14 ޖަނަވަރީ 2024: ރާއްޖެއާއި އިންޑިޔާއާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން މަޝްވަރާ ބައްދަލުވުމަކަށް އިންޑިޔާ އޮފިޝަލުން ވަޑައިގަތުން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ރާއްޖެ-އިންޑިއާ

ސިފައިން ގެންދިޔުން އަވަސްކުރަން އިންޑިއާއިން އެއްބަސްވެއްޖެ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ބާއްވަން އެއްބަސްވި ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި 15 މާޗުގެ ކުރިން ރާއްޖެއިން އިންޑިއާ ސިފައިން ގެންދިއުމަށް ދިވެހި ސަރުކާރުން ވަނީ އެދިފައި
14 ޖެނުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުން އަވަސްކުރަން އެ ގައުމުން އެއްބަސްވެއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި 'ކޯ ގްރޫޕު'ގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ. ރާއްޖެ އާއި އިންޑިއާގެ އިސް ބޭފުޅުންނާ އެކު ފޮރިން މިނިސްޓްރީގައި އެ ބައްދަލުވުން ފެށީ މިއަދު ހެނދުނު 9:30 ގައެވެ.

އެ މަޝްވަރާގައި ރާއްޖެއިން އެދުނީ 15 މާޗުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށެވެ.

ތަފްސީލު - ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ގެންދިޔުން ވީހާވެސް އަވަސް ކުރަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި:

  • ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ބެހޭގޮތުން މަޝްވަރާކުރި

  • ދެ ގައުމާ ގުޅޭ އެކި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރި؛ އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކުގައި ގުޅިގެން މަސައްކަތް ކުރުން ހިމެނޭ

  • ދެ ގައުމުގެ ގުޅުން ވަރުގަދަކުރަން ރާއްޖެ އާއި އިންޑިއާއިން ވެސް ޝައުގުވެރިކަން ފާޅުކުރި

މިއަދުގެ ބައްދަލުވުން ނިންމާލީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ ފަރާތުން ވެސް ފަސޭހަ ތާރީހެއްގައި ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުން ބާއްވަން އެއްބަސްވުމަށް ފަހު އެވެ.

އެނގުން މުހިންމު - ރާއްޖޭން އެންމެ ފަހުން ބުނެފައި ވަނީ، އިންޑިއާގެ 88 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭން މިހާރު ވަނީ އިންޑިއާގެ ސިފައިން އަނބުރާ ގެންދާނެ ތާރީހެއް އަންނަ މާޗުގެ ކުރިން ދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދިފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ބައްދަލުވުމުން ބާއްވާފައިވަނީ، ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރުގަދަ ބަސްތަކެއް ރައްދު ކުރައްވާފައި ވަނިކޮށެވެ. އެގޮތުން، ރައީސް އިއްޔެ ވިދާޅުވެފައިވަނީ:

  • ރާއްޖެ އަކީ އެއްވެސް ގައުމެއްގެ ބެކްޔާޑެއް ނޫން ކަމަށާއި އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށް

  • ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ އެއްވެސް ގައުމަކަށް ރާއްޖެ "ބުލީ" ކުރަން ލިބޭ ހުއްދައެއް ނޫން ކަމަށް

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ގެންދަވަނީ އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނެވުމަށްޓަކައި، ރައީސް އިއްޔެ އިއުލާނު ކުރައްވާފައިވަނީ:

  • 1 މާޗުން ފެށިގެން ރާއްޖޭން އަމިއްލައަށް އެއާ އެމްބިއުލާންސް ތައާރަފު ކުރުމާ އެކު، އިންޑިއާގެ އުޅަނދުތައް އެ މަސައްކަތުގައި ބޭނުމެއް ނުކުރާނެ

  • ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާއާ އެކު ވަނީ މަޝްވަރާކުރެވިފައި

  • ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް މިހާރު ވަނީ ހަދާފައި؛ އެ އެއްބަސްވުމުގެ ދަށުން ގަތް ފުރަތަމަ ޝިޕްމަންޓް އަންނަ މަހު އަންނާނެ 

  • އާދައިގެ ބޭސް އިންޑިއާ އިން ގެނައުން ހުއްޓާލުމަށްޓަކައި، ސީދާ ޔޫރަޕް އަދި އެމެރިކާ އިން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް