ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމަށް އަނިޔާވެގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
މަޖިލިސް ތެރޭގައި މާރާމާރީ ހިންގައި ބައެއް މެމްބަރުން ޒަހަމްވެއްޖެ
ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ރިޔާސަތު މޭޒު ކައިރީގައި މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެން ބައެއް މެމްބަރުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ކެބިނެޓަށް ރުހުން ދިނުމުގެ ވޯޓު އެންމެ ފުރަތަމަ ތާވަލްކުރީ މިއަދު މެންދުރު ފަހު 1:30 އަށެވެ. ނަމަވެސް، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީންނާއި ޑިމޮކްރެޓްސް އިން ނިންމުމުން، ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ޖަލްސާ ހުއްޓުވާފަ އެވެ. ހަވީރު 3ގައި ޖަލްސާ އަލުން ފަށާނެކަން އަންގައި ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ޖަލްސާ ފެށޭ ގޮތެއް ނުވެ އެވެ.
މަޖިލިސް ތެރޭގައި މިވަގުތު ތިބި މެމްބަރުން ހިއްސާ ކުރަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އަދިވެސް ދަނީ އިހުތިޖާޖުކޮށް، ޖަލްސާ ބޭއްވުމަށް ހުރަސް އަޅަމުންނެވެ.
ތަފްސީލް - ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތު މޭޒު ކައިރިއަށް އެއްވެ، ދުންމާރި ފުންމަވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތުން ދުރުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމްޑީޕީގެ މެމްބަރުން އަސްލަމްއަށް ހިމާޔަތް ދެއްވުމަށް މަސައްކަތް ކުރައްވާ ތަން ވީޑިއޯތަކުން ފެނެ އެވެ. އަދި:
-
އެކަމުގެ ތެރެއިން މެމްބަރުން އެކަކު އަނެކަކު ގަޔަށް އަތްލައި ކޮށްޕާ ހަދާ ތަނާއި ބައެއް ބޭފުޅުން ރިޔާސަތު މޭޒު ކައިރިއަށް ވެއްޓޭ ތަން ވެސް ފެނޭ
-
އެކަމުގެ ތެރޭގައި ބައެއް މެމްބަރުންނަށް އަނިޔާވި ކަމަށް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވޭ
މަޖިލިސް ތަޅުމުގައި މެމްބަރުން މާރާމާރީ ހިންގައިފި. ރިޔާސަތުގައި މަޖިލީހުގެ ރައީސް އަސްލަމް އިންނެވިއިރު، އޭނާގެ ވަށައިގެން ތިއްބެވި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް-ޕީއެންސީ މެމްބަރުންގެ މެދުގައި މާރާމާރީ ހިންގާފައިވޭ.
— Dhauru (@Dhaurunews) January 28, 2024
އިތުރަށް ކިޔާލަން: https://t.co/PLXaRYGUkA pic.twitter.com/GCfs9DpJi8
ޕީއެންސީއާ މިފަހުން ގުޅިވަޑައިގެންނެވި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމަަށް އަނިޔާވެ، ސްޓްރެޗަރެއްގައި އޭނާ މަޖިލިސް ތަޅުމުން ނެރޭ މަންޒަރު އެ ސަރަހައްދުގައި ހުރި 'ދައުރު'ގެ ފޮޓޯގްރާފަރަށް ފެނިފައިވެ އެވެ. އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ބައެއް މެމްބަރުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވެ އެވެ. މި ދެ މެމްބަރުންނަކީ ވެސް އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ނަމަވެސް ވެރިކަން ބަދަލުވި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ދެ މެމްބަރުންނެވެ.
Member Zareer aa hamalaa dhee varah bodah zakham kollaifi. Hamalaa dhinee baeh MDP memberun pic.twitter.com/OQ74GOSKOL
— Ibrahim Shareef (@AdduShareef) January 28, 2024
އެނގުން މުހިއްމު - މިއަދުގެ ޖަލްސާ ހޫނުވެ، ޖަލްސާ ކުރިއަށްގެންދިޔުމަށް ހުރަސްއަޅައި ތަޅުމުގައި އިހުތިޖާޖު ކުރަން ފެށީ، އިދިކޮޅު އެމްޑީޕީންނާއި އެ ޕާޓީއާ އެކު މަސައްކަތް ކުރަން އެއްބަސްވެފައިވާ ޑިމޮކްރެޓްސް އިން ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުންނެވެ.