ރައްޔިތުންގެ މަޖިލިސް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މަޖިލީހާއި ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައަޅަން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ބިލުތަކެއް ހުށަހަޅަނީ

އޭގެ ތެރޭގައި މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދީ ހިފެހެއްޓުމުގެ ބިލެއް ވެސް ހިމެނޭ
24 ޖެނުއަރީ 2024

ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލުތަކެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ފާހަގަކޮށްލެވޭ - އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމާއި ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައެޅުން ފަދަ ބިލުތައް ހިމެނޭ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.

ވީ ކިހިނެއް؟ - އެކަން އިއުލާންކުރީ އެ ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ދެ ޕާޓީ ގުޅިގެން ހުށަހަޅާ ބިލުތަކާ ބެހޭ ބައެއް ތަފްސީލު ހިއްސާކުރައްވާފަ އެވެ.

ތަފްސީލު - އޭގެ ތެރެއިން އެއް ބިލަކީ އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެސްގެން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ހިފެހެއްޓުމެވެ.

ހަސަން ވިދާޅުވީ މިހާރު ގާނޫނު އޮންނަނީ މެމްބަރުންގެ އަދަދު އިތުރުވަމުން، އިތުރަމުންދާ ގޮތަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގާނޫނުއަސާސީގައި އޮތް ގޮތަށް ކަނޑައަޅަމުން ގެންދިޔައިމަ، އެ އަދަދު އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންނުވާ ދަރަޖައަކަށް އިތުރުވަމުން ދާ އުސޫލެއް މިހާރު އެ އޮތީ ގާނޫނު އަސާސީން ކަނޑައެޅިފައި،" ހަސަން ވިދާޅުވި އެވެ. 

"އެހެންވީމަ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައި ވާނެ ކަމެއް ގާނޫނުއަސާސީއަށް މި ދެންނެވި އިސްލާހު ގެނައުމަށް. އޭގެ މާނައަކީ ވަކި އަދަދެއްގައި މަޖިލިސް މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން."

އެ ދެ ޕާޓިން ދެން މަޝްވަރާ ކުރި ކަމަކީ މި ސަރުކާރު އައިފަހުން ރައީސް ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދިއުމެވެ.

"ހާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންގެ ނަމުގައި އިތުރުކުރައްވަމުން އެ ގެންދަވާ އަދަދުތަކަކީ ރާއްޖޭގެ އިގްތިސާދަށް ބަލާއިރު އަޅުގަނޑުމެންނަށް މައްސަލައެއްގެ ގޮތުގައި ފެންނަ ވަރަށް ބޮޑު މައްސަލައެއް،" ހަސަން ވިދާޅުވި އެވެ.

"އެއީ [ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް] ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނާނެ އަދަދުތަކެއް ކަމަށް ކަނޑައަޅަން އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް އެއްބަސްވެވޭތީ އެ ބަދަލުވެސް ގާނޫނުއަސާސީއަށް ވެސް އަދި ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ކަމަށްވާނަމަ އެ ގާނޫނަށް ވެސް އެ ބަދަލެއް ގެނައުމަށް މަޝްވަރާ ކުރެވި، ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ ދެ ވަނަ ކަމަކީ އެއީ."

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް ކުރާނެ އުސޫލެއް ކަނޑައެޅިފައި ނެތުމާއި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރުމަކީ ވެސް، ހަސަން ވިދާޅުވި ގޮތުގައި ދެ ޕާޓީން މަޝްވަރާކޮށްފައިވާ ކަމެކެވެ.

އުސޫލެއް ނެތި، ސަރުކާރުގެ އިސް ބޭފުޅުން ބޭނުން ގޮތަކަށް ކުންފުނިތައް ހިންގަން ދިމާކުރުމުން ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދޭނެ ގޮތާއި ރެގިއުލޭޓު ކުރެވޭނެ ގޮތް ގާނޫނަކުން ކަނޑައަޅަން އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ. އެހެންވީމަ އެއީ ވެސް ގާނޫނުއަސާސީއަށް އަދި ގާނޫނަށް ވެސް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިއްޔާ އެ މަސައްކަތް ކުރަން އެއްބަސް އެބަ ވަން،" ހަސަން ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ތިން ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނައިރު، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ދެ ޕާޓީ ގުޅިގެން މިއަދު ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް