ރޭ ބެއްވި ޕީޕީއެމް-ޕީއެންސީގެ ސެނެޓު ބައްދަލުވުމުގެ ރިޔާސަތުގައި އެ ކޯލިޝަންގެ ލީޑަރު، ރައީސް މުހައްމަދު މުއިއްޒު، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

ޕީޕިއެމް-ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެވޭ ޝަރުތުތައް ހަރުކަށިކޮށްފި

އުސޫލު އޮތް ގޮތުން، ލީޑާޝިޕުން ބޭނުްންވާ ބަޔަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުކޮށްދިނުމުގެ ފުރުސަތު ވެސް އޮންނާނެ

މިއަދު ކުރިމަތިލުމަށް ހުޅުވާލި ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކިބައިގައި، މަޖިލިސް މެންބަރުންގެ ޝަރުތުގެ އިތުރަަށް، އިތުރު ހަތަރު ކަމަކަށް ވެސް ބަލާނެ ކަމަށް އެ ކޯލިޝަނުން މިއަދު ކުރި އިއުލާންގައި ބުނެފި އެވެ.

ޕްރައިމަރީގައި އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން މިއަދު ޕީޕީއެމް-ޕީއެންސީން އާންމު ކުރި އުސޫލުގެ ދަށުން، އެ ޝަރުތުތައް ހަމަވޭތީ ބެލުމުގެ ބާރު އޮންނަނީ، ދެ ޕާޓީގެ ލީޑާޝީޕަށެވެ. އެހެންކަމުން، ލިޑާޝިޕް ބޭނުން ވެއްޖެ ނަަމަ، އެ ކެންޑިޑޭޓެއް ކެންޑިޑޭސީ ބާތިލުކުރުމުގެ ބާރު އުސޫލުގެ ދަށުން ލިބެ އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި އެ ކޯލިޝަންގެ ޓިކެޓްގައި އަންނަ އަހަރުގެ މަޖިލީހުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް، މި މަހުގެ 23ގައި ބާއްވާ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.

ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ތަފްސީލު - ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ރޭ ނިންމާފައި ވަނީ، ޕްރައިމަރީގައި ވާދަ ކުރެވޭނީ މި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޕީޕީއެމް-ޕީއެންސީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށެވެ. އަދި އެ ޕްރައިމަރީގައި ވޯޓުލެވޭނީ ވެސް އެ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ތިބި މެންބަރުންނަށެވެ. އެކަން މިއަދު ކުރި އިއުލާންގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރަށް ޕްރައިމަރީގައި ވާދަ ކުރާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި:

  • ގާނޫނުއަސާސީ އާއި ގާނުނުތަކުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހިމެނިފައިވުން

  • ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށްވުން

 ޕީއެންސީގެ އާ ރަސްމީ އޮފީސް ހުޅުވުމަށްފަހު ރޭ ބޭއްވި ޖޮއިންޓް ސެނެޓް ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެ ޝަރުތުތަކުގެ އިތުރަށް، އިއުލާންގައިވާ ގޮތުން އިތުރު ހަތަރު ކަމަކަށް ވެސް ބަލާނެ އެވެ. އެއީ:

  • 1-

    އަބުރުވެރި، ނަޒާހަތްތެރި ފަރާތެއް ކަމުގައިވުން

  • 2-

    މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

  • 3-

    ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ މިންވަރު

  • 4-

    ޕާޓީއަށް ހިދުމަތް ކޮށްފައިވާ މިންވަރު

އެ ހަތަރު ކަންތައް ޕީޕީއެމް-ޕީއެންސީން މިއަދު އާންމު ކުރި އުސޫލުގައި ވެސް ހިމަނާފައިވެ އެވެ. އެ އުސޫލުގެ ހަތަރު ވަނަ މާއްދާގައި (ށ)ގައިވާ ގޮތުން ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތު ހަމަކުރުމުގައި ވެސް އެ ހަތަރު ކަންތަކަށް ބެލޭނެ އެވެ.

"އެ ކަންކަަމަށް ބެލުމަށް ފަހު، އެ ފަރާތްތަކަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ޝަރުތު ފުރިހަމަވާ ކަމަށް ނިންމާނީ [ޕީޕީއެމް-ޕީއެންސީ] ކޯލިޝަންގެ ލީޑާޝިޕުންނެވެެ،" އެ މާއްދާގެ (ނ)ގައި ލިޔެފައިވެ އެވެ.

ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެނގުން މުހިންމު - އުސޫލުގެ އެ މާއްދާ އޮތް ގޮތުން، ލީޑާޝިޕުން ބޭނުންވާ ބަޔަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުކޮށްދިނުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެއީ، އުސޫލުގައި އެ ހަތަރު ކަންތައް ބަލާނެ ގޮތުގެ ތަފްސީލެއް ނެތުމާއި ލީޑާޝިޕަށް ބޮޑެތި ބާރުތަކެއް ދީފައިވުމުންނެވެ. އެގޮތުން:

  • މި އުސޫލުގައިވާ ގޮތުން، މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމުގެ އިމްތިޒާމް ހަމަޖެއްސުމުގެ އެންމެ އެންމެ އިސް ފަރާތަކީ އެ ދެ ޕާޓީގެ ލީޑާޝިޕް

  • ކެންޑިޑޭޓުން ކަނޑައެޅުމަށް "ޕްރައިމަރީއެއް ބާވަން ޖެހިއްޖެ ނަމަ"، ބާއްވާ ޕްރައިމަރީއާ ގުޅޭ އެންމެހާ ކަންކަން އިންތިޒާމް ކުރާ ކޮމިޓީތައް އެކުލަވާލުމުގެ ބާރު ވެސް އޮންނަނީ ލީޑާޝިޕަށް

ފާހަގަކޮށްލެވޭ ކަމެއް - ޕީޕީއެމް-ޕީއެންސީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ބުނެފައިވާ ގޮތުން، އެ ދެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައި އޮތީ، އަންނަ މަހުގެ 20ގަ އެވެ. ކުރިމަތިލުމަށް ހުޅުވާލުމަށް އޮތީ މި މަހުގެ 20 އިން 31 އަށެވެ.

ނަމަވެސް، ރޭ ސެނެޓުގެ ބައްދަލުވުމުގައި އެ ތާރީހުތައް އަވަސް ކުރަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް އަބްދުއްރަހީމް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަައެއްނުކުރައްވަ އެވެ.

ކޮމެންޓް (2)

މުހަންމާ

10 ޑިސެމްބަރު 2023
ސަރުތު އޮންނާނީ އޮތްތާގައި،ނިމޭއިރު ޓިކެޓް ލިބޭނީ ބޮއްޅަބޭ އަށް......
0 0

ބޓނ އަދުރޭ

7 ޑިސެމްބަރު 2023
އަދުރޭ ބޭނުން ވިގޮތައް ތިޔައޮތީ ނިންމާފަ ޝުކުރިއްޔާ ލ އަދުރޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް