ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު: އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް އޭނާ ހުށަހެޅުއްވި އިސްލާހު އާންމު ކޮމިޓީން ވަނީ ފާސްކޮށްފައި (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އެމްޑީޕީ

ރައީސް ވަކިކުރުމުގެ ވިސްނުމެއް ނެތް؛ ބޭނުމަކީ މަޖިލިސް ނުހުއްޓި ކުރިއަށްގެންދިއުން: ޝިފާއު

ީޝިފާއު ވިދާޅުވީ، މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ގޮތެއް ގާނޫނުއަސާސީގައި ވެސް ގާނޫނުގައި ވެސް އަދި މަޖިލީހުގެ ގަވައިދުގައި ވެސް ނެތް ކަމަށް

ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި އަދި ނެތް ކަމަށާއި، ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެންނަ އިސްލާހުތަކަކީ، މަޖިލިސް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކުރާ ކަމެއް ކަމަށް، އެ އިސްލާހު ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ޖުމްލަ އަދަދުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ބޭނުންވެެ އެވެ. މީގެ ކުރިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު، މަޖިލީހުގެ ޖުމްލަ އަދަދަކީ، މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު ކަމަށްވާ 87އަށް ބަލައި ތިން ބައިކުޅަ ދެ ބަޔަކީ 58 ވޯޓު ކަމަށް ބަލައިގެންނެވެ.

ޝިފާއު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ޖުމްލަ އަދަދު މާނަ ކުރާ ގޮތަށެވެ. އެގޮތުން، އޭނާ ހުށަހެޅުއްވި އިސްލާހަކީ:

  • މަޖިލީހުގެ ޖުމްލަ އަދަދު ގުނުމުގައި ބަލާނީ، އެ ވަގުތަކު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަށް

  • އާ ސަރުކާރުގެ ކެބިނެޓާއި ބައެއް އިސް މަގާމުތަކާ ހަވާލުވުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމުން މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަކީ 80؛ އެހެންކަމުން، ޝިފާއުގެ އިސްލާހު ތަޅުމުން ފާސްވެއްޖެ ނަމަ، މަޖިލީހުގެ ތިން ބައިކުޅަ ދެ ބަޔަކަށް ވާނީ 54 މެންބަރުންގެ ވޯޓު

  • އެހެންކަމުން، ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމާއި އެ ނޫން ވެސް ކަންކަމުގައި ނަގާ ވޯޓުތަކުގައި ޖުމްލަ އަދަދު 80 އިން ގުނުމުން، އެމްޑީޕީގެ 55 މެންބަރުންގެ ވޯޓާ އެކު ފަސޭހައިން ފާސްވުމުގެ ފުރުސަތު އޮންނާނެ

ވީ ކިހިނެއް؟ - ގަވައިދުގެ 49 ވަނަ މާއްދާގެ (ޅ)އަށް ގެންނަ އިސްލާހު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައި ވާއިރު، އެއަށް އަމަލު ކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްވެއްޖެ ނަމަ އެވެ. އެ އިސްލާހާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

ކަންބޮޑުވުން ފާޅު ކުރާ މީހުން ތުހުމަތު ކުރާ ގޮތުގައި، އެމްޑީޕީން މަސައްކަތް ކުރަނީ، މަޖިލީހުގައި އޮތް އަގުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުން މީގެ ދުވަސްކޮޅެއް ކުރިން އިންތިހާބު ކުރި ސަރުކާރު ވައްޓާލުމަށެވެ.

ތަފްސީލު - މިކަމާ ގުޅިގެން އިއްޔެ 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާއު ވިދާޅުވީ، އޭނާ އެ އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި މި ދަނޑިވަޅުގައި ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ބޭނުމެއްގައި ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، މިހާރު މަޖިލީހުގެ ޖުމްލަ އަދަދު 87ގެ ގޮތުގައި ބަލާތީވެ ދިމާވާ އުދަނގޫތަކެވެ.

"މަޖިލީހުގައި ކުރިން ކޮންސިޑާ ކުރަމުން އައީ 87އޭ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ކަމުގައި. ހަތް މެންބަރުން މަޖިލީހުން ވަކިވެގެން ހިނގައްޖެ. ތިބޭފުޅުންނަށް ވެސް ފާހަގަކުރެވޭނެ ބައެއް ދުވަހު މަޖިލިސް ފެށުމުގެ ކޯރަމް ހަމަނުވުމުގެ މައްސަލަ އާއި ވަރަށް އުދަނގޫ ބައެއް ކަންކަން އެބަ އާދޭ، [މިސާލަކަށް ތަޅުމުގައި މެންބަރުން] ވަކި އަދަދެއް ހަމަކޮށްގެން ވޯޓަށް އަހަން ހުރި އުދަނގޫ،" ޝިފާއު ވިދާޅުވި އެވެ

ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސް ކުރި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސް މެންބަރުން އެކަނި (ފައިލް ފޮޓޯ/ މަޖިލިސް

ޝިފާއު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި މަޖިލީހުގެ އަދަދު ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، އޭގައި އޮންނަނީ މަޖިލީހުގެ މެންބަރުން އެކުލެވިގެންވާ އުސޫލެވެ. އަދި މުޅި "ގާނޫނުއަސާސީ އެއްކޮށް ކިޔާލާއިރު، ރައްޔިތުންގެ ފަރާތުން ނެތް މެންބަރަކު އިން ކަމުގައި ބަލައިގެން" މަސައްކަތް ކުރެވޭނެ ގޮތަށް އެ ގާނޫނުއަސާސީ ފަރުމާކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަނެއްކާ ފަހުން ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ވެސް އޮންނާނެ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުވާން ޖެހޭނީ، މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިގެންނޭ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްވި ހުކުމަށް އިޝާރާތްކޮށް އޭނާ ވިދާޅުވި އެވެ.

"[އޭގެ އިތުރުން] ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ގުނޭނީ، އެއިރެއްގައި [ނުވަތަ] އެ ވަގުގެއްގައި ތިބި ސައްހަ މެންބަރުންގެ އަދަދު ކަމުގައި ބަލައިގެން ކަމަށް ގަބޫލު ކުރެވެނީ. ޗެމްބާ ތެރޭގައި ގޮނޑި ހުރި އަދަދު އެއީ މަޖިލިސް މެންބަރުން ކަމުގައި ބަލައިގެން ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ގާނޫނުއަސާސީގެ ވެސް އަދި ސުޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމުގެ ރޫހަށް ބަލާއިރު ވެސް އެނގޭނެ."

މަޖިލީހުގެ ޖަލްސާއެއްގައި ޝިފާއު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޝިފާއު ފާހަގަރެއްވި ގޮތުގައި:

  • މެންބަރުންގެ ޖުމްލަ އަދަދަކީ 87 ކަމަށް ބަލައިގެން މަޖިލީހުގެ ރިޔާސަތުން އަމަލު ކުރަމުން އަންނަ އުސޫލަކީ، ގާނޫނުއަސާސީ އާއި ސުޕްރީމް ކޯޓުގެ ހުކުމްގެ ރޫހާ ހިލާފު އުސޫލެއް؛ އެ ކަންބޮޑުވުން މަޖިލީހުގައި ވެސް ފާހަގަކޮށްފައިވާނެ

  • އެއީ އާންމުކޮށް އަމަލުކުރަމުން އަންނަ ގޮތް ވީމަ އެ ގޮތަށް ކުރުމަކީ އުސޫލެއް ނޫން

  • މަޖިލިސް މެންބަރުން ހުވާ ކުރާ ފުރަތަމަ ދުވަހު މެންބަރުން ތިބި އަދަދަށް ބަލައިގެން އެކަން ކުރަމުން އައީ، ގާނޫނޫއަސާސީ އާއި ގާނޫނުތައް އަދި ގަވައިދަކުން ވެސް ބާރު ލިބިގެންނެއް ނޫން

އެހެންކަމުން، ޝިފާއު ދެކެވަޑައިގަންނަވާ ގޮތުގައި، އެ އިސްލާހަކީ ގާނޫނުއަސަސީއާ ހިލާފު އިސްލާހެއް ނޫނެވެ.

"އެއީ، މަޖިލީހަށް ގެނެވޭނެ އިސްލާހެއް. މަޖިލިސް ގަވައިދުގައި ވެސް، ގާނޫނުގައި ވެސް [އަދި] އެހެން ތަނެއްގައި ވެސް ނެތް މަޖިލީހުގެ މެންބަރުންގެ އަދަދު ބަލާނީ ކިހިނެއް ކަމެއް، ކޮން ގޮތަކަށް ކަމެއް،" އޭނާ ވިދާޅުވި އެވެ.

'ރައީސް ވަކިކުރަން ބޭނުން ނަމަ، މިހާރު ވެސް އުދަނގުލެއް ނުވާނެ'

މި އިސްލާހާ އެކު އެންމެ ބޮޑަށް އެމްޑީޕީއަށް އަމާޒުވާ ފާޑުކިޔުމަކީ، ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގައި އެ ޕާޓީން ފަށާފައިވާ ކަމަށް ބުނާ ބުނުމެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝިފާއު ވިދާޅުވީ، އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެފަދަ ވިސްނުމެއް އޮތް ނަމަވެސް، މި އިސްލާހު ހުށަނާޅާ ވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލުކުރަން ވިސްނައިފިއްޔާ، މިހާރު އެހާ އުދަނގުލެއް ނޫން. ގާތްގަނޑަކަށް މަޖިލީހުގެ މެންބަރުންްގެ 69 މެންބަރުން [ނުވަތަ] 70 ވަރަކަށް މެންބަރުން އެ ތިބީ ސަރުކާރާ ދޭތެރޭ ހިތްހަމަނުޖެހި. ރައީސުލްޖުމްހޫރިއްޔާ ސަރުކާރު އެކުލަވާލަމުންދާ ގޮތާ މެދު ހިތްހަމަނުޖެހި،" ޝިފާއު ވިދާޅުވި އެވެ.

"[އެހެންވީމަ] ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލުކުރާއިރު، އެމްޑީޕީން އެކަނި އެކަން ކުރާކަށް އުޅޭކަށް ނުވެސް ޖެހޭ. އެކަން ކުރާއިރު، [އެ ކަމަށް ތާއީދު ކުރާނެ] އިތުރު ޕާޓީތައް ވެސް މި ވަގުތު މަޖިލީހުގައި އެބަތިބި."

ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޝިފާއު ވިދާޅުވީ، މަޖިލީހުގެ ގިނަ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި ގައުމު ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު، ރައީސް "މުއިއްޒުގެ އަމަލުތައް ބަލަހައްޓައިގެން މަރު ހެޔޮ ނުވާނެ" ކަމަށެވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެން ތެރޭ އަދިއެއް ރައިސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ އެއްވެސް ވާހަކައެއް ނުދެކެވޭ. ރައިސް އުޒުލުކުރުމުގެ އެއްވެސް ކަމެއް އަދިއެއް ނުއެއް ހިނގާ،" ޝިފާއު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، [އެކަން ކުރަން ބޭނުން ނަމަ] އެއީ މި ވަގުތު މަޖިލީހަށް ވަރަށް ފަސޭހަ ކަމެއް، އުނދަގޫ ކަމަކަށް ނޫން. ގަވައިދަށް އިސްލާހު ނުގެނެސް ވެސް ކުރެވޭނެހާ ފަސޭހަ ކަމެއް އެއީ."

އެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވަމުން ޝިފާއު ވިދާޅުވީ، އެ އިސްލާހާ އެކު "ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ބިރުގަންނަހެން ހީވޭ" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ ފާހަގަކުރި ހުރަވީ ދުވަހުގެ މުސާނަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ނުސީދާ ގޮތެއްގައި އެމްޑީޕީއަށް ވަނީ އެ އިސްލާހާ ގުޅިގެން ރައްދެއް ދެއްވާފަ އެވެ. އެ ތަގުރީރުގައި ތާރީހުން ފިލާވަޅެއް ނަގައިދެއްވަމުން ރައީސް ވިދާޅުވީ، އަމިއްލަ ބާރުވެރިކަން ދެއްކުމަށް ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލަން އުޅުމަކީ ކަނޑައެޅިގެން ދިވެހިންނަށް ގައްދާރުވުން ކަމަށެވެ. އަދި އެއީ ނިކަމެތި ފިނޑި އަމަލެއްގެ ގޮތުގައި އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.

ކޮމެންޓް (2)

ޥާލުސޮރު

17 ޑިސެމްބަރު 2023
ސުޕްރީމް ކޯޓް ގެ ހުކުމާއި އޭގެ ރޫހު އިނގޭނަމަ ތިވާހަކަ ތިގޮތަކަށް ނުދައްކާނެ ދެރައީ ޤާނޫހަދާ މަޖިލީހަށް ޝަރުތެއް ނެތި ދެބޯ ބުރާންތިންނަށް ކުރިމަތި ލެވޭގޮތަށް އޮތް އޮތުން އިސްލާހު ނުކުރުން
2 0

ޝިފާއޫ

17 ޑިސެމްބަރު 2023
ޝިފާއު ވިދާޅުވީ، "މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ގޮތެއް ގާނޫނުއަސާސީގައި ވެސް ގާނޫނުގައި ވެސް އަދި މަޖިލީހުގެ ގަވައިދުގައި ވެސް ނެތް ކަމަށް'' މިއީ ކޮންކަހަލަ ވާހަކައެއް؟ މިމީހުން ކުރިން ބުނީ މިވަރުގެ ފުރިހަމަ ގާނޫނު އަސާސީއެއް އެއްވެސް ގައުމެއްގައި ނެތްކަމަށް. މިހާރު އެބުނަނީ މީތި ނެތޭ ، އޭތި ނެތޭ، ދެން ކޯޗެއްހުރީ. އަޅެ، ނިކަން ދެބަން ދިހާރުވެގެން ނޫޅެބަލަ..
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް