިލިސް ރައީސް މުހައްމަދު އަސްލަމް (ފޮޓޯ/ މަޖިލިސް)

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅައިފި

އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޖުމްލަ 23 މެމްބަރުންގެ ސޮޔާ އެކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ދެންމެއަކު މަޖިލީހަށް ވައްދައިފި އެވެ.

ވީ ކިހިނެއް؟ - މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޖުމްލަ 23 މެމްބަރުންގެ ސޮޔާ އެކު އެވެ.

ތަފްސީލު - ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އަސްލަމް އާއި ހޯރަފުށި ދާއިރާ ތަމްސީލުކުރައްވާ ސަލީމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާ ގުޅުވައިގެންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ:

  • ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް، މިދިޔަ މަހުގެ 10ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އިއްތިފާގުން ނިންމައި މަޖިލީހަށް ހުށަހެޅި

  • އެ ރިޕޯޓާ އެކު އެ މައްސަލަ އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ އެޖެންޑާ ކުރީ ރިޕޯޓު ލިބުނުތާ އަށް ދުވަސް ފަހުން، މިދިޔަ މަހުގެ 18ގައި

  • އެ ރިޕޯޓާ މެދު އަމަލުކުރަން ޖެހޭ ގޮތް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ބަހުސް ކުރަން ފުރުސަތު ނުދީ އަދި އެ މައްސަލައިގައި ގޮތެއް ނިންމުމަށް ވޯޓަކަށް ނާއްސަވައި އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވި

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އަސްލަމް އަމަލުކުރެއްވީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީގެ 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

"އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށް ރިއާޔަތްކޮށް، ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ދެމިހުރުމަށް ކުރަމުން އައި އިތުބާރު އަޅުގަނޑުމެންނަށް ގެއްލިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަސްލަމް ވަކިކުރުމަށް އަޅުގަނޑުމެން ސޮއިކޮށް ހުށަހަޅަމެވެ،" ޕީޕީއެމްގެ ދެ މެމްބަރުންނާއި ޕީއެންސީގެ 14 މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުންގެ އިތުރުން އަމިއްލަ ހަތަރު މެމްބަރުން ވެސް ސޮއިކުރައްވާފައިވާ އެ ގަރާރުގައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، އެ މައްސަލައިގެ ގަރާރުގައިވާ ގޮތުން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް އަމަލުކުރެއްވިއިރު އެކަން ހުއްޓުވަން އޭނާ މަސައްކަތް ނުކުރެއްވުމުންނެވެ.

މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް (ސައްލެ). (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އަހަން މިއަަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން، ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވަމުން ގެންދަވާތީ އަދިވެސް ވޯޓަށް އެހޭ ގޮތެއް ނުވެ އެވެ. 

ޖަލްސާ މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ، ހަމަނުޖެހުން ހިންގާ ހިސާބަށް ވަނީ ގޮސްފަ އެވެ. އެގޮތުން، އެއް މެމްބަރަކު އަނެއް މެމްބަރަކު ގަޔަށް އަތްލައި ބައެއް މެމްބަރުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ވެސް މިހާރު ވަނީ ގެންގޮސްފަ އެވެ.

މަޖިލީހުގައި:

  • ޑިމޮކްރެސްޓްގެ މެންބަރުންގެ އަދަދަކީ - 13 

  • އެމްޑީޕީގެ މެންބަރުންގެ އަދަދަކީ - 44

  • ޖުމްލަ - 57

ކޮމެންޓް (3)

މުބީނު

29 ޖެނުއަރީ 2024
އަސްލަމަކީ ގައްދާރެއް! ސަލީމަކީ ނަހަމަ. ވަކިކުރަންޖެހޭ! ސުރީ ލަންކާއަށްގޮސް ރޭވުންތައް ރާވައިގެން މި ގައުމު ހަލާކު ކުރަން މަސައްކަތް ނުކުރޭ!
1 0

ރައްޔިތު މީހާ

28 ޖެނުއަރީ 2024
ދެންފަހެ މިވެރިންނަށް އިއްޒަތްތެރި ކިޔުމަށްވުރެ ހުތުރު ކަމެއްނުވެޔެވެ. އ.ހ.
0 0

ގުޑް

28 ޖެނުއަރީ 2024
އެހެންވީމަ އާޚިރުގައި ޑިމޮކްރެޓްސް މިވީ އެމްޑީޕީ ސަލާމަތްވުމުގެ އައްޑަނައަށް. 13 މެންބަރުންނާއެކު. ސަޅި ޕޮލިޓިކްސް އެއް. އެމްޑީޕީން ވަކިވެ ޕީއެންސީއަށް މިދިޔަ މެންބަރުންނަކީ އޭރުވެސް މިހާރުވެސް ސަރުކާރު މުއްފަތުން އުޅުނު މީހުން. ޑިމޮކްރެޓްސް އުފެދުނީ ވެސް މި މީހުންގެ އުނދަގުލާ ހެދި. ފައިނަލީ އަންނި ނެތަސް އަންނި އެމްޑީޕީ އެ ސަލާމަތްކޮށްދެނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް