ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ ތެރެއިން

އާދައިގެ މަސައްކަތެއް ނޫން، ހުކުމަށް ހުރަސްއެޅޭނެ ކަމެއް ނުކުރާތި: ސުޕްރީމް ކޯޓު

ކޯޓުން އަންގާ ލިޔެކިޔުމެއް ފިޔަވައި އިތުރު އެއްވެސް ލިޔެކިޔުމެއް ކޯޓަށް ނުފޮނުވަން ދެ ފަރާތަށް ވެސް ރިޔާސަތުން އެންގެވި
5 އޮކްޓޯބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައި ހުކުމަކާ ހަމައަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތް ބުރަ ކަމަށާއި، އެހެންކަމުން ފަނޑިޔާރުން ގޮތެއް ނިންމުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރަން މައްސަލަ ބަލާ ބެންޗުން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ ޑިސެމްބަރު މަހުގެ ކުރިން މައްސަލައިގައި ހުކުމް އިއްވާނެކަން އިއުލާނުކުރުމަށް ފަހު، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.

ތަފްސީލް - މިއަދުގެ ޝަރީއަތް ނިންމާލުމުގެ ކުރިން މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތުގައި ހޭދަވި ގިނަ ވަގުތުގައި ދެ ފަރާތުން ގިނަ ވާހަކަތަކެއް ދައްކައި، އަދި ގިނަ ލިޔެކިޔުންތަކެއް ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ އެ ވާހަކަތަކުންނާއި ލިޔެކިޔުންތަކެއް އެއްވެސް ކަމެއް ދޫކޮށްނުލާނެ ކަމަށެވެ. އަދި މައްސަލައިގައި ގޮތެއް ނިންމާނީ އެ ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ދެ ފަރާތަށް ވެސް ޔަގީންކަން ދެއްވި އެވެ.

ފަހު ބަސް - ފަނޑިޔާރު މަހާޒު ވިދާޅުވީ މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހުރިހާ ކަމަކަށް ބަލާއިރު، ރައުޔެއް ބިނާކޮށް އެ ރައުޔުތަށް ލިޔުމަށް ތިރިކޮށް ހުކުމަކާ ހަމައަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ވަނީ ދައުލަތަށާއި ދިފާއީ ވަކީލުންނަށް ވެސް އެންގުންތަކެއް އަންގަވައިފަ އެވެ.

"ދެ ފަރާތަށް ވެސް އެނގިވަޑައިގަންނަވާނެ މި ދެއްކެވި ވާހަކަތަކުގައި އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫން. އަޅުގަނޑުމެން ކުރަންޖެހޭ ދިރާސާތަކަކީ އާދައިގެ ދިރާސާތަކެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

އެގޮތުން ރައުޔެއް ބިނާކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އެންގެވި އެވެ. މައްސަލައިގެ އަޑުއެހުންތައް ނިމުމަށްފަހު، ކޯޓުން އެދިގެން ނޫން ގޮތަކަށް ކޯޓަށް އެއްވެސް ލިޔެކިޔުމެއް ނުފޮނުވަން ދެ ފަރާތުގެ ވަކީލުންނަށް ވެސް ފަނޑިޔާރު ވަނީ އަންގަވައިފަ އެވެ.

ޔާމީންގެ ފަރާތުން ދެތިން ޑޮކިއުމަންޓް ހޯދަން ކޯޓުން ވަނީ އެދިފަ އެވެ. ފަނޑިޔާރު ވިދާޅުވީ އެއީ ކޮން ޑޮކިއުމަންޓް ތަކެއްކަން ކޯޓުން އަންގާނެ ކަމަށާއި އެ އެއްޗެހި ހޯދުމުގެ މަސައްކަތް އިދާރީ މުވައްޒަފުން ކުރާނެ ކަމަށެވެ.

"ރައުޔެއް ބިނާކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް މި މައްސަލައިގެ އެއްވެސް ފަރާތަކުން ނުކުރެއްވުން އެދެން. ކޯޓަށް މި މައްސަލައިގެ އަޑުއެހުން ނިންމުމަށްފަހު، ކޯޓުން އަމިއްލައަށް އެދިގެން ހޯދަން އެދޭ ޑޮކިއުމަންޓެއް ފިޔަވައި އެއްވެސް ޑޮކިއުމަންޓެއް ނުފޮނުވުން އެދެން،" ފަނޑިޔާރު ވިދާޅުވި އެވެ.

އޭގެ އިތުރުން، މައްސަލައިގެ އަޑުއެހުންތައް ނިމުމަށްފަހު އޭގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަމަކަށް ވަކީލުން ސަމާލުކަން ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

އެނގުން މުހިންމު - ޑިސެމްބަރު މަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދާއިރު، އޭގެ ކުރިން މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު މަހާޒު މިއަދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް