ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މިރޭ ޖަލްސާ ފަށަން ހުރަސް އަޅަނީ.
މައިކު އަތުލުމާއި ހަޅޭކުގެ ތެރޭގައި ވަޒީރުންނަށް ވޯޓަށް ނޭހި ޖަލްސާ ނިންމާލައިފި
4 ފަހަރު އުޅެގެން ވެސް ވޯޓަށް ނޭހުމުން ޖަލްސާ ނިންމާލައިފި
އަނެއްކާވެސް ޖަލްސާ ފެށުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ ޖަލްސާ ނިންމާލައިފި. މި ފަހަރު ޖަލްސާ ފެށިއިރު، މަޖިލީހުގެ ރައީސް އަސްލަމް އިންނެވީ، ސުވާލުކުރަން ހާޒިރުކުރާ ވަޒީރުން ތިއްބަވާ ތަނުގައި. އެއީ ސަރުކާރުގެ މެމްބަރުން ރިޔާސަތު މޭޒުގައި ހުރި މައިކު ކުރިން ނެގުމުން. އަސްލަމް ވަނީ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް މެމްބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައި. ވަޒީރުންނަށް ވޯޓަށް އެހުމަށް ވޯޓުގެ ރަނގަބީލު ވެސް ޖެއްސެވި. ނަމަވެސް، ޖަލްސާގެ ނިޒާމު ގެއްލުމުން، އަސްލަމް ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމަވައި ޖަލްސާ ނިންމާލެއްވިކަން އިއުލާންކުރައްވާފައި.
ޖަލްސާ ފަށަން ތިން ވަނަ ފަހަރަށް މަސައްކަތްކޮށްގެން ވެސް ކާމިޔާބު ނުވުމުން އަނެއްކާވެސް ޖަލްސާ މެދުކަނޑާލައިފި.
މަޖިލީހުގެ ޖަލްސާ ފެށޭތޯ މަޖިލީހުގެ ރައީސް އަސްލަމް މަސައްކަތް ކުރައްވަމުން އެބަގެންދަވާ. ނަމަވެސް، ސަރުކާރުގެ މެމްބަރުން ގެންދަވަނީ ރިޔާސަތު މޭޒު ވަށާލައިގެން ތިއްބަވައި ދުންމާރި ފުމެ، ޖަލްސާ ފަށަން ހުރަސް އަޅަމުން. ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު ވަނީ ރިޔާސަތުގެ މައިކު ނަގައިގެން ގެންގޮސްފައި.
މަޖިލީހުގެ ބައެއް މެމްބަރުން ދެންމެއަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު މިރޭ 8ގައި ނެގޭތޯ މިހާރު އަންނަނީ މަސައްކަތް ކުރަމުން.
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމަށް އަނިޔާވެގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފި.
މަޖިލިސް ތަޅުމުގައި މެމްބަރުން މާރާމާރީ ހިންގައިފި. ރިޔާސަތުގައި މަޖިލީހުގެ ރައީސް އަސްލަމް އިންނެވިއިރު، އޭނާގެ ވަށައިގެން ތިއްބެވި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް-ޕީއެންސީ މެމްބަރުންގެ މެދުގައި މާރާމާރީ ހިންގާފައިވޭ.
— Dhauru (@Dhaurunews) January 28, 2024
އިތުރަށް ކިޔާލަން: https://t.co/PLXaRYGUkA pic.twitter.com/GCfs9DpJi8
މަޖިލިސް ތަޅުމުގައި މެމްބަރުން މާރާމާރީ ހިންގައިފި. ރިޔާސަތުގައި މަޖިލީހުގެ ރައީސް އަސްލަމް އިންނެވިއިރު، އޭނާގެ ވަށައިގެން ތިއްބެވި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް-ޕީއެންސީ މެމްބަރުންގެ މެދުގައި މާރާމާރީ ހިންގާފައިވޭ.
3 ޖަހާއިރު ޖަލްސާ ފަށަން މަސައްކަތް ކުރަނީ
މަޖިލީހުގެ ބައެއް މެމްބަރުން ދެންމެ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ރިޔާސަތުގައި މި ވަގުތު އިންނެވީ މަޖިލީހުގެ ރައީސް އަސްލަމް. ނަމަވެސް، އެ މަނިކުފާނު ވަށާލައިގެން ޕީޕީއެމް-ޕީއެންސީގެ މެމްބަރުން އިހުތިޖާޖު ކުރަމުން އެބަގެންދަވާ. ހަވީރު 3ގައި ޖަލްސާ ފަށާނެކަން މެމްބަރުންނަށް މިހާރު ވަނީ އަންގާފައި.
މަޖިލީހުގެ ޖަލްސާ އަދިވެސް ނުފެށޭ. މަޖިލިސް ކުރާ ގޭގެ ބޭރުގައި ހުންނަވައި މީޑިއާތަކާ ވާހަކަދައްކަވަމުން، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއީ ސީދާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް. ކުރިއަށް އޮތް އިންތިހާބަށް ފަހު މަޖިލިސް ބަދަލުވުމާ އެކު، "ދެން އެ ބޭފުޅުންގެ [އިދިކޮޅު މެމްބަރުންގެ] ބޭނުމެއް ނޯންނާނެ" ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުން ހުއްޓުވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި.
-
އިތުރަށް ކިޔާލަން - މިއީ ސޯލިހު އަޑީގައި ހުންނަވައިގެން ކުރާ ކަމެއް: އަބްދުއްރަހީމް
ވެރިކަން ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް މަޖިލިސް އިދާރާ ކައިރީގައި މި ވަގުތު އެބަތިއްބެވި. އޭގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ހިމެނިވަޑައިގަންނަވާ.
އިދިކޮޅު މެމްބަރުންނަށް ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް އެތެރެއިން ތަޅުލާފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ. ތަޅުމުގައި މި ވަގުތު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ގެންދަވަނީ އިހުތިޖާޖު ކުރައްވަމުން.
ޖަލްސާ ނުފެށި ލަސްވަނީ، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅުން ނިންމުމުން، ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ތަޅުމުގައި އިހުތިޖާޖު ކުރައްވާތީ.
ކެބިނެޓަށް ރުހުން ދިނުމާ މެދު ވޯޓަށް އެހުން މިއަދު މެންދުރު ފަހު 1:30ގައި ފަށަން ތާވަލްކޮށްފައިވޭ. ނަމަވެސް، ޖަލްސާ އަދި ނުފަށާ. ސަރުކާރަށް ތާއީދުކުރާ ބަޔަކު މި ވަގުތު ދަނީ މަޖިލިސް ކުރާ ގޭގެ ދޮށުގައި، ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލައި އަޑުއުފުލަމުން.
ކެބިނެޓަށް ރުހުން ދިނުމުގެ ވޯޓު ނަގަން ކުޑަތަން ވެފައި ވާއިރު، ވަޒީރުންނަށް ރުހުން ދޭން ގޮވާލައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަޖިލިސް އިދާރާ ކައިރީގައި އަޑުފުލަނީ.
— Dhauru (@Dhaurunews) January 28, 2024
ލައިވް: https://t.co/PLXaRYGUkA pic.twitter.com/aDU8sF1vVJ
އެމްޑީޕީން ނިންމާފައި ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން. އެއީ:
-
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
-
ބަންޑާރަ ނައިބު އަހުމަދު އުޝާމް
-
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
-
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
ޑިމޮކްރެޓްސް އިން ވެސް ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމާފައި. އެއީ:
-
ފޮރިން މިނިސްޓަރު މޫސާ ޒަމީރު
-
ބަންޑާރަ ނައިބު އުޝާމް
-
އިސްލާމިކް މިނިސްޓަރު ޝަހީމް
-
ހައުސިން މިނިސްޓަރު ހައިދަރު
ވޯޓަށް އެހުން އޮތީ މިއަދު މެންދުރު ފަހު 1:30ގައި ކަމަށް ރިޔާސަތުން އިއުލާންކުރުމަށް ފަހު، ޖަލްސާ މެދުކަނޑާލައިފި.
ބަހުސްގެ ވަގުތު ނިމިއްޖެ.
މާމިިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް (ޖޭޕީ):
-
ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން އިންތިހާބުކުރި ރައީސަކުު ފޮނުވި ކެބިނެޓަށް ރުހުން ދިނުމަށް ކޮމިޓީން ނިންމާފައި ވާއިރު، އެއީ ކެބިނެޓަށް ރުހުން ދޭން ޖެހޭ ސަބަބެއް. މިހާތަނަށް އައި ހުރިހާ ސަރުކާރެއްގައި ވެސް ފުރަތަމަ ކެބިނެޓަށް ރުހުން ދީފައިވޭ. ވަޒީރަކު ވަކި ކުރަނީ ފަހުން މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އެ މައްސަލައެއް ބެލުމަށް ފަހު. ކެބިނެޓަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް. ރައްޔިތުން އާ ސަރުކާރެއް އިންތިހާބު ކުރީ ކުރިން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އިތުބާރު ނެތުމުން.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު (އެމްޑީއޭ):
-
ވަޒީރުންގެ މަޖިލިސް އެކުލަވާލުމަކީ ރައީސަށް ލިބިދީފައިވާ ބާރެއް. ވަޒީރުންނަށް ރުހުން ނުދީ މިހާ ގިނަ ދުވަސް ވުމަކީ ވެސް މައްސަލައެއް. އެންމެ ފުރަތަމަ ވެސް ކޮމިޓީގެ ރިޕޯޓް އަނބުރާ ފޮނުވާލީ އެއްވެސް އަސާސެއް ނެތި، "ސަކަރާތް" ޖަހަން.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް (ޕީއެންސީ):
-
ބަލަންވީ ސިޔާސީ ތަޅާފޮޅުންތަކަށް ނުބަލައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް. ހުރިހާ ވަޒީރުންނަށް ދިނުމަށް ކޮމިޓީން ނިންމާފައި ވާއިރު، ރުހުން ނުދިނުމަކީ ކުރެވޭނެ ކަމެއް ނޫން. މަތިބަރު ސަރުކާރެއްގެ ވާހަކަ ދައްކާއިރު، ކެބިނެޓާއި ސިޔާސީ މަގާމުތަކުގެ އަދަދު ގާނޫނުގައި ކަނޑައެޅުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް. އެކަން ނުކޮށް، މަތިބަރު ސަރުކާރެއްގެ ވާހަކަ ދެއްކުމަކީ ތާކުންތާކު ނުޖެހޭ ވާހަކައެއް. ކޮރަޕްޓް ސަރުކާރެއް ބަދަލުކުރަން ނުކުތް ބަޔަކު، އެ ސަރުކާރުގައި ތިބި މީހުންނާ ގުޅިގެން މި ސަރުކާރު ބަދަލުކުރަން ނުކުތުމަކީ ތާކުންތާކު ނުޖެހޭ ކަމެއް.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (ޑިމޮކްރެޓްސް):
-
މަޖިލީހުގެ މެމްބަރުންނާއި އެކި މީހުންނަށް ރިޝްވަތު ދީގެން ރާއްޖެ ހަރާބުކުރަން ފުރުސަތެއް ނުދޭނަން. ރާއްޖޭގެ ވެރިކަމަށް ކޮރަޕްޓް މީހަކު އަތުވެއްޖެ ނަމަ، އަވަހަށް އެ މީހަކު ވަކިކުރެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭ. މަޖިލީހަކީ އަމިއްލަ މުއްސަނދިކަން ހޯދަން އަންނަ ތަނަކަށް ވެފައި އޮތް އޮތުން ހުއްޓުވަން އެބަ ޖެހޭ. ވެރިކަމަށް އައުމަށް ދައްކަނީ އެހެން ވާހަކައެއް، ރައްޔިތުންނަށް ދައްކަނީ އެހެން އުންމީދުތަކެއް. އެކަމަކު ވެރިކަމަށް އައުމަށް ފަހު އަމަލު ކުރަނީ މުޅިން އެހެން ގޮތަކަށް. ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަކީ ފަސޭހަ ކަމެއް ނޫން
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (އެމްޑީޕީ):
-
މަޖިލީހުގެ ރުހުން ހޯދަން ފޮނުވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަސް ޝަރުތަށް އެކަނި ބަލަން ކަމަށްވާ ނަމަ، އެއީ މަޖިލީހަށް ފޮނުވަން ވެސް ޖެހޭ ކަމެއް ނޫން. ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވަނީ ހަމައެކަނި އެ އާދައިގެ ޝަރުތުތަކަށް ބަލާކަށް ނޫން. އޭގެ ބަދަލުގައި، އެއީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި ބައެއްކަން ކަށަވަރުކުރަން ޖެހޭ. ވަޒީރުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެއީ ހިތުހުރި ގޮތަކަށް ވަޒީރުން އައްޔަން ކުރަން ލިބޭ ހުއްދައެއް ނޫން.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޕީޕީއެމް):
-
އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އެކުލަވާލި ހުރިހާ ސަރުކާރެއްގެ ވެސް ފުރަތަމަ ކެބިނެޓަށް މަޖިލީހުން ރުހުން ދީފައިވޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ކެބިނެޓް މަޖިލީހަށް ފޮނުވިއިރު، އެމްޑީޕީގެ މެޖޯރިޓީއެއް ނެތް. އޭރު މެޖޯރިޓީ އޮތީ ޕީޕީއެމް އާއި ޖޭޕީއަށް. ނަމަވެސް، ރައީސް ސޯލިހްގެ ކެބިނެޓަށް ވެސް ރުހުން ދިން. ވަޒީރުންގެ މަޖިލިސް އައްޔަންކުރުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ބާރެއް. މަޖިލީހުގެ ކޮމިޓީން ރުހުން ދީފައި ވަނިކޮށް، އެއްވެސް ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލީހުގެ ތަޅުމުން ނިންމުމަކީ ހަމަޖެހޭ އުސޫލެއް ނޫން. ބައެއް ވަޒީރުންނާ މެދު ބައެއް ސިޔާސީ ލީޑަރުން ހިތްހަމަނުޖެހުމަކީ ރުހުން ނުދިނުމަށް އޮތް ސަބަބެއް ނޫން. ދެ ޕާޓީގެ ސިޔާސަތު ތަފާތުވުމަކީ ވެސް، ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނޫން.
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް:
-
ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް، ކަމާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ނިންމާފައިވަނީ ރަނގަޅަށް. ގާނޫނުއަސާސީއާ ތައާރުޒް ނުވާ ނަމަ، ކޮންމެ ސަރުކާރެއްގެ ވެސް ފުރަތަމަ ކެބިނެޓަށް ރުހުން ދޭން ޖެހޭނެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ ގޮތަކީ ވެސް އެއީ. އެއްވެސް ވަޒީރެއްގެ މައްސަލަ އުޅޭ ނަމަ، އެ މައްސަލައެއް ބެލުމަށް ފަހު، އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ފުރުސަތު އޮންނާނެ.
ކޮމިޓީ ރިޕޯޓް އިއްވާ ނިމުމާ އެކު، އެ ރިޕޯޓަށް ބަހުސްކުރަން ޖުމްލަ 30 މިނިޓް ލިބޭނެ ކަމަށް ރިޔާސަތުން އިއުލާންކޮށްފި.
ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދޭން
ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް. ނަމަވެސް، ތަޅުމުގައި ވޯޓު ނަގަން ހުށަހަޅާފައި ވަނީ ކޮންމެ މިނިސްޓަރަކަށް ވަކިވަކިން.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓް އިއްވަން ފަށައިފި.
އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ، މަޖިލިސް އެކުލެވިގެންވާ ގޮތަށް އައިސްފައިވާ ބަދަލުތައް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ދެންމެ އިއުލާންކުރައްވާފައި. އެގޮތުން، މިހާރު މެމްބަރުން ބެހިގެންވާ ގޮތަކީ:
-
އެމްޑީޕީ: 44
-
ޕީއެންސީ: 14
-
ޑިމޮކްރެޓްސް: 13
-
ޕީޕީއެމް: 2
-
އެމްޑީއޭ: 2
-
ޖޭޕީ: 2
-
އަމިއްލަ: 3
އެއާ އެކު، މަޖިލީހުގެ މައިނޮރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުކަން ވެސް ރިޔާސަތުން ވަނީ އިއުލާންކުރައްވާފައި.
މި ޖަލްސާގެ އިރުކޮޅެއް ކުރިން، މިހާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ ޑިމޮކްރެޓްސް އިން ވަނީ ބަޔާނެއް ނެރެފައި. އެ ބަޔާނުގައި ޑިމޮކްރެޓްސް އިން ބުނީ، ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭތީ، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށް.
"ދަ ޑިމޮކްރެޓްސް ގަބޫލުކުރާގޮތުގައި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.
"އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގަ އެވެ. އެގޮތުން، ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެ ގޮތުގެ މަތީންނެވެ."
އެޖެންޑާގައި ފުރަތަމަ އޮތީ، ބިމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން. އެއަށް ފަހު އޮތީ އިންތިހާބުތަކުގެ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ޖަލްސާ ފަށައިފި. ޖުމްލަ 49 މެމްބަރުން ހާޒިރުވެ އެބަތިއްބެވި.
ކެބިނެޓަށް ރުހުންދިނުމުގެ މަސައްކަތުގެ އިތުރުން އިންތިހާބާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހުށަހެޅި އިސްލާހު އެޖެންޑާގައި ހިމަނައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާ މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މި ޖަލްސާގެ އެޖެންޑާގައި ހިމެނެނީ:
-
ބިމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން
-
އިންތިހާބުތަކުގެ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
މީގެ އިތުރުން، ތިން ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނެސްފައިވާ މައްސަލަ ކޮމެޓީއަށް ފޮނުވުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު ވެސް ހިމަނާފައިވެ އެވެ.
ކޮމެންޓް (1)
ޓެކުސް ފައިސާ