ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީން އެމްއެންޕީއާ އެކު ކޯލިޝަން ހެދުމަށް މީރުމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެމްއެންޕީ އާއި އެމްޑީއޭއަށް ވެސް ވާދަކުރެވޭ ގޮތް ހަދައިފި

ރޭ އަބްދުއްެރަހީމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްއެންޕީ އާއި އެމްޑީއާ އެކު އަނގަބަހުންނާއި ލިޔެކިޔުމުން އެއްބަސްވުންތަކެއް ވަނީ ވެފައި

މި މަހުގެ 23ގައި ބާއްވާ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި، މި ސަރުކާރު ގެނައުމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެހީތެރިވި އެމްއެންޕީ އާއި އެމްޑީއޭއަށް ވެސް ވާދަކުރުމުގެ ފުރުސަތު ފަހިވާ ގޮތަށް އެ ކޯލިޝަންގެ އުސޫލު ހަދައި މިއަދު އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީން ރޭ ބޭއްވި ޖޮއިންޓް ސެނެޓުގެ ބައްދަލުވުމުގައި ފާސްކުރި އެ އުސޫލު އެ ކޯލިޝަނުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ތަފްސީލު - މަޖިލިސް އިންތިހާބުގައި 'ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލު'ގެ ނަމުގައި އެކުލަވާލާފައިވާ އެ އުސޫލުގެ ދަށުން، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އެ އުސޫލުގެ ތިން ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން، އެމްއެންޕީ އާއި އެމްޑީއޭގެ މެމްބަރުންނަށް ވެސް މި ޕްރައިމަރީގައި ބައިވެރިވެވޭނެ އެވެ. އެގޮތުން، އެ ނަންބަރުގައި ބުނަނީ:

  • ޕްރައިމަރީއަށް ހުޅުވެލެވޭ ފުރުސަތުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްޑީއޭ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ އެކު އެއްބަސްވާ ގޮތެއްގެ މަތިން، އެ ޕާޓީތަކަށް ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ކުރުމުުގެ ފުުރުސަތު ލިބިދެވޭނެ

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން، އެމްއެންޕީ އާއި އެމްޑީއޭއަށް މި ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ދޭނީ ކިހާ މިންވަރަކަށް ކަމެއް ނުވަތަ ކިތައް ދާއިރާއަކަށް ކަމެއް އަދި އެ ހާލަތުގައި އެ ދެ ޕާޓީގެ މެންބަރުންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމެއް އަދި ސާފެއް ނޫނެވެ.

މި އުސޫލުގައިވާ ގޮތުން، ޕްރައިމަރީގެ އިންތިޒާމްތައް ކަނޑައެޅުމުގެ އެންމެ އިސް ފަރާތަކީ ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕެވެ. އަދި ޕްރައިމަރީއާ ގުޅޭ އެންމެހާ ކޮމިޓީތައް އެކުލަވާލުމުގެ ބާރު ވެސް އޮންނަނީ އެ ލީޑާޝިޕަށެވެ.

ވާދަ ކުރާ ކެންޑިޑޭޓުން ޕްރައިމަރީއަށް ޝަރުތު ހަމަވާކަން ކަނޑައެޅުމުގެ ބާރު ވެސް މި އުސޫލުގެ ދަށުން ދީފައި ވަނީ ލީޑާޝިޕަށެވެ. އެހެންކަމުން ލީޑާޝިޕް ބޭނުންވެއްޖެ ނަމަ، އެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ވެސް ބާތިލު ކުރެވޭނެ އެވެ.

ބުނީ ކިކޭ؟ - ރޭގެ ޖޮއިންޓް ސެނެޓު ބައްދަލުވުމަށް ފަހު، ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި، އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި:

  • "ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ބޭފުޅުންނާ އެކު [އެމްއެންޕީ އާއި އެމްއެންޕީއާ އެކީ] ވާނީ އެއްބަސްވެފައި، އަނގަބަހުން އަދި ލިޔެކިޔުމުން ވެސް. [އުސޫލުގައި] އޮންނާނެ ބުނެފައި، އަޅުގަނޑުމެން ތެރޭގައި އެބަސްވެވޭ ދާއިރާތަކަށް ކުރިމަތިލާން ބޭނުންފުޅުވަންޏާ، އެ ބޭފުޅުން ވެސް ޖެހޭނީ މި ޕްރައިމަރީގައި ވާދަކުރައްވާށޭ"

  • "މިސާލަކަށް، އެމްއެންޕީ އަދި އެމްޑީއޭ ކަމުގައި ވިޔަސް، ވަކި ދާއިރާއެއް ކަނޑައަޅާފައި [ޕީޕީއެމް-ޕީއެންސީއަށް ވާދަ ނުކުރެވޭ ގޮތަށް] އަޅުގަނޑުމެން އެ ބޭފުޅުންނަށް [އެ ދާއިރާއެއް] ނުދެން"

އެ އެއްބަސްވުމާ ގުޅޭ ތަފްސީލަކަށް އަބްދުއްރަހީމް ރޭ ވަޑައެއްނުގަންނަވަ އެވެ.

ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމަށް ފަހު، ރޭ ދެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯޯ/ ހުސައިން ސުނޭން)

ރޭ އަބްދުރައްރަހީމް އިއުލާންކުރެއްވި ގޮތުގައި، ޕްރައިމަރީގައި ވޯޓު ލެވޭނީ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޕީޕީއެމް-ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޕީޕީއެމް-ޕީއެންސީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ބުނެފައިވާ ގޮތުން، އެ ދެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައި އޮތީ، އަންނަ މަހުގެ 20ގަ އެވެ. ކުރިމަތިލުމަށް ހުޅުވާލުމަށް އޮތީ މި މަހުގެ 20 އިން 31 އަށެވެ.

ނަމަވެސް، ރޭ ސެނެޓުގެ ބައްދަލުވުމުގައި އެ ތާރީހުތައް އަވަސް ކުރަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް އަބްދުއްރަހީމް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަައެއްނުކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް