އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް. (ފޮޓޯ/ޕީޓީއައި ނިއުސް)

ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން އިންޑިއާގައި

ރާއްޖެއިން ބުނި ތާރީހަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެއްޗެކޭ ނުބުނި
19 ޖެނުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެ ގައުމަށް އަނބުރާ ގެންދިއުމާ ގުޅޭގޮތުން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ދެވަނަ ބުރު އޮންނާނީ އިންޑިއާގައި ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

އެނގުން މުހިންމު - ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ރަސްމީ މަޝްވަރާތައް 14 ޖެނުއަރީގައި ވަނީ ފަށައިފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަނީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި 'ކޯ-ގްރޫޕު'ންނެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ-އިންޑިއާ މައްސަލައިގައި ބައެއް ރިޕޯޓަރުން އޭނާއަށް ސުވާލުތައް އަމާޒުކުރި އެވެ.

އޭގެ ތެރޭގައި، ރާއްޖެއިން އެދިފައިވާ ގޮތަށް 15 މާޗުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދާނެތޯ އާއި އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ކުރިމަގާ ބެހޭގޮތުން ކުރި ސުވާލުތައް ހިމެނެ އެވެ.

14 ޖަނަވަރީ 2024: ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމަކަށް އިންޑިޔާގެ އޮފިޝަލުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތުން. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ފުރަތަމަ ބައްދަލުވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ނޫސްބަޔާން ތަފާތުވުމާ ގުޅޭގޮތުން ވެސް ނޫސްވެރިޔަކު ސުވާލުކުރި އެވެ. ރާއްޖޭގެ ބަޔާނުގައި އޮތީ އިންޑިއާއިން ސިފައިން ގެންދިއުން އަވަސްކުރަން އެއްބަސްވި ކަމަށެވެ. ނަމަވެސް އިންޑިއާގެ ބަޔާނުގައި އެ ވާހަކައެއް ނުހިމެނެ އެވެ. އޭގެ ބަދަލުގައި އޮތީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ވައިގެ އުޅަނދުތައް ބޭނުންކުރުން ހުއްޓާނުލާ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާ ކުރި ކަމަށެވެ.

ބުނީ ކީކޭ؟ - ޖައިސްވަލް އިއްޔެ ވެސް ތަކުރާރު ކުރެއްވީ އެ ވާހަކަ އެވެ. އަދި ރާއްޖެއިން ބުނި ތާރީހަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

"[ފުރަތަމަ ބައްދަލުވުމުގައި] މަޝްވަރާ ކުރި ހުރިހާ ކަމަކާ ބެހޭ މައުލޫމާތު ނޫސް ބަޔާނެއްގެ ސިފައިގައި ވާނީ އާންމުކޮށްފައި... މިއީ ކުރިއަށްދާ ކަމެއް، ދެ ފަރާތުން ވެސް މަސައްކަތް ކުރަމުންދަނީ، ބަލިމީހުން އުފުލުމަށް ރާއްޖޭގައި ހިންގާ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށްގެންދެވޭ ގޮތެއް ހޯދަން،" ޖައިސްވަލް ވިދާޅުވި އެވެ.

ތަފްސީލު - މިއީ ކުރިއަށްދާ މަޝްވަރާތަކެއް ކަން ފާހަގަކުރައްވައި ޖައިސްވަލް ވިދާޅުވީ އިތުރު ކަންތައްތަކާ ބެހޭގޮތުން ކުރިއަށް އޮތް ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

"ދެވަނަ ބައްދަލުވުން އިންޑިއާގައި ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް އުންމީދު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުން އޮންނާނެ ވަކި ތާރީހެއް އޭނާ ވިދާޅުނުވި ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެއީ އަންނަ ހޯމަ ދުވަހެވެ.

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ޖައިސްވަލް ވިދާޅުވީ، އެ މަޝްރޫއުތައް ނުހުއްޓައި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އިންޑިއާގެ ފަރާތުން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދިން ޔަގީންކަމަކީ މަޝްރޫއުތައް ކުރިއަށްގެންދާނެކަން. އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް. އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދިނީ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ކޯ-ގްރޫޕުގެ ފުރަތަމަ ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާއިން ނެރުނު ދެ ބަޔާނަށް ބަލާއިރު:

  • ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރަން އެ ގައުމުން އެއްބަސްވި ކަމަށް

  • ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި އެފަދަ ވާހަކައެއް ނެތް

  • ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް ދެ ގައުމުން ވެސް ބުނޭ

  • ފަށާފައި ހުރި މަޝްރޫއުތައް ނުހުއްޓައި ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދުމަށް ވެސް ދެ ގައުމުން މަޝްވަރާކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް