މިރޭގެ ޖަލްސާގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ ގައްދާރުވުން: ރައީސް

ރައީސް ވިދާޅުވީ، ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި ގައުމަށް ގައްދާރުވާ މީހުންނަކީ ފިނޑި، ނިކަމެތި ބައެއް ކަމަށް

އަމިއްލަ ބާރުވެރިކަން ދެއްކުމަށް ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލަން އުޅުމަކީ ކަނޑައެޅިގެން ދިވެހިންނަށް ގައްދާރުވުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހުތައް މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހޭއިރު، އެ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް މިރޭ ސީދާ ވާހަކަފުޅެއް ނުދައްކަވަ އެވެ. ނަމަވެސް، ހުރަވީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލަން އުޅުމަކީ ދިވެހިންނަށް ގައްދާރުވުން ކަމަށް ސިފަކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ހުރަވީ ދުވަހުގެ ހާދިސާއަށް ބަލާއިރު، އަލި ފަރާތަކާއި ތާރީހުގެ އަނދިރި ފަރާތެއް ފެންނަ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:

  • ތާރީހުގެ އަލި ފަރާތުން ފެންނަނީ ދުވަހުގެ ބަތަލު، މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި އެ މަނިކުފާނަށް ވަފާތެރި ދިވެހިންގެ ލަޝްކަރު 

  • ތާރީހުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ހިޔާނާތްތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތައި މަރާލި ޝަމްސުއްދީނާއި މުހްޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅިންގެ ލަޝްކަރު

  • ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ޝަމްސުއްދީނާއި މުހްޔިއްދީން ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ އެހީ ހޯއްދަވައި ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅިންނަށް ލިޔުއްވި 

  • އޭގެ ނަތީޖާއަކަށްވީ ހޮޅިންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން

  • އެންމެ ފަހުން ތިމާގެ އަމިއްލަ ގައުމަށް ހިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ، ހޮޅިން، ޝަމްސުއްދީނާއި މުހްޔިއްދީން ކަނޑުފައްތައި މަރާލި

ރާއްޖެ ދެމި އޮތްހާ ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު އެ ކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ގައްދާރުވުން،" ރައީސް ވިދާޅުވި އެވެ.  

"ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި ގައުމަށް ގައްދާރުވާ މީހުންނަކީ ފިނޑި، ނިކަމެތި ބައެއް."

ހަނގުރާމައިން ނަސްރު ލިބިވަޑައިގަތުމުން ވެސް ދޮންބަންޑާރައިން ތަހުތު ގަބޫލުނުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ކަމުން ދޭހަވެގެންދަނީ ދޮންބަންޑާރައިންނާއި އެ މަނިކުފާނަށް ވަފާތެރިވި މަދަދުވެރިންގެ ތެދުވެރިކަން ކަމަށެވެ.

ރައްޔިތުންގެ ފަރާތުން ވެދުމަކަށް އެރުވި ފައިސާގައި ވެސް ބީހިވަޑައިނުގަތުމުން، އެ ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތި އޮތީ ހަމައެކަނި ގައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަން އެ ކަމުން ކަށަވަރުވެެގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ. 

ހުރަވީ ދުވަހުގެ ބަތަލުގެ މާތް އަނެއް ސިފަ އަކީ، ރައީސް ވިދާޅުވި ގޮތުގައި، ނިންމެވި ކޮންމެ ނިންމެވުމެއް ވެސް ދިވެހި ގައުމާ އެއްކޮޅަށް ނިންމެވި ކަމެވެ.

ކޮމެންޓް (4)

ތެފައާސާ.

17 ޑިސެމްބަރު 2023
ގާނޫނު އަސާސީގެ ވަނަ މާއްދާގެ އެއްވެސް ހިސާބެއްގައި، އަދި ކޮބާ ގާނޫނު އަސާސީގެ އެހެން އެއްވެސް މާއްދާއެއްގައިވެސް ނޯންނާނެ، ވަނަ މާއްދާގެ ބޭނުންހިފުމަކީ ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލައި ގައްދާރުވުންކަމަކަށް... ދެނޯ؟؟
4 0

ޟާޜޫޟީ

17 ޑިސެމްބަރު 2023
@ތެފައާސާ. އެއީ ގާނުނު އަސާސީގެ ރޫހުން ދޭހަވާ މާނަ. ބަހުސުގައި ބައިވެރިވި މެމްބަރުންގެ ވާހަކައިން ދޭހަވާ މާނަ. އެގިއްޖެތޯ؟
1 1

އިބްނިސީނާ

16 ޑިސެމްބަރު 2023
ފެބްރުއަރީ 7 ގެ ބަޣާވާތުގެ ފޮޓޯތައްބަލާލާއިރު އިމްރާނާ އެންމެކައިރީގައި ހުންނަނީ މުއިއްޒުއެވެ
1 1

ބަލަބަލާ

17 ޑިސެމްބަރު 2023
@އިބްނިސީނާ އަދިވެސް ފެބްރުއަރީ 7 ދޫނުވެވިގެން ތިއުޅެނީ . ބަލަ ކޯނީ ރިޕޯޓް ނުކިޔަންތަ. އެއޮތީ މާސިންގާ ރިޕޯޓެއް ހަދާފައި، އެއީ އަންނި ދިން އިސްތިއުފާއެކެ ކިޔާފައި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް