ސުޕްރީމް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވާހަކަދައްކަވަނީ

ޔާމީން އަސަރާ އެކު ސުޕްރީމް ކޯޓުގައި އާދޭސް ކުރެއްވީ އިންސާފަށް

ޔާމީން ވަނީ އެމަނިކުފާނުގެ "ޝުއޫރުތައް" ޝަރީއަތުގެ މަޖިލީހުގައި އިއްވާލަދެއްވައިފައި. ނަމަވެސް ބެންޗުން ބުނީ ޖަޒުބާތަށް ނުބަލާނެ ކަމަށް
5 އޮކްޓޯބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުން ނިންމާލި އިރު އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ވަރަށް އަސަރާ އެކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަރިހުން ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިއަދު ކުރިއަށް ދިޔައީ އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމެވެ. މިއަދު ވަނީ ދެ ފަރާތަށް ވެސް މައްސަލައާ ގުޅޭގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި ޔާމީން ވަނީ ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ.

ތަފްސީލް - މިއަދުގެ ޝަރީއަތުގައި ވެސް ޔާމީން ތަކުރާރު ކުރެއްވީ ގާތްގަނޑަކަށް އެއް ވާހަކަތަކެކެވެ. ތަހުގީގުގައި ނުކުރާ ސުވާލުތަކުގެ ވާހަކަ އާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ވެރިން އެމަނިކުފާނާ ބައްދަލުނުކުރާ ވާހަކަ ފަދަ ވާހަކަތައް ތަކުރާރުކުރެއްވި އެވެ.

ނަމަވެސް އެމަނިކުފާނު ވަނީ ޝަރީއަތް ނިމުމުގެ ކުރިން އެމަނިކުފާނުގެ "ޝުއޫރުތައް" ވެސް ޝަރީއަތުގެ މަޖިލީހުގައި އިއްވާލަދެއްވައިފަ އެވެ.

"މުޅި މައްސަލައިގައި ފަނޑިޔާރުންގެ ވިސްނުންފުޅަށް ގެންނަވަން ޖެހޭނެ ކަމަށް [ގަބޫލުކުރަނީ] މި މައްސަލަ ރައްދުވާ ފަރާތުގެ އިހުސާސްތައް،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަ ފެއްޓެވީ މައްސަލައިގެ އެއް ކޮޅުގައި އޮތީ "މައިޓީ ސްޓޭޓް" ކަމަށާއި އަނެއް ކޮޅުގައި ހުރީ ހަމަ އާދައިގެ ފަރުދެއް ކަމަށް ފަނޑިޔާރުންނަށް ހަނދާންކޮށްދެއްވަމުންނެވެ. އަދި ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވަން ބޭނުންފުޅުވާ ގިނަ ކަންތައްތަކެއް ވިދާޅުވެދެއްވި އެވެ.

އެގޮތުން ޔާމީން ވިދާޅުވީ:

  • ހައި ކޯޓުގެ މަރުހަލާގައި ކަންކަން ސާފުކުރުމަށް އެމަނިކުފާނާ ސުވާލުނުކުރައްވާ ކަމަށް

  • ސުޕްރީމް ކޯޓުން ސުވާލުކުރިކަން ފާހަގަކޮށް އެކަމާ އުފާކުރައްވާކަމަށް

  • ކްރިމިނަލް ކޯޓުގެ ބެންޗަކުން މައްސަލަ ނިންމީ، ހުކުމާ ހަމައިން ގާޒީ ބަދަލުކޮށްގެންކަން ފާހަގަކުރެއްވި

  • ބެންޗަށް ސާފު ނުވާ ކަންކަމާ ގުޅިގެން ސުވާލު ނުކުރޭ

  • މަސްދަރާ ގުޅުންހުރި ކަންތައްތައް ތަހުގީގުގައި އޮމިޓްކޮށްފައި އޮތް

ޔާމީން ވާހަކަ ކުރިއަށް ގެންދެވި އިރު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ އިސްތިއުނާފީ ނުކުތާތަކުގެ ބޭރުން އެއްވެސް ވާހަކައެއް ނުދެއްކެވުމަށް ތަކުރާރުކޮށް ދަންނަވައިފަ އެވެ.

ނަމަވެސް ޔާމީން ވިދާޅުވީ އެ ވާހަކަތަކަކީ ފަނޑިޔާރުން ނިޔާގެ މުގުރު ނަންގަވާއިރު، ފަނޑިޔާރުންގެ ހިޔާލުފުޅަށް ގެންނަން އެމަނިކުފާނު ބޭނުންފުޅުވާ ވާހަކަތައް ކަމަށެވެ. އަދި މައްސަލަ ނިންމަވާއިރު އެކަންކަމަށް ވިސްނާވަޑައިގެން ދެއްވުން އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން މި ދަންނަވާ ސަބަބަކީ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ކޭސް އަކީ ހަގީގަތުގައި އެތައް ބައިވަރު ޑައުޓް ތަކަކާއި މެނިޕިއުލޭޓިވް މަސައްކަތްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ކޭސް އެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު "ފްރޭމް ކުރީ"، "ކްރިމިނަލް ކޯޓުން އެއްވެސް އަސާސެއް ނެތި އެމަނިކުފާނު ޖަލު ހުކުމަކަށް ނިޔާ ކަނޑައެޅުއްވި ހިސާބުން ކަމަށެވެ. އެކަން ސާބިތުކުރައްވަން ވިދާޅުވީ ކުރިން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލިވި ގާޒީ ދެއްވާފައި އޮތް އިންޓަވިއުއެއްގެ ވާހަކަ އެވެ.

ޝަރީއަތުގައި ޔާމީން ވާހަކަދައްކަވަނީ

ނަމަވެސް ރިޔާސަތުން ވަނީ އަނެއްކާވެސް އެވާހަކަތައް ހުއްޓުވައިފަ އެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ އެއީ ކުރިން ސުޕްރީމް ކޯޓުގައި ދިފާއުން ދެއްކި ވާހަކަތަކެއް ނޫން ކަމަށާއި އެހެން ކަމުން އެ ވާހަކަތައް މިހާރު ނުދެއްކޭނެ ކަމަށެވެ.

"އަޅުގަނޑުގެ ޕޮއިންޓަކީ، އަޅުގަނޑަށް ގަބޫލުކުރެވެނީ ދައުލަތުން އަދުލުގެ ނިޒާމަށް އަތް ބޭނުމަށް ކޮށްފަ ހުރި މަސައްކަތް ދެންނެވުން އެކަނި. ގާނޫނީ ނުކުތާއެއް އިންސްޓިލް ކުރާކަށް ދައްކާ ވާހަކައެއް ނޫން،" ޖަވާބުގައި ޔާމީން ވިދާޅުވި އެވެ.

ގޮތް ކަނޑައަޅާނީ ދިފާއުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ދަށުން ދެއްކި ވާހަކަތަކުގެ މައްޗަށް އެކަނި ކަމަށް ވިދާޅުވެ ފަނޑިޔާރު މަހާޒް ވަނީ އެ ނުކުތާތަކުގެ ބޭރުން އެއްވެސް ވާހަކައެއް ނުދެއްކެވުމަށް އަނެއްކާވެސް ހަނދާންކޮށްދެއްވައިފަ އެވެ. ނަމަވެސް ޔާމީން އަނެއްކާވެސް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ޝުއޫރުތައް ފަނޑިޔާރުން އަޑުއައްސަވާލަދެއްވުމަށެވެ.

"އަޅުގަނޑު ވަރަށް ގިނަ ދުވަހު ޖަލު ހުކުމް ތަންފީޒުކޮށްފިން. ވަރަށް ބޮޑެތި ހައްގުތަކެއް ގެއްލިފައި ވާތީ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާލަދެއްވުމުގެ ދީލަތިކަން ފަނޑިޔާރުން ދެއްވައިފި ކަމަށް ވަންޏާ އަޅުގަނޑު ގަބޫލުކުރާނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެއީ ފަނޑިޔާރުންނަށް އެމަނިކުފާނު ކުރައްވާ އިލްތިމާސެއް ކަމަށެވެ. ދެން އެމަނިކުފާނު ދެއްކެވީ ފަނޑިޔާރުންގެ އޯޑިއޯތަކުގެ ވާހަކަ އެވެ. ޔާމީންގެ ފަރާތުން އެ އޯޑިއޯތައް ހެކީގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެމަނިކުފާނު ހައްގުތަކުން މަހުރޫމްވެގެންދާއިރު، އެ އޯޑިއޯތަކުގެ މައްސަލަ ތަހުގީގުކޮށް ބެލުމުގެ ބާރު ފުލުހުންނާއި ޕީޖީ އަށް ލިބިގެންވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މައްސަލަ ނިންމާއިރު އެކަންކަން ފަނޑިޔާރުންގެ ހިތްޕުޅަށް ގެންނެވުމަށް އެދިވަޑައިގަތެވެ.

"މި މަޖިލީހުގައި ކަންކަން ނިންމަވާނީ ފަނޑިޔާރުން. ފަނޑިޔާރުން ކަންކަން ނިންމުމުގައި ލިބިފައިވާ ބާރުތަކަކީ މަހުދޫދުވެފައިވާ ބަރުތަކެއް. އިސްތިއުނާފީ ނުކުތާތަކުގެ ބޭރުން ކިތަންމެ ވާހަކަތަކެއް ދެއްކެވި ނަމަވެސް އެވާހަކަތަކަށް ރިއާޔަތްކޮށް ގޮތް ނިންމުމުގެ ބާރެއް އަޅުގަނޑުމެންނަކަށް ލިބިގެން ނުވާނެ،" ފަނޑިޔާރު އަނެއްކާވެސް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވެ ދެން ވިދާޅުވީ، މުޅި މައްސަލައިގައި "މަކުނު ވާ ފުރާފައިވާ" ކަމަށެވެ. އަދި އެ ވާތައް ސާފުކޮށްގެން ނޫނީ ފަނޑިޔާރުންނަށް މައްސަލައާ ހަމައަށް ވަޑައިނުގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީންގެ މައްސަލަ ބައްލަވަ ސުޕްރީމް ކޯޓުގެ ބެންޗު

"އަޅުގަނޑަށް އެނގޭ ފަނޑިޔާރުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ވަގުތުވެސް ދެއްވައިފި. އެހެން ނަމަވެސް އަޅުގަނޑުގެ އިހްސާސްތައް މި ދަންނަވާލީ. ހުކުމް ތަންފީޒުވެގެންދާނީ އަޅުގަނޑުގެ މައްޗަށް. ފަނޑިޔާރުންގެ ނިޔާ ނިމިގެން ދާގޮތުން އަޅުގަނޑު އަނެއްކާ ވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެތީ އަޅުގަނޑު ދަންނަވާ ޝިކާޔަތު މީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުން ދެއްވީ ވަރަށް ކުރު، ނަމަވެސް ސާފު ޖަވާބެކެވެ.

 "ފަނޑިޔާރުން ގޮތް ނިންމުމުގައި ޝުއޫރަކަށް، އެ އަންނަ ޖަޒުބާތަކަށް ނުބަލާނެ. ގާނޫނުގައި އެ އޮންނަ ގޮތަށް އެކަން ކުރާނީ. ގާނޫނީ ނުކުތާތަކަށް އަޅުގަނޑުމެން ބަލާނީ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

ނަމަވެސް މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ޝަރީއަތުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރިޔާސަތުން ދެއްވި އެވެ.

އެނގުން މުހިންމު - ޑިސެމްބަރު މަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދާއިރު، އޭގެ ކުރިން މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު މަހާޒު މިއަދު ވިދާޅުވި އެވެ.  

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް