އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ލިބުނު ދައުރުގެ ނޫސްވެރިޔާ އަހުމަދު ނާއިފް (ވ) އަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް އެވޯޑު ހަވާލުކޮށްދެއްވަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)

އެންމެ މޮޅު ނޫސްވެރިޔާއާ އެކު 'ދައުރު'އަށް 6 އެވޯޑް

ހަޔާތުގެ އަރުތައިގެ އެވޯޑް މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރަށް ލިބިވަޑައިގެންނެވި އިރު، 'ދައުރު'ގެ އެހެން ނޫސްވެރިން ހޯދީ އިޖުތިމާއީ ދާއިރާ، ވިޔަފާރި އާއި އިގްތިސޯދު އަދި ފީޗާ ލިޔުމާއި ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑުގައި މި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު 'ދައުރު' ނޫހުގެ ސީނިއާ އެސޯސިއޭޓު އެޑިޓަރު އަހުމަދު ނާއިފްއަށް ލިބިއްޖެ އެވެ.

އޭގެ އިތުރުން ދިގު މުއްދަތުގައި ނޫސްވެރިކަމަށް ހިދުމަތްކުރައްވައިގެން 'ދައުރު'ގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރަށް ވަނީ ހަޔާތުގެ އަރުތައިގެ އެވޯޑް ވެސް ލިބިވަޑައިގެންފަ އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް ޔުނިވަސިޓީގައި މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ނާއިފްއަށް ވަނީ، އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑްގެ އިތުރުން، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން ވެސް އެވޯޑު ލިބިފަ އެވެ.

ތަފްސީލް - މިރޭގެ އެވޯޑު ހަފްލާގައި ރާއްޖޭގެ އެންމެ ކާމިޔާބު ނޫހަށް 'ދައުރު' ހަދައިދިން ނޫސްވެރިންގެ ތެރޭގައި ދެން ހިމެނެނީ ޝަހުދާ މުހައްމަދު އާއި އަހުމަދު މިޒްޔާލް އެވެ. އެގޮތުން؛ 

ފީޗާ ލިޔުން އަދި އިޖުތިމާއީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހޯދި ދައުރުގެ ޝަހުދާ މުހައްމަދު (ދައުރު ފޮޓޯ/ހުސެން ސުނޭން)
ހަޔާތީ އަރުތައިގެ އެވޯޑު ލިބިވަޑައިގެންނެވި ދައުރުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު - ހިރިގާ (ދައުރު ފޮޓޯ/ހުސެން ސުނޭން)

ގުޅުން ހުރި ކަމެއް - ހަޔާތީ އަރުތައިގެ އެވޯޑު ލިބިވަޑައިގެންނެވި ހިރިގާ ޒާހިރަކީ މިހާރު ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ. އޭނާގެ ނޫސްވެރިކަމުގެ ހަޔާތް ފެށީ އޭރުގެ އެންމެ ބޮޑު ނޫސް 'ހަވީރު'ގަ އެވެ. އެ ނޫހުގައި 23 އަހަރަށް ވުރެ ގިނަ ދުވަހު އިސް އެތައް މަގާމެއްގައި މަސައްކަތްކުރެއްވި އެވެ. އޭގެ ފަހުން ގުޅިވަޑައިގަތީ 'ސަން އޮންލައިން'އާ އެވެ. ސަންގައި 11 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި އެވެ.

'ދައުރު' އުފެއްދި ޓީމާ އެކު، މެނޭޖިން އެޑިޓަރުގެ ގޮތުން ހިރިގާ ޒާހިރު ނޫސްވެރިކަމުގެ އާ ދަތުރެއް ފެއްޓެވީ 2021ގަ އެވެ.

ކޮމެންޓް (2)

ޚަލީލް

26 ނޮވެމްބަރު 2023
މަރުހަބާ ނާއިފް، ހިރިގާ، ޝަހުދާ އަދި މިޒްޔާލް، އަދިވެސް އިތުރު ކާމިޔާބީއަށް އެދެން. ޝުކުރިއްޔާ ދައުރު
2 0

ޙަސަން

26 ނޮވެމްބަރު 2023
މަރުހަބާ ހުރިހާ ކުދިންނަށް ވެސް......
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް