މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަން ކުރާ ކޯލިޝަނުގެ އިސް ބޭފުޅުން (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ؛ ބަލިކަށްޓެއް ނުވާނެ: އަބްދުއްރަހީމް
މައި އިދިކޮޅު ޕާޓީ އެމްޑީޕީ އާއި "ސަރުކާރު ޒިންމާދާރުކުރުވަން" އެ ޕާޓީއާ އިއްޔެ ބައިއަތު ހިފި ޑިމޮކްރެޓްސް އިން މަސައްކަތް ކުރަނީ ސަރުކާރު ހުއްޓުމަކަށް ގެންނަން ކަމަށާއި، އެ ކަމެއް ނުކުރެވޭނެ ކަމަށް، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީީ އާއި ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލިސް ތެރެއިން އެކުގައި މަސައްކަތް ކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އެ މަސައްކަތުގެ ތެރެއިން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ލިމިޓެއް ކަނޑައެޅުމަށް ގާނޫނީ ފަރުވާ ހޯދަން ނިންމާފައިވާ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.
ތަފްސީލް - އެ ވާހަކަތަކަށް އިޝާރާތްކުރައްވައި، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތަކީ ސަރުކާރު ހުއްޓުވުމަކަށް ގެންނަން ކުރަން އުޅޭ ކަމެއް ކަމަށެވެ.
"... އެ ބޭފުޅުން އެ އުޅެނީ މުޅިން އެހެން ވިސްނުންފުޅެއްގައި. އޭގެ ތެރޭގައި ހަމައެކަނި ދެއްކެވީ އެ ވާހަކައެއް [މަޖިލިސް މެންބަރުންގެ އަދަދު ކަނޑައެޅުމުގެ] ނޫންތާ. އެއާ އެކީގައި ވިދާޅުވި ކަމަށް ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ލިމިޓު ކުރުމަށް ވެސް ގާނޫނަށް އިސްލާހެއް ގެންނަވާނެ ވާހަކަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ، މަޖިލިސް މެންބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަށް އިދިކޮޅުން ހުށަހަޅަން ނިންމާފައިވާ އިސްލާހަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައިފަ އެވެ.
"އެހެންވީމާ އެބަ އެނގޭތާ މި އުޅެނީ ކޮންމެހެން ލިބޭ އާމްދަނީން [ނުވެގެން ނޫންކަން]. މި އުޅެނީ ސަރުކާރު ހުއްޓުވުމަކަށް ގެންނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށް ވެސް ހީފުޅުނުކުރައްވާށޭ ސަރުކާރު މިއީ ވަރަށް ބަލިކަށި ސަރުކާރެކޭ، ސަރުކާރު ހުއްޓުވުމަކަށް ގެނެވިދާނެޔޭ. އެ ކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރައްޔިތުުންގެ ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބުވެފައިވާ ސަރުކާރެއް ކަމަށާއި އެމްޑީޕީއަށް ވެރިކަން ކުރަން ނޭނގޭކަން ރައްއްޔިތުން ނިންމާފައިވާ ކަމަށެވެ.
"އެމްޑީޕީއަށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުގެނެވުނޭ، ކުރިއެރުމެއް ނުގެނެވުނޭ، އަމާންކަމެއް ނުގެނެވުނޭ، ހަމަޖެހުމެއް ނުގެނެވުނޭ. އެހެންވީމާ ތިމަންނާމެން ބޭނުންވަނީ ބަދަލެކޭ. ބަދަލެއް ބޭނުންވީމާ، ފަސް ހަ ކެނޑިޑޭޓުން ކުރިމަތިލައިގެން ރައްޔިތުން އިހުތިޔާރު ކުރީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުު،" އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަނެއްކާ އަޅުގަނޑުމެން ނުކުރާނަން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެެއް."
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމަކީ ރައީސްއަށް ގާނޫނުއަސާސީން ލިބިދޭ ބާރެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއާ އެކު، އޭނާ ވަނީ އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީއަށް އޮތް އިރު ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ސިޔާސީ މަގާމުތަކުގެ ވަކި އަދަދެއް ކަނޑަނޭޅީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.
"1200، 1300 އަދި 1400އަށް ދަންދެން ސިޔާސީ މަގާމުތައް އިތުުރު ކުރީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ރައީސް ވިދާޅުވީ 700އަށް ވުރެ އިތުރު ނުކުރައްވާނެ ވާހަކަ. މިހާތަނަށް އައި އިރު އެ އަދަދާ ކައިރި ވެސް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މަސައްކަތުން ނަތީޖާ ނެރޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް މި އުޅެނީ ބޭކާރު ކަންކަމަށް ވަގުތު ހޭދަކުރާކަށް ނޫން. އެހެންވީމާ އިދިކޮޅުން އެ ދައްކަނީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ މި ސަރުކާރު ހުއްޓުވުމަކަށް ގެންނަންް ކުރާ މަސައްކަތަކަށް ޖާގައެއް ނުދޭނަން. ވަރަށް ސާފު. އެ ކަމެއް ނުކުރެއްވޭނެ،" މަޖިލިސް ތެރެއިން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ފުރުސަތު ނުދޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.