ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީ އިން ނިކުމެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ ހުސެން ސުނޭން)

ރާއްޖެ-އިންޑިއާ

ސަފީރު ވަޑައިގަތީ ކުރިން ތާވަލުކޮށްފައިވާ ބައްދަލުވުމަކަށް: އެމްބަސީ

އެ ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމެއް ކަމަށް ހައި ކޮމިޝަނުން ބުނި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ތާވަލުކޮށްފައިވާ ބައްދަލުވުމަކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނެ ސޯޝަލް މީޑިއާގައި މަލާމާތްކުރި މައްސަލައިގައި ދެ ގައުމުގެ ދޭތެރޭ އުފެދިފައިވާ ނުތަނަވަސްކަމުގައި އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު މިއަދު ހެނދުނު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.

ތަފްސީލް - އޭގެ ފަހުން، މިއަދު މެންދުރު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ވަނީ ފޮރިން މިނިސްޓްރީއަށް ވަޑައިގެންފަ އެވެ. 

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރީ ކަމަށް ބުނެ ހަބަރުތައް ފެތުުރުމާ ގުޅިގެން، އިންޑިއާ ހައި ކޮމިޝަނުން ބުނީ، ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ އެ މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު ޑރ. އަލީ ނަސީރު މުހައްމަދާ އެކު ކުރިން ތާވަލުކޮށްފައިވާ ބައްދަލުވުމަކަށް ކަމަށެވެ.

އެ ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

އެނގުން މުހިންމު - ގައުމުތަކުގައި ތިއްބަވާ ސަފީރުން އެ ގައުމެއްގެ ހާރިޖިއްޔާއަށް ހާޒިރުކުރަނީ ހިތްހަމަނުޖެހޭ ކަންކަމުގައި އެކަން އަންގައި އެކަމާ ގުޅޭ ގޮތުން އެ ގައުމަކުން ދެކޭ ގޮތް އޮޅުންފިލުވުމަށެވެ. މިއީ ހާރިޖީ ކަންކަމުގައި ކުރިމަތިވާ މައްސަލަތަކުގައި އަމަލުކުރާ އުސޫލެކެވެ.

މައްސަލައިގެ ފެށުން - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ. އެގޮތުން:

  • މަގާމުން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓު ކުރައްވާފައި؛ އެއާ އެކު، އެ ތިން ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން، ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ބުނެ، އިންޑިއާގެ ބައެއް ފަރާތްތަކާއި ދިވެހިން އެ ބޭފުޅުން މަގާމުން ވަކިކުރަމަށް ދިޔައީ ގޮވާލަމުން

  • ފަހުން އެ ތިން ބޭފުޅުން ވެސް ވަނީ އެ ޕޯސްޓުތައް ޑިލީޓްކުރައްވާފައި

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ބޭފުޅުންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި އޭގެ ފަހުން، ސަރުކާރުން ވަނީ އެކަން ހިންގި ޔޫތުގެ ތިން ނައިބު މިނިސްޓަރަކު ސަސްޕެންޑްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް