18 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުގައި ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއިން ދައުލަތުގެ ވަކީލުން.
ޔާމީން އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ނަންބަރު ދިމާނުވާތީ ސުވާލު އުފެދިއްޖެ
ރިސޯޓު ހަދަން ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ޗެކް ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަމްބަރު ދިމާނުވާތީ، ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ސުވާލު އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރު 12ގަ އެވެ. ގާތްގަނޑަކަށް 30 ގަޑިއިރުގެ އަޑުއެހުންތަކަށް ފަހު، މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމާލީ މިދިޔަ މަހުގެ 5ގަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވަނީ ޔާމީންގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުމަކާ ގުޅިގެން ބައެއް ކަންކަން ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ބޭނުންވާތީ އެވެ.
ތަފްސީލް - ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ޔާމީންގެ ފަރާތުން ބުނެފައިވަނީ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރަކީ ވޮޑަމުލާއާ ގުޅޭ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަމުން ދިޔަ އިރު، ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރާ، އެސްއޯޢެފްގެ އެކައުންޓް ސްޓޭޓްމަންޓުގައިވާ ނަންބަރާ ދިމާނުވާކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ.
ޔާމީންގެ މައްސަލަ ހައި ކޯޓުން ނިމުމު ފަހުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އެ ޗެކް ނަންބަރު ހިމެނިފައިވާތީ، ޔާމީންގެ ފަރާތުން އެ ނުކުތާ ހުށަހެޅި އެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން ބެންޗުން ވަނީ މިއަދު ސުވާލުކޮށްފަ އެވެ.
ބެންޗުން ފުރަތަމަ ސުވާލުކުރީ ދައުލަތަށެވެ. ފަނޑިޔާރު ވަނީ ޗެކު ނަމްބަރު ދިމާނުވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އަދި އެއީ މައްސަލައިގައި ވާހަކަދެކެވޭ އެއް މިލިއަން ޑޮލަރުގެ ޗެކުތޯ ސާފުކުރެއްވި އެވެ.
ދައުލަތުގެ ޖަވާބު - ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް ވިދާޅުވީ އެއީ ވާހަކަ ދެކެވޭ ޗެކު ކަމަށާއި ޗެކު ނަމްބަރުގައި މައްސަލައެއް ދިމާވި ކަމަށް ބެލެވެނީ، ބޭންކް ސްޓޭޓްމަންޓް ތައްޔާރުކުރި ފަރާތުން ނަންބަރު ސިސްޓަމަށް އެންޓާކުރި އިރު އޮޅިގެން ކަމަށެވެ.
"އެ ޗެކަކީ މޮރިޝަސް ކޮމާޝަލް ބޭންކުގެ ޗެކެއް. ޗެކު އެންޓާކުރި އިރު ހަތަރަކާއި ފަހަކާ ދެ އަދަދު އޮޅިފައިވާކަމަށް ބެލެވެނީ،" ވަކީލު ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ޗެކް ޑިޕޮސިޓް ސްލިޕަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދާފައިވާ ސްލިޕެއް ކަމަށާއި އެއީ ބޭންކުން ޗެކް ޕްރޮސެސް ކުރުމަށް ފަހު ބޭންކުގައިވާ ސްލިޕް ކަމަށެވެ. ވަކީލް ވިދާޅުވީ ޑިޕޮސިޓް ސްލިޕާއި ބޭންކް ސްޓޭޓަމަންޓުގައިވާ ތާރީހާއި ޖަމާކުރި އަދަދު ވެސް ދިމާވާ ކަމަށެވެ.
އެ ޗެކަކީ އެ ފައިސާކަން، ބަޔާންތަކާއި އެހެން ލިޔުންތަކުން ވެސް އެނގޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ނަމަވެސް، އެ ވާހަކަތަކަށް ބެންޗުން ފުރުސަތު ނުދެއްވި އެވެ.
ފަނޑިޔާރު މަހާޒް ވަނީ އެ ނަންބަރު ދިމާނުވާކަން، މައްސަލައިގައި ދައުވާކުރި އިރު ވެސް ދައުލަތަށް އެނގޭތޯ ސުވާލު ކުރައްވައިފަ އެވެ.
"ދައުވާ ކުރި އިރު އެކަން ފާހަގަވެފައެއް ނުވޭ. ނަމަވެސް، އޭގެ ފަހުން އެކަން ފާހަގަކުރެވިގެން ތަހުގީގުކުރާ ފަރާތްތައް މެދުވެރިކޮށް އެގޮތަށް އެ ސްޓޭޓަމަންޓުގައި އޮތީ ކީއްވެތޯ ބޭންކް މެދުވެރިކޮށް ސާފުކުރިން. ތަހުގީގުކުރާ ފަރާތުން މައުލޫމާތު ދެއްވަނީ ބޭންކް ސްޓޭޓްމަންޓަށް އެންޓާކުރި އިރު އޮތް އޮޅުމެއް ކަމަށް،" ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އެ ސްޓޭޓްމަންޓާއި ސްލިޕާއި ޗެކަކީ ވެސް ބޭންކުން ހޯދި ތަކެތި ކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގެ ތެރެއިން ޗެކު ދައުލަތަށް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް، ޔާމީންގެ މައްޗަށް ދައުވާކުރުމުގެ ކުރިން، އަބްދުﷲ ޒިޔަތުގެ މައްސަލައިގައި އެ ޗެކު ދައުލަތަށް ލިބި، ދައުވާކޮށްފައިވާކަން ފަނޑިޔާރު މަހާޒު ފާހަގަކުރެއްވި އެވެ.
"ތި ވިދާޅުވީ ހަމަ ރަނގަޅަށް. އެހެން މައްސަލައެއްގައި އެ ޗެކު ލިބިގެން ދައުވާކުރެވިފައިވޭ،" ވަކީލު ވިދާޅުވި އެވެ.
ނަމަވެސް އޭރު ޕީޖީ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ގޮތުން، އަބްދުﷲ ޒިޔަތުގެ މައްސަލަތައް ބެލީ އެހެން ވަކީލުން ކަމަށާއި އެ މައްސަލައިގައި ހުރި ލިޔެކިޔުންތަކާ ގުޅިގެން މުއާމަލާތްކުރެވިފައި ނުވާ ކަމަށާ އަދި ޒިޔަތުގެ މައްސަލައިގެ ލިޔުންތައް ވެސް ގެންގުޅުނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައި ކަމަށް ވަކީލު ވިދާޅުވި އެވެ.
އެހެންކަމުން، ދައުވާކުރީ ތަހުގީގުކުރި ފަރާތުން ހިއްސާކުރި ހުރިހާ ލިޔެކިޔުންތަކަކީ މައްސަލައިގެ ހުރިހާ ލިޔުންތައް ކަމަށް ބަލައިގެން ކަމަށް ވަކީލު ވިދާޅުވި އެވެ.
ޔާމީންގެ ދިފާއު - ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ޒިޔަތުގެ މައްސަލަ ވެސް އަދި ޔާމީންގެ މައްސަލަ ވެސް ތަހުގީގު ކުރީ އެއް ބައެއް ކަމަށާއި ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތެއް ވާނަމަ އެ މައުލޫމާތެއް ޕީޖީއާ ހިއްސާކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ.
"އެއްވެސް ހާލަތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން. ދައުލަތަށް ލިބިފައި ހުރި ލިޔުންތަކަކީ ދައުލަތަށް ލިބިފައި ހުރި ލިޔުންތައް. ލިބިފައި ހުރި ލިޔުންތަކަކީ އެއީ މައްސަލައާ ގުޅުންހުރި ލިޔުންތަކަކަށް ވާނަމަ ކޮންމެ މައްސަލައެއްގައި ވެސް އެ ލިޔުންތައް ހިއްސާކުރެވެން ޖެހޭނެ،" ވަކީލު ވިދާޅުވި އެވެ.
ޗެކު ނަންބަރު ދިމާނުވާކަން ދައުލަތަށް ފަހުން އެނގުނު ކަމަށް ބުނި ނަމަވެސް، އެކަން ގަބޫލުނުކުރާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. ޝިޔާޒް ވިދާޅުވީ އެފަދަ އޮޅުމެއް އޮތްކަން ދައުލަތަށް އޭރު އެނގޭ ނަމަ، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ އިރު އެކަން ހިއްސާކުރަން ޖެހޭނެ ކަމަށެވެ.
"އެފަދަ އެއްވެސް ކަމެއް ކުރައްވާފައެއް ނުވޭ. އެހެންވީމަ ދައުލަތުން މި މައްސަލައިގައި ޒިންމާ އަދާކޮށްފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން،" ޝިޔާޒް ވިދާޅުވި އެވެ.
އެހެންކަމުން މި މައްސަލައިގައި ދައުލަތުގެ އިހުމާލެއް އޮތްކަން ސާފުވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
އެމްސީބީގެ ޗެކެއްކަން ކަށަވަރުވުމާ ގުޅޭ ސުވާލެއް
ފަނޑިޔާރު މަހާޒު ވަނީ އެ ޗެކަކީ އެމްސީބީގެ ޗެކެއްކަން ކަށަވަރު ވޭތޯ ދައުލަތާ ސުވާލުކުރައްވައިފަ އެވެ. ފަނޑިޔާރު އެ ސުވާލުކުރެއްވީ ބީއެމްއެލް ޗެކެއްގެ ގޮތުގައި ޗެކު ނަންބަރު ލިޔެފައިވާތީ އެވެ.
ނަމަވެސް، 164 ސޮފްހާގެ ބޭންކް ސްޓޭޓްމަންޓުގައި ކްރެޑިޓްވެފައި ހުރި އަދަދުތައް ހުރީ މުޅިން ވެސް ބީއެމްއެލް ޗެކުތައް ކަމަށެވެ. އެހެންކަމުން، އެއީ އެމްސީބީގެ ޗެކަކުން ޖަމާވި އެއްޗެއްކަން ކަށަވަރު ވާނެ އިތުރު ގޮތެއް އޮތްތޯ ފަނޑިޔާރު ސުވާލުކުރެއްވި އެވެ.
ދައުލަތުން ބުނީ ލިޔުމުގައި ފާހަގަކޮށްފައިވާ ރިފަރެންސް ނަންބަރަކީ ކޮން ކަމަކާ ހަވާލާދޭ ރިފަރެންސް ނަންބަރެއްކަން ދައުލަތަށް ބުނެދޭން ނޭނގޭ ކަމަށެވެ.
އެހެންކަމުން، އެސްއޯއެފްގެ ބޭންކް ސްޓޭޓަމަންޓުން، ޔާމީންގެ އެކައުންޓަށް ޖަމާވީ އަބްދުﷲ ޒިޔަތުގެ މައްސަލައިގައި ފާހަގަކުރެވުނު ޗެކުގެ ފައިސާކަން ޝައްކެއް ނެތް މިންވަރަށް އެނގޭތޯ ފަނޑިޔާރު ސުވާލުކުރެއްވި އެވެ.
ދައުލަތުގެ ޖަވާބު - ދައުލަތުގެ ވަކީލު ވިދާޅުވީ އެކައުންޓް ސްޓޭޓްމަންޓުގައިވާ މުއާމަލާތާ ގުޅިގެން ޗެކާއި ޗެކް ޑިޕޮސިޓް ސްލިޕް ހޯދީ ވެސް ބޭންކުން ކަމަށެވެ. އެހެންކަމުން، ޗެކުންނާއި ޗެކް ޑިޕޮސިޓް ސްލިޕުން، އެއީ އެމްސީބީގެ ޗެކެއްކަން އެނގޭ ކަމަށެވެ. ޗެކް ޑިޕޮސިޓް ސްލިޕްގައި އެމްސީބީ ލިޔެވިފައިވާ ކަމަށާއި، ޗެކް ނަންބަރު ވެސް ސްލިޕްގައި އޮތް ކަމަށް ދައުލަތުން ބުންޏެވެ.
ޗެކް ޑިޕޮސިޓް ސްލިޕްގައި އެސްއޯއެފްގެ އެކައުންޓް ނަންބަރު ވެސް ފާހަގަކޮށްފައިވާ ކަމަށާއި، އެ އަދަދަށް އެ ތާރީހުގައި އެހެން ފައިސާއެއް ޖަމާވެފައި ނުވާތީ އެއީ އެމްސީބީގެ ޗެކު ކަމަށް ބަލަންޖެހޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެއަށް ފަހު މިއަދު ވަނީ މައްސަލައިގެ އަޑުއެހުން ނިންމާލައިފަ އެވެ. ބެންޗުން ބުނީ އަންނަ މަހުގެ 1ގައި ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން، މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.
އެނގުން މުހިންމު - ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ.
އިތުރަށް ކިޔާލަން -