އިންޑިއާއަށް ބަދު ބަސް ބުނެގެން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން (ކ-ވ): ޝިއުނާ، މަހްޒޫމް އަދި މަލްޝާ
އިންޑިއާ ސަރުކާރުން ޑިމާންޑް ކުރަނީ ތިން ނައިބުން ވަކިކުރަން
އިންޑިއާގައި ހުންނަ ދިވެހި ސަފީރު އެ ގައުމުގެ ހާރިޖީ ވުޒާރާއަށް މިއަދު ހާޒިރުކޮށް، އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކުރި ތިން ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިކުރަން އިންޑިއާ ސަރުކާރުން ޑިމާންޑް ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ 'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު ރާއްޖެ ގަޑިން 9:00ގައި، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވެވަޑައިގަންނަވަން އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ. ޝަހީބު އެ ގަޑިއަށް މިނިސްޓްރީއަސް ވަޑައިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރެއްވި އެވެ.
ތަފްސީލް - ހަތަރު މިނެޓުގެ އެ ބައްދަލުވުމާ ބެހޭގޮތުން، މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ 'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން ޝަހީބުއަށް އެންގީ:
-
ދެގައުމުގެ ގުޅުން ގޯސްވެގެން ދިޔައީ ރާއްޖޭގެ ސަބަބުން ކަމަށް ވުމުން، އެކަން ރަނގަޅު ކުރުމުގެ ޒިންމާ ރައީސް މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭ ކަމަށް
-
އިންޑިއާއަށާއި ބޮޑުވަޒީރު މޯދީއަށް ބަދުބަސް ރައްދު ކުރި ތިން މިނިސްޓަރުން ސަސްޕެންޑް ކުރުމުން އެކަނި ނުފުދޭ ކަމަށާއި އެ ތިން ބޭފުޅުން ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށް
ފާހަގަކޮށްލެވޭ - މި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ:
-
މަލްޝާ ޝަރީފް
-
މަރިޔަމް ޝިއުނާ (ނަންނަ)
-
އަބްދުﷲ މަހްޒޫމް މާޖިދު
އެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ ކިހާ މުއްދަތަކަށްތޯ، ނުވަތަ މުސާރަ ހިނގާ ގޮތަށްތޯ ނޫންތޯ 'ދައުރު'އިން ކުރި ސުވާލުތަކަށް ރައީސް އޮފީހުން ޖަވާބެއް ނުދެ އެވެ.
'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތިން ނައިބު މިނިސްޓަރުންގެ އަހުލާގު ހުރިގޮތާމެދު ރައީސް މުއިއްޒު ހަނުހުންނަވާތީ، އިންޑިއާއިން ވަރަށް ރުޅިއައިސްފައިވާ ކަމަށެވެ.
އަދި، އެ ތިން މިނިސްޓަރުން ޗައިނާ ދަތުރާ ދިމާކޮށް އެފަދަ ޓްވީޓްތައް ކޮށްފައިވަނީ، ޗައިނާއިން މާލީ އެހީ ހޯދުމުގެ ބޭނުމުގައި، ރައީސް މުއިއްޒުގެ ސީދާ އެންގެވުމުގެ ދަށުން ކަމާމެދު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުވާލު އުފައްދަވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ފަސްމަންޒަރު - މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ފަހުން އެ މަނިކުފާނު ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމު ކުރައްވައިފަ އެވެ.
އެއާ އެކު، އިންޑިއާގެ ބައެއް މީހުން ވަނީ، މޯދީގެ އެ ވީޑިއޯ އަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި ގައުމުގައި ތިބެގެން ވެސް ރާއްޖެ ފަދަ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގަވައިދެއްވަން އާންމު ކުރެއްވި ވީޑިއޯއެއް ކަމަށް ބުނެފަ އެވެ.
މޯދީގެ ވީޑިއޯ ރީޕޯސްޓުކޮށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ ރާއްޖެ އަކީ "ޗައިނާގެ ޕަޕެޓު ގައުމެއް" ކަމަށް ބުނެފަ އެވެ. އަދި އެ ވީޑިއޯ އަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނުމާ އެކު، އެކްސްގައި އުޅޭ ރާއްޖޭގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ އޭނާއަށް ރައްދު ދީފަ އެވެ.
މި މައްސަލަގަނޑު ފަޅައިގެން ގޮސް، އިންޑިއާގެ ބައެއް އާންމުންނާއި މަޝްހޫރު ފިލްމީ ތަރިން ވަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ނައުމަށް ގޮވާލާ ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން:
-
އެ މީހުންނަށް އިހުތިރާމު ނުކުރާ ބަޔެއްގެ ގައުމަށް އަންނަން ބޭނުން ނުވާ ކަމަށް އިންޑިއާގެ އޭ ލިސްޓު ބައެއް ތަރިން ވެސް ވަނީ ބުނެފައި
-
އެއާ އެކު، އިންޑިއާގެ ލަކްޝަދީޕަށް ޗުއްޓީ އަށް ދާން ހިތްވަރުދީ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށާފައި
އިންޑިއާގެ ބައެއް ފަތުރުވެރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ހަދާފައިވާ ބުކިންތައް ކެންސަލްކޮށް ރާއްޖެ ބޮއިކޮޓް ކުރަން ފަށައި ބޭނުންކުރަމުންދާ ހޭޝްޓެގް، '#ބޮއިކޮޓްމޯލްޑިވްސް' ވަނީ އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޓްރެންޑުވާން ފަށައިފަ އެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، ރިސޯޓުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ގޫގުލް އާއި ބުކިން ވެބްސައިޓުތަކަށް އިންޑިއާ މީހުން ވަނީ ކޮމެންޓުކުރަން ވެސް ފަށާފަ އެވެ.
އެނގުން މުހިއްމު - ފާއިތުވި ހަތަރު އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިއާ އެވެ.
ކޮމެންޓް (4)
ސަނައްޓޭ
މަގާމް
ރެއްކަބޭ
ދިވެހި