އިންޑިއާއަށް ބަދުބަސް ބުނެގެން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން (ކ-ވ): ޝިއުނާ، މަހްޒޫމް އަދި މަލްޝާ.

ރާއްޖެ-އިންޑިއާ

އިންޑިއާއަށް ބަދުބަސް ބުނި ނައިބުން ސަސްޕެންޑް ކުރީ މުސާރަ ހިނގާ ގޮތަށް

ރައީސް އޮފީހުން ބުނީ އެއީ ކުރިން ވެސް އެކަން ކުރަމުން އައި އުސޫލު ކަމަށް

އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ރައްދުކޮށްގެން ސަސްޕެންޑް ކުރި ޔޫތުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކޮށްފައި ވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް މުސާރަ ހިނގާ ގޮތަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ. އެގޮތުން:

  • ސަސްޕެންޑް ކުރީ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ (ނަންނަ) އަދި އަބްދުﷲ މަހްޒޫމް މާޖިދު

  • މަގާމުން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓު ކުރައްވާފައި؛ އެއާ އެކު، އެ ތިން ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން، ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ބުނެ، އިންޑިއާގެ ބައެއް ފަރާތްތަކާއި ދިވެހިން އެ ބޭފުޅުން މަގާމުން ވަކިކުރަމަށް ދިޔައީ ގޮވާލަމުން

  • ފަހުން އެ ތިން ބޭފުޅުން ވެސް ވަނީ އެ ޕޯސްޓުތައް ޑިލީޓްކުރައްވާފައި

ތަފްސީލު - މިދިޔަ އާދިއްތަ ދުވަހު އެ ބޭފުޅުން ސަސްޕެންޑް ކުރިކަން ސަރުކާރުން ބުނި ނަމަވެސް، އެ މީހުން ސަސްޕެންޑް ކުރި މުއްދަތާއި މުސާރަ ހިނގާތޯ ނުވަތަ ނޫންތޯ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

"ވަޒީރުންނާއި ނައިބު މީގެ ކުރިން ވެސް ސަސްޕެންޑްކޮށްފައިވާ އުސޫލާ އެއްގޮތަށް އެކަން [މި ފަހަރު ސަސްޕެންޑް ކުރި ނައިބު ވަޒީރުން]ގެ ކަންކަން ކުރިއަށް ދާނީ. އެ މައްސަލަ ބަލައި ނިންމީމަ [ސަސްޕެންޝަންއާ މެދު] ވަކި ގޮތެއް ނިންމާނީ،" ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިވަގުތު އެ ގައުމުގެ ވެރިރަށް ބެއިޖިންގައި ހުންނެވި ހަލީލުއާ އެ ސުވާލު މިއަދު 'ދައުރު'ން ކުރުމުން އޭނާ ވިދާޅުވި އެވެ.

ކުރިން އަމަލު ކުރަމުން އައި އުސޫލަކީ ކޮބައިތޯ އެހުމުން ހަލީލު ވިދާޅުވީ، "ކުރިން ވެސް އަމަލުކޮށްފައިވާ ގޮތަކީ ސަސްޕެންޑްކޮށްފައި ހުންނަ މުދަތުގައި މުސާރަ ވެސް ލިބޭ" ކަމަށެވެ. އަދި އެ މައްސަލައަކާ މެދު ވަކި ގޮތެއް ނިންމަނީ އެ މައްސަލައެއް ބަލާ ނިމުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ގުޅުުން ހުރި ކަމެއް - އިންޑިއާއަށް ބަދުބަސް ރައްދު ކުރި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އަދި އެ މީހުން ފާޅު ކުރި ހިޔާލުތަކަކީ ސަރުކާރުގެ ހިޔާލުތަކެއް ނޫންކަން ފާހަގަކޮށް، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު އިބްރާހިމް ޝަހީބު ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އިންޑިއާ ސަރުކާރުގެ ޑިމާންޑަކީ އެ ތިން ނައިބުން ވަކިކުރުން ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އެ ގައުމުގެ ސަފީރު މުނޫ މަހާވަރު ވެސް ވަނީ ފޮރިން މިނިސްޓްރީއަށް ހަމަ އެ ދުވަހު ވަޑައިގެން އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަކީ، ތާވަލްކޮށްގެން ބޭއްވި ބައްދަލުވުމެއް ކަމަށް އިންޑިއާގެ އެމްބަސީން ވަނީ ބުނެފަ އެވެ.

ފަސްމަންޒަރު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރި އެވެ. އޭނާ ވެސް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށެވެ.

ކޮމެންޓް (3)

އައްލޯ

10 ޖެނުއަރީ 2024
އެހެންވީމާ ޗުއްޓީ ދިނީ ދޯ؟
2 0

އިބިރަހިމާ

10 ޖެނުއަރީ 2024
ފަލީހަތް ވާން ބޭބުން ނޫންނަމަ މަގާމުން އިސްތިއުފާ ދީ.
1 0

ނަންނަ

10 ޖެނުއަރީ 2024
ކަލޭމެން ކޮންމެ ދުވަހަކު ހަބަރެއް ޖަހާތި އެކުދިން ފަޟީހަތްކުރަން.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް