މިއަދު އެމްޑީޕީން ޕްރައިމަރީއަކާ ނުލާ މިއަދު ޓިކެޓް ކަށަވަރުވި ކަމަށް އިއުލާން ކުރި 10 ކެންޑިޑޭޓުންގެ ތެރެއިން ބައެއް ބޭފުޅުން (ކ-ވ): މިހާރުގެ ތިން މެންބަރުން ކަމުގައިވާ މުއިއްޒު، ސައީދު، އަލީ ނިޔާޒު އަދި ފެނަކަައިގެ ކުރީގެ އެމްޑީ ސައީދު

އެމްޑީޕީގެ މަޖިލިސް ޓިކެޓް ޕްރައިމަރީއަކާ ނުލާ އިތުރު 10 ބޭފުޅަކަށް ދީފި

މީގެ ކުރިން 35 ދާއިރާއަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދީފައިވޭ؛ އަދިވެސް އިއުލާން ނުކުރާ ފަސް ދާއިރާއެއް އެބަ އޮތް

މިއަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ 10 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރިއަކާ ނުލާ އިތުރު 10 ކެންޑިޑޭޓުންނަށް ކަށަވަރުވެއްޖެ އެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ތިން އެމްޑީޕީ މެންބަރުން ހިމެނެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މީގެ ކުރިން ވަނީ 35 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދީފަ އެވެ. އަދި މިއަދު އިއުލާންކުރި 10 ދާއިރާއާ އެކު ޖުމްލަ 45 ދާއިރާގެ ޓިކެޓް ވަނީ ޕްރައިމަރީއަކާ ނުލާ ކަށަވަރުވެފަ އެވެ. 

ތަފްސީލު - މިއަދު އިއުލާން ކުރި 10 ދާއިރާގެ ތެރެއިން މިހާރު ވެސް މަޖިލިސް މެންބަރުކަން ފުރުއްވަމުންދާ އެމްޑީޕީ ދެ މަޖިލިސް މެންބަރަކަށް ވަނީ ޓިކެޓް ޔަގީންވެފަ އެވެ. އެއީ: 

  • ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު 

  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު

އެ ދެ ބޭފުޅުންނަށް ޓިކެޓް ދީފައި ވަނީ މިހާރު ވެސް ތަމްސީލް ކުރައްވާ ދާއިރާތަކަށް ވާދަކުރެއްވުމަށެވެ. 

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒަށް ޓިކެޓް ދީފައި ވަނީ ކުރެންދޫ ދާއިރާއަށް ވާދަކުރައްވާށެވެ. 

ފާހަގަކޮށްލެވޭ - އޭގެ އިތުރުން، އެމްޑީޕީ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދު (މައިފޫނާ)އަށް ގައްދޫ ދާއިރާގެ ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.

މިދިޔަ މަހު ތިން ވަނަ ދުވަހު އެމްޑީޕީން ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރިއިރު ސައީދުގެ ނަން ވެސް އޮތެވެ. ނަމަވެސް ފަހުން އެ ލިސްޓުން ސައީދުގެ ނަން އޮތީ، އުނިކޮށްފަ އެވެ. 

ދެން މިއަދު އިއުލާން ކުރި ބޭފުޅުންނަކީ:

  • 1-

    ކަނޑިތީމު ދާއިރާ: އަމީން ފައިސަލް ، ދޫރެސް/ށ. ކަނޑިތީމު

  • 2-

    އިނގުރައިދޫ ދާއިރާ: ސަލީމް ހުސައިން، ނިޔަމަ/ ރ. ކިނޮޅޮސް

  • 3-

    ހުރާ ދާއިރާ: ޝާތިރު އަބްދުއްރަހްމާން، ބޯގަންވިލާ/ ދ. ކުޑަހުވަދޫ

  • 4-

    ދަނގެތި ދާއިރާ: ރުގިއްޔާ މުހައްމަދު، ދޭލިޔާގެ/ ޅ. ހިންނަވަރު

  • 5-

    މުލަކު ދާއިރާ: މޫސާ ޝީޔާމް އަބްދުއްރަހްމާން، މ. ތްރީއޭވިލާ

  • 6-

    ގަމު ދާއިރާ: އަބްދުﷲ ޝަރީފް، މުކުރިމަގު. ސޯސަންވިލާ/ ލ. ގަން

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ އެމްޑީޕީން ވަނީ 43 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާކަން އިއުލާންކޮށްފަ އެވެ. އެ ޕްރައިމަރީ އަންނަ މަހު ތިނެއްގައި ބާއްވާއިރު މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެކަން މިހާތަނަށް ޔަގީންވެފައި ވަނީ 88 ދާއިރާއަށެވެ. 

މިފަހަރު ޖުމްލަ 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާ އިރު، ބާކީ ފަސް ދާއިރާއަށް އެމްޑީޕީން ވާދަ ކުރާ ކަމެއް ނުވަތަ އެ ދާއިރާތަކަށް ވެސް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭނެ ކަމެއް އަދި ކަށަވަރެއް ނޫނެނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    އޭދަފުށި ދާއިރާ

  • 2-

    ފެލިދޫ ދާއިރާ

  • 3-

    ނިލަންދޫ ދާއިރާ

  • 4-

    ތިމަރަފުށި ދާއިރާ

  • 5-

    ފުވައްމުލަކު އުތުރު ދާއިރާ

އެ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމާ ގުޅޭ ގޮތުން އެ ޕާޓީގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް