ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯޯ/ ހުސައިން ސުނޭން)
އެމްޑީއޭ އާއި އެމްއެންޕީ ވާދަ ކުރާ ދާއިރާތަކަށް، އެ ދެ ޕާޓީގެ މެންބަރުންނަށް ވޯޓްލެވޭނެ: ޕީޕީއެމް-ޕީއެންސީ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި އެމްޑީއޭ އާއި އެމްއެންޕީ ވާދަ ކުރާ ދާއިރާތަކަށް އެ ދެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ވެސް ވޯޓުލެވޭނެ ކަމަށް ޕީޕިއެމް-ޕީއެންސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހު 23ގައި ބާއްވާ ޕީޕިއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަނަށް ތާއީދު ކުރި އެމްޑީއޭ އާއި އެމްއެންޕީއަށް ވެސް ވާދަކުރުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލާފަ އެވެ.
އެއާއެކު، އެމްޑީއޭ އާއި އެމްއެންޕީން ވެސް ވަނީ ޕީޕިއެމް-ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ބޭނުންވާ އެ ދެ ޕާޓީގެ މެންބަރުންނަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
-
އިތުރަށް ކިޔާލަން: ޕްރައިމަރީގައި އެމްއެންޕީ، އެމްޑީއޭއަށް ވާދަކުރެވޭ ގޮތް ހަދައިފި
ތަފްސީލު - ޕްރައިމަރީއާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމް-ޕީއެންސީން އާންމު ކުރި އުސޫލުގައިވާ ގޮތުން 'އެއްބަސްވެވޭ ގޮތެއްގެ މަތިން' އެމްޑީއޭ އާއި އެމްންޕީއަށް ވެސް ޕްރައިމަރިގައި ވާދަ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ޕްރައިމަރީގައި ވޯޓު ލެވެނީ މާދަމާގެ ނިޔަލަށް ޕީޕީއެމް-ޕީއެންސީގެ ދަފްތަރުގައި ތިބި މެންބަރުންނަށެވެ.
މިކަމާ ގުޅޭ ގޮތުން މިއަދު 'ދައުރު'ން ޕީޕީއެމް-ޕީއެންސީގެ ތަރުޖަމާނު، ހީނާ ވަލީދުއާ ސުވާލުކުރުމުން ވިދާޅުވީ:
-
އެމްޑީއޭ އާއި އެންޕީއަށް ވާދަ ކުރެވޭނެ ވަކި ހާއްސަ ދާއިރާތަކެއް ކަނޑަނާޅާ؛ އެ ދެ ޕާޓީގެ ފަރާތުން ކުރިމަތިލާ ހުރިހާ ދާއިރާތަކަށް ވެސް ވާދަ ކުރެވޭނެ
-
އެގޮތަށް ވާދަކުރަން ހުށަހަޅާ ދާއިރާތަކަށް، އެމްޑީއޭ އާއި އެމްއެންޕީގެ މެންބަރުންގެ ދަފްތަރަށް ވެސް ވޯޓު ލެވޭނެ
'ޕްރައިމަރީ އަވަސް ކުރީ، މަޖިލިސް ކެމްޕެއިން އަވަހަށް ފެށުމަށް'
ޕީޕީއެމް-ޕީއެންސީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ބުނެފައިވާ ގޮތުން، އެ ދެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައި އޮތީ، އަންނަ މަހުގެ 20ގަ އެވެ. ކުރިމަތިލުމަށް ހުޅުވާލުމަށް އޮތީ މި މަހުގެ 20 އިން 31 އަށެވެ.
ނަމަވެސް، ބުދަ ދުވަހުގެ ރޭ ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، މި މަހު 23ގައި ޕްރައިމަރީ ބޭއްވުމަށެވެ. އަދި ކުރިމަތިލުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހަށް ހުޅުވާާލުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޕްރައިމަރީގެ ތާރީހުތައް އަވަސް ކުރަން ނިންމާފައިވާއިރު، އެ ގޮތަށް ނިންމި ސަބަބެއް ދެ ޕާޓީން އޭރު ހާމައެއް ނުކުރެ އެވެ.
އެ ސަބަބާ ގުޅޭ ގޮތުން މިއަދު ހީނާއާ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ، ވަކި ހާއްސަ ސަބަބެއް ނެތް ކަމަށާއި ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކެމްޕެއިން ފެށުމަށް ކަމަށެވެ.
"ސީދާ ވަކި މާ ބޮޑު ކަންތައްތަކެއް ހުރެގެނެއް ނޫން އަވަސް ކުރީ. އެކަމަކު އަވަހަށް ޕްރައިމަރީގެ ކަންކަން ނިންމައި، ކެންޑިޑޭޓުންނަށް ވެސް އަވަހަށް ކެމްޕެއިން ފެށުމަށް ފުރުސަތުދީ، ރަނގަޅު ކެމްޕެއިނެއް ކުރުމަށް،" ޕްރައިމަރީ އަވަސް ކުރި ސަބަބާ ގުޅޭ ގޮތުން ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ރޯދައިގެ ކުރިން ވެސް އިންތިހާބު ބޭއްވުމުގެ ވާހަކަތަކެއް އުޅޭތީވެ، މަޖިލިސް އިންތިހާބު ވެސް އަވަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަލައި ޕްރައިމަރީ އަވަސް ކުރުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ކޮންމެ ޕްރައިމަރީއެއްގައި ވެސް ވާދަކުރާ ބޭފުޅުންގެ މެދުގައި ޖެހޭ ކުދި ކުދި މައްސަލަތައް ހައްލު ކުރަން ވަގުތު ލިބި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވެސް ފުރުސަތު ލިބިގެންދާނެ،" އަވަސް ކުރި ސަބަބުތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިފަހަރުގެ ޕީޕިއެމް-ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ޝަރުތުތައް ވެސް ވަނީ، ހަރުކަށިކޮށްފަ އެވެ. އެގޮތުން މަޖިލިސް މެންބަރެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ އިތުރަށް، އިތުރު ހަތަރު ކަމަކަށް ވެސް ބަލާނެ ކަމަށް އެ ކޯލިޝަނުން އިއުލާން ކުރި އުސޫލުގައި ބުނެ އެވެ. އެއީ:
-
1-
އަބުރުވެރި، ނަޒާހަތްތެރި ފަރާތެއް ކަމުގައިވުން
-
2-
މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
-
3-
ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ މިންވަރު
-
4-
ޕާޓީއަށް ހިދުމަތް ކޮށްފައިވާ މިންވަރު
ކޮމެންޓް (2)
އެމްއެމް
އިސްކުރު