އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ
އިންޑިއާ ވައިގެ އުޅަނދުތައް ބޭނުންކުރުން ދެމެހެއްޓޭނެ ގޮތެއް ހޯދަނީ: އިންޑިއާ
ބަލިމީހުން އުފުލުމަށް މިދިޔަ ފަސް ސަރުކާރުގައި ވެސް ބޭނުންކުރި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުންކުރުން ނުހުއްޓައި، ދެމެހެއްޓޭނެ ގޮތެއް ހޯދަން ރާއްޖެ އާއި އިންޑިއާއިން މަޝްވަރާކުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފެށީ މިއަދު އެވެ. މިއަދު ބޭއްވި ބައްދަލުވުމަކީ، އެނގިފައިވާ ގޮތުގައި، ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި 'ކޯ ގްރޫޕު'ގެ ފުރަތަމަ ބައްދަލުވުމެވެ.
އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުން އެދުނީ 15 މާޗުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ގެންދިއުމަށެވެ.
އެ ބައްދަލުވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެހެން ނަމަވެސް ދެ ބަޔާނުގައި ހިމަނާފައިވާ ބައެއް ވާހަކަތައް ތަފާތެވެ.
ބުނީ ކީކޭ؟ - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ބަލިމީހުން އުފުލުމަށާއި ކާރިސާތަކުގައި އެ ގައުމުގެ ވައިގެ އުޅަނދުތައް ބޭނުންކުރާ އޮޕަރޭޝަންތައް ނުހުއްޓައި ކުރިއަށްގެންދާނެ ގޮތްތަކެއް ހޯދަން ދެ ގައުމުން ވެސް މަޝްވަރާ ކުރި ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ނެތެވެ.
އެނގުން މުހިންމު - އިންޑިއާ ވައިގެ އުޅަނދުތައް ބޭނުންކުރުން ދެމެހެއްޓޭނެ ގޮތްތަކެއް ހޯދަން މިއަދު މަޝްވަރާކުރިއިރު، އަންނަ މާޗު މަހުން ފެށިގެން ރާއްޖޭގައި ބަލިމީހުން އުފުލާނީ މިދިޔަ ހަތަރު ސަރުކާރުގައި ވެސް އެކަން ކުރަމުން އައި އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައި ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ 25ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުުމުގައި ނިންމާފައިވަނީ، އަންނަ މާޗް މަހު ފެށިގެން ރާއްޖެއަށް އެއާ އެމްބިއުލާންސް ހިދުމަތް ތައާރަފް ކުރުމަށެވެ. އިއްޔެ ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ހިދުމަތާ ގުޅޭ ގޮތުން ކޮންމެވެސް ވަރެއްގެ އިތުރު ތަފްސީލެއް ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ހިދުމަތް ރާއްޖޭގައި ފެށުމާ އެކު ގިނަ ފައިދާތަކެއް ދިވެހިންނަށް ކުރާނެ އެވެ. އެގޮތުން، އެ ހިދުމަތް ފުޅާ ކުރަނީ، އެހެން ގައުމުތަކަށް ވެސް ބަލިމީހުން ގެންދެވޭ ފެންވަރަށްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ތަފްސީލު - މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި
އެގޮތުން:
-
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރަން އެ ގައުމުން އެއްބަސްވި ކަމަށް
-
އެހެން ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި އެފަދަ ވާހަކައެއް ނެތް
-
ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް ދެ ގައުމުން ވެސް ބުނޭ
-
ފަށާފައި ހުރި މަޝްރޫއުތައް ނުހުއްޓައި ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދުމަށް ވެސް ދެ ގައުމުން މަޝްވަރާކުރި
ކޮމެންޓް (2)
ރަދުން
މުންނީރު