އަންހެނަކާއި ކުޑަކުއްޖަކު މާލޭގައި ވާރޭވެހޭތަން ބަލަހައްޓައިގެން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުޑަކުދިން

ދަރިންގެ ހަރަދު ހޯދުން: މައިންނަށް ބޮޑު ތަކުލީފެއް

ކުއްޖެއްގެ ވަރަށް އަސާސީ ކަންކަމަށް ބޭނުންވާ ބައެއް ހަރަދުތައް ހޯދަން ވެސް ކުރަންޖެހޭ މަސައްކަތް ބުރަ
24 އޮކްޓޯބަރު 2022
4

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ އެއް ގައުމެވެ. ރާއްޖޭގައި 2002 ވަނަ އަހަރު ކޮންމެ 1،000 މީހަކަށް 10.97 ވަރި ރިކޯޑް ކުރެވިގެން ގިނިސް ވޯލްޑް ރެކޯޑްސްގެ އެއްވަނައިގައި މިހާރު ވެސް އޮތީ ރާއްޖެ އެވެ.

ވަރި ގިނަވުމުން، މަންމަ ނުވަތަ ބައްޕައާ ނުލާ ބޮޑެތިވާންޖެހޭ ކުދިން ވެސް ގިނަ އެވެ.  ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، އެއް ބެލެނިވެރިޔާ ދެ ބެލެނިވެރިންގެ ރޯލު އަދާ ކުރަންޖެހެ އެވެ. މުޖުތަމައު ގަބޫލުކުރާ ގަބޫލުކުރުންތަކާއި ގާނޫނާއި ގަވާއިދުތަކާއި މާލީ ހާލަތުގެ ސަބަބުން ދިމާވާ ތަކުލީފުތައް އުފުލަންޖެހޭ އެކަނިވެރި މައިންނާއި ބަފައިންނެވެ.

ރާއްޖޭގައި މުޖުތަމައު ބިނާވެފައިވާ ގޮތުން ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމާއި ވަޒީފާއަށް ގޮސް އާމްދަނީ ހޯދުމަކީ އާންމުކޮށް ބައްޕަގެ މަސްއޫލިއްޔަތެކެވެ. އަދި ކައިވެންޏެއް ރޫޅުމުން ދަރިން ބެލުމުގެ ޒިންމާއާ ގިނަ ފަހަރަށް ހަވާލުވަނީ މަންމަ އެވެ. އެހެންކަމުން، ވަރިވާ ހިސާބުން، ހަރަދުތައް ބެލެހެއްޓުމުގައި އެކަނިވެރި މައިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ. ގާނޫނާއި ގަވާއިދުތަކާއި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގައި ހުރި މައްސަލަތަކާއި ކޯޓު މަރުހަލާގައި ކުރިމަތިވާ ގޮންޖެހުންތަކާ އެކު، ހަރަދު ހޯދުމުގެ ކަންކަން ވަނީ މައިންނަށް ބޮޑު ތަކުލީފަކަށެވެ.

"[މިހާރު ގާނޫނުތައް ހުރި ގޮތުން] ކުއްޖާގެ ބައްޕަ ރުހިގެން އެ ހަރަދުތައް ކޮށްދިނިއްޔާ ނޫނީ އިމްޕޮސިބަލް ކަމެކޭ އެއީ ބޭނުންވާ ހަރަދުތައް ހޯދުން،"

ހަމްޒާ ހަލީލް، އާއިލީ މައްސަލަތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގާނޫނީ ވަކީލެއް

ލިބޭ ހަރަދު، ކުރަން ޖެހޭ ހޭދައާ ނުބައްދަލު

އާއިލާއާ ބެހޭ ގަވައިދުގެ 66 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު ބައްޕަ ދަރީގެ ހަރަދަށް 2،000 ރުފިޔާ ދޭން ލާޒިމު ކުރެ އެވެ. އެއް ދަރިއަށް ވުރެ ގިނަ ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ދައްކަން ޖެހެ އެވެ. އޭގެ އިތުރުން ހަރަދެއް ހޯދަން ބޭނުންވެއްޖެ ނަމަ ޖެހެނީ ބައްޕަގެ މައްޗަށް ދައުވާ އުފުލާށެވެ.

އެހެނިހެން ހަރަދުގެ ގޮތުގައި ވަރަށް އަސާސީ ކަންކަން ވެސް ހިމެނެ އެވެ. އެހެނިހެން ހަރަދުތަކަކީ:

  • ކިޔަވައިދިނުމުގެ ހަރަދު (މިސާލު: ޓިއުޝަން ފީ، ސްކޫލަށް ބޭނުންވެގެން ހޯދާ ތަކެތި)

  • އަންނައުނުގެ ހަރަދު (މިސާލު: ހެދުން، ގަމީސް، ފަޓުލޫނު، ފައިވާން ފަދަ ތަކެތި)

  • ބޭސްފަރުވާގެ ހަރަދު (މިސާލު: ޑޮކްޓަރަށް ދެއްކުން، ބޭސް ގަތުން)

  • ކުއްޖާގެ ހާލަތަށާއި ބަލަދުވެރިޔާގެ ތަނަވަސްކަމުގެ މައްޗަށް ރިއާޔަތްކޮށް މި ހަރަދުތަކުގެ އިތުރުން ހިމެނޭ އެހެނިހެން ހަރަދު (މިސާލު: ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނަމަ، އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ހަރަދު) 

ހަރަދު ހޯދުމުގެ މައްސަލަތަކުގައި އެކަނިވެރި މައިންނަށް ވަކާލާތުކޮށްދެއްވާ ގާނޫނީ ވަކީލު ހަމްޒާ ހަލީލް ވިދާޅުވީ ކޯޓުން ނަގައިދޭ ހަރަދުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތަކާއި ކެއިންބުއިމުގެ ހަރަދަށް ރިއާޔަތް ކުރެވިފައި ނުވާ ކަމަށެވެ. އަދި ގަވައިދުގެ ދަށުން ހަރަދު ހޯދަން ކުރަންޖެހޭ މަސައްކަތް ބުރަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފެމިލީ ކޯޓް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިތުރު ހަރަދު ހޯދަން އުނދަގޫވަނީ ކީއްވެ؟

އެހެނިހެން ހަރަދު ހޯދުމުގެ މަރުހަލާ އޮންނަ ގޮތުން:

  • އިތުރު ހަރަދު ހޯދަން ބޭނުންވާ ކޮންމެ ފަހަރަކު މަންމަ ޖެހެނީ ކޯޓުގައި ބައްޕައާ ދެކޮޅަށް ވަކި ދައުވާއެއް އުފުލަން

  • އެކަމަށް ހުށަހަޅަން ޖެހޭ ފޯމުތަކާއި އެހެނިހެން ތަކެތި ހުށަހެޅުމަކީ ގިނަ ބަޔަކަށް ދަތި ކަމެއް

  • ދައުވާ އުފުލުމަށްޓަކައި، ހަރަދުގެ ތަފްސީލުތަކާއި އެ ފައިސާއިން ގަތް ތަކެތި ނުވަތަ ހޯދި ހިދުމަތުގެ ރަސީދު ހުށަހަޅަންޖެހޭ؛ މި ރަސީދުތައް ހުންނަން ޖެހެނީ ވިއްކާ ފަރާތުން ސްޓޭމްޕް ނުވަތަ ސޮއި ކޮށްފައި

  • ކޮންމެ ފަހަރަކު ކޯޓަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް އަޑުއެހުމެއް ބާއްވަން ޖެހޭ

"[މިހާރު ގާނޫނުތަކާއި ގަވައިދުތައް ހުރިގޮތުން] ކުއްޖާގެ ބައްޕަ ރުހިގެން އެ ހަރަދުތައް ކޮށްދިނިއްޔާ ނޫނީ އިމްޕޮސިބަލް ކަމެކޭ އެއީ ބޭނުންވާ ހަރަދުތައް ހޯދުން،" މިފަދަ ބައިވަރު ދައުވާތަކުގައި ކޯޓުގައި ވަކާލާތުކުރައްވާފައިވާ ހަމްޒާ، ކަން އޮތް ގޮތް ހުލާސާ ކޮށްދެއްވަމުން، ވިދާޅުވި އެވެ.

އެހެނިހެން ހަރަދު ހޯދުމުގެ މަރުހަލާގައި މައިންނަށް ދިމާވާ ދަތިތައް ވެސް ހަމްޒާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި:

  • އެކަނިވެރި ގިނަ މައިންނަކީ ގާނޫނީ ވަކީލުން ހޯދުމުގެ މާލީ ތަނަވަސްކަން ލިބިފައިވާ ބައެއް ނޫން

  • ރަސީދު ނުވަތަ ބިލްތައް ޝަރީއަތަށް ހުށަހަޅާއިރު ހުންނަން ޖެހޭ ޝަރުތުތަކުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ދިމާވޭ

  • ގޭ ކައިރީގައި ހުންނަ ކަންމަތީ ފިހާރަ ކަހަލަ ތަންތަނަށް ގިނަ ފަހަރަށް ބިލްގައި ސްޓޭމްޕް/ސޮއިކޮށެއް ނުދެވޭ؛ އެހެންވެ ތަކެތި ގަންނަން ދާން ޖެހެނީ އެސްޓީއޯ ކަހަލަ ބޮޑެތި ފިހާރަތަކަށް

  • ހުރިހާ ޝަރުތުތައް ފުރިހަމަވާ ގޮތަށް ބިލްތައް ހަދައި ކޯޓަށް ހުށަހެޅިޔަސް، ކޯޓު މަރުހަލާ ދިގުލައިގެން ދިޔުމުގެ ސަބަބުން، "ފައިސާގެ ރަސީދުން ދެލި ފުހެވިގެން ގޮސް އޭގައިވާ އެއްޗެއް ކިޔަން ނޭނގޭ ހިސާބަށް ދާއިރު ވެސް" ބައެއް ފަހަރު އަޑުއެހުން ނުބޭއްވޭ

  • އަޑުއެހުން ބާއްވާއިރު ކޯޓުން ބޭނުންވާ ބިލްތައް ފެންނަން ނެތުމުން ހަރަދު ނުލިބޭ ހާލަތްތައް މެދުވެރިވެފައި އެބަހުރި

ހަރަދު ހޯދުމުގެ ގޮންޖެހުންތައް ގިނަކަމުން، ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސް، އިތުރު ހަރަދަށް ދައުވާ ނުކުރާ އެތަކެއް އެކަނިވެރި މައިންނެއް އުޅެ އެވެ.

މި މައްސަލައަށް ލުޔެއް ގެނެވިދާނެ ބައެއް ގޮތްތައް ހަމްޒާ ފާހަގަކުރެއްވި އެވެ. އެއީ:

  • އެހެނިހެން ހަރަދު ހޯދުމަށްޓަކައި ކޯޓަށް ހުށަހަޅަންޖެހޭ ފޯމުތައް ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޑެސްކެއް ބަހައްޓާ، ފޯމު ފުރުމަށް އުނދަގޫވާ ފަރާތްތަކަށް ކޯޓުގެ ފަރާތުން ފޯމު ފުރައިދޭ ނިޒާމެއް ގާއިމްކުރުން

  • ގާނޫނީ ވަކީލުން ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ސަރުކާރުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން

  • ބިލްތައް ހުށަހަޅަންޖެހޭ ގޮތަށް އޮންނަ ގަވައިދަށް އެއަށް ވުރެ ފަސޭހަވާނެ ފަދަ އިސްލާހެއް ގެނައުން

  • މިފަދަ މައްސަލަތަކުގައި ކޯޓު މަރުހަލާ ނިންމަން ޖެހޭނެ ވަކި މުއްދަތެއް ކަނޑައަޅާ، އެ މުއްދަތުގެ ތެރޭގައި މައްސަލަ ނިންމުން

މިއީ މިހާރުގެ ހާލަތަށް ބަލައި ކުރު މުއްދަތެއްގެ ތެރޭގައި ގެނެވިދާނެ ބަދަލުތަކެކެވެ. ނަމަވެސް، މި މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި، ބަދަލު ކުރަން ޖެހޭ ކަންކަން ބައިވަރެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް ދަރިވަރުންތަކެއް ސަގާފީ ހެދުން ލައިގެން ސްކޫލަށް ދަނީ.

'މިއީ އިޖުތިމާއީ މައްސަލައެއް'

މިފަދަ ދައުވާތަކުގައި ގޮތް ނިންމުމުގައި އަމަލު ކުރާ ގޮތާއި ރިއާޔަތް ކުރާ ކަންކަން ވެސް ބަދަލުވާން ޖެހޭ ކަމަށް ހަމްޒާ ގަބޫލުކުރައްވަ އެވެ.

"ފެމިލީ ކޯޓުގައި ތިއްބަވާ ގާޒީން މިއީ ގާނޫނީ މައްސަލައެއްގެ ގޮތުގައި ވިސްނެވީމަ މިކަމުގައި ހައްލަކާ ހިސާބަކަށް ނުދެވޭނެ. މީގައި އިޖުތިމާއީ ނަޒަރަކުން ވިސްނަވަން ޖެހޭނީ. އެ ޓްރެއިނިން ވެސް އެބޭފުޅުންނަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

މުޖުތަމައުގައި ހުންނަ މައްސަލަތަކަށާއި މައިންބަފައިންގެ ހާލަތު ހުންނަ ގޮތަށް ނުބަލާ ނަމަ މައްސަލަ ނިމިގެން ދާނީ ކުއްޖާއަށް އެންމެ ރަނގަޅު ގޮތަށް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިސާލެއްގެ ގޮތުގައި ހަމްޒާ ދެއްކެވި އެއް ހާލަތަކީ:

  • ވަރިވި އިރު ދަރިފުޅު ހުރީ ފީ ދައްކައިގެން ކިޔަވާ ސްކޫލެއްގައި

  • ވަރިވުމަށް ފަހު ސްކޫލް ފީ ދައްކާކަށް ބައްޕަ ބޭނުމެއް ނުވި؛ އެންގީ ދަރިފުޅު ސަރުކާރުގެ ސްކޫލަކަށް ބަދަލު ކުރަން

  • އެ ހާލަތުގައި ކުއްލިއަކަށް ސްކޫލް ބަދަލު ކުރުމުން ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ މިންވަރާއި ކިޔެވުމަށް ބުރޫއަރާފާނެ ކަމަށް ރިއާޔަތް ކޮށްފައެއް ނުވޭ

  • ގާޒީ ނިންމީ އެއްވެސް ފައިސާއެއް ބައްޕަ އަތުން ނަގައިނުދޭ ގޮތަށް؛ އެއީ ބައްޕަގެ ރުހުންނެތި އެ ސްކޫލަށް ފޮނުވާތީ ކަމަށް ބުނެ

"[އެފަދައިން ނިންމުމުން] އެ ބުނެވޭ އެއްޗަކީ ކުއްޖާއަށް އަންނާނެ ނަފްސާނީ ގެއްލުމާ މެދު ވިސްނާކަށް ނުޖެހެޔޭ، ބައްޕަގެ މާލީ ހާލަތަށޭ މި ބަލަނީ، ބައްޕަ ބުނާ އެއްޗެއް އެކަންޏޭ އެކަމުގައި މުހިއްމީ،" ހަމްޒާ ވިދާޅުވި އެވެ.

"ހަރަދު ދޭ އިރު މިހާ ރިޖިޑް ވެފައި، ބައްޕަ ހިމާޔަތް ކުރެވޭ [ގޮތަށް ގޮތް ނިންމާ] އިރު، ބައްޕަގެ ފަރާތުން ކުއްޖާއަށް ދޭން ޖެހޭ ލޯތްބާއި އަޅާލުން ނުދިނީމަ، އެޅޭ ފިޔަވަޅެއް ވެސް ނޯވޭ. ގާނޫނީ ކަމަކަށް ވުރެ އިޖުތިމާއީ ކަމެއްގެ ގޮތުގައި މިކަމާ މެދު ވިސްނަން ޖެހޭނީ."

ހަރަދަށް ނަގައިދެނީ ހައްގު މިންވަރުތަ؟

"ފުރަތަމަ ކަމަކަށް މަހުން މަހަށް އެ ދައްކަން ޖެހޭ 2،000 ރުފިޔާ އެއީ ފުދޭ އަދަދެއްތޯ؟ އާންމު އުސޫލަކުން ވިސްނާލިޔަސް އެނގޭ [އެއީ] ފުދޭ އަދަދެއް ނޫންކަން،" ދަރިންނަށް ހަރަދުގެ ގޮތުގައި ހައްގުވާ މިންވަރު ކަނޑައަޅާއިރު، ކެއިންބުއިމުގެ ހަރަދާއި ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދަށް ރިއާޔަތް ކުރެވެން ޖެހޭނެކަން ފާހަގަކުރައްވައި ހަމްޒާ ވިދާޅުވި އެވެ.

ޒަމާނަށް އައިސްފައިވާ ބަދަލާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ، މަހުން މަހަށް ދަރިންނަށް ދޭން ޖެހޭ ހަރަދު ވެސް ބޮޑުވާންޖެހޭ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ދެކެ އެވެ.

ހަރަދުގެ މިންވަރު އިތުރު ކުރުމުގެ ވާހަކަ ދައްކާއިރު އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ. ރާއްޖޭގައި އުޅޭ ކޮންމެ އެކަނިވެރި މައެއްގެ ހާލަތު އެއްގޮތެއް ނޫނެވެ. އެކި މީހުން ތަފާތެވެ. އެ ތަފާތުތަކުގެ ތެރޭގައި:

  • މައިންބަފައިން ނުވަތަ އާއިލާގެ ފަރާތުން މާލީގޮތުންނާއި ދަރިން ބެލުމުގައި ލިބޭ އެހީތެރިކަން 

  • ގެދޮރުވެރިވުމާއި ކުލި ދެއްކުން ފަދަ ކަންކަމުގައި ހުންނަ ފަރަގު

  • ތައުލީމީ ފެންވަރު، އެކި ރޮނގުން ކުރިއެރުމަށް ފުރުސަތު ފަހިވެފައިވާ މިންވަރު

  • ވަޒީފާ އަދާކޮށްގެން ނުވަތަ އަމިއްލަ މަސައްކަތުން މަހުން މަހަށް ފައިސާ ލިބޭ މިންވަރު

މާލެ އާއި ރަށްރަށުގައި ދިރިއުޅޭ މީހުން އަޅާކިޔާ ނަމަ، ނުވަތަ އެހެނިހެން ގޮތްގޮތުން އެހީތެރިކަން ލިބޭ މިންވަރާއި ދިރިއުޅުމުގައި ހުރި ތަފާތުތަކަށް ބަލާ ނަމަ، މަހެއްގެ މައްޗަށް ކުރަންޖެހޭ ހަރަދުތަކާއި އެ ހަރަދުތައް ކުރުމުގެ ގާބިލްކަން ލިބިފައިވާ މިންވަރު އެކި މައިންގެ މެދުގައި ވަރަށް ބޮޑަށް ތަފާތެވެ.  

ހަގަށް ތިބި ދެ ދަރިންނާ އެކު އެކަނިވެރި މައެއް ގޭގެ ސިޓިންރޫމުގައި. މި ކުދިންގެ އިތުރުން، 18 އަހަރު ނުފުރޭ އިތުރު ތިން ކުދިން ތިބި އިރު އެ ހުރިހާ ކުދިންގެ ހަރަދު ބަރޯސާވެފައިވަނީ މީހުން ދޭ އެހީއަށް

ދަރިންނަށް ބައްޕަ ދައްކަން ޖެހޭ ހަރަދުގެ އިތުރުން، އެކަނި ދަރިން ބަލަމުންދާ މީހުންނަށް ސަރުކާރުގެ ފަރާތުން އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ސިންގަލް ޕޭރަންޓް އެލަވަންސެއް ދޫކުރެ އެވެ.

  • މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް

  • ރަޖިސްޓްރީ ވެފައިވާ އެކަނިވެރި މައިންނަށާއި ބަފައިންނަށް، ދަރިން ބަލާ ކޮންމެ މަހަކު މި އެލަވަންސް ދޫކުރޭ

  • އެލަވަންސް ދެނީ ދަރިއެއްގެ މައްޗަށް 1،000 ރުފިޔާގެ މަގުން 10،000 ރުފިޔާއާ ހަމައަށް

މަޖުބޫރު މިންވަރަށް ވުރެ އިތުރަށް ހަރަދު ދޭ ބައްޕައިން އުޅެ އެވެ. އަދި ބައެއް މީހުން ބުނާގޮތުގައި އެފަދައިން ފައިސާ ލިބޭ ބައެއް މައިން އޭގެ ނާޖާއިޒް ފައިދާ ނަގަ އެވެ. ބައެއް މީހުން ސަރުކާރުގެ އެލަވަންސް ބޭނުން ކުރަނީ ވެސް ދަރިންނަށް ހަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ މަންފާއަށް ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އެންމެ ބޮޑަށް އެހީ ބޭނުންވާ، ދަތި ހާލުގައި އުޅޭ ބައެއް މީހުންނަށް އެލަވަންސް ލިބުމުގައި ބޮޑެތި ހުރަސްތަކެއް ހުންނަ ކަމަށާއި އެންސްޕާ އިން ދޫކުރާ އެލަވަންސް ލިބެނީ އޭގެ އެންމެ ހައްގުވެރި ފަރާތަށްކަން ޔަގީން ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެހެންވީމާ އެންމެ އިންސާފުވެރިކޮށް، އެންމެންގެ މަސްލަހަތު ހިމެނޭ ގޮތަށް ދަރިންގެ ހަރަދުގެ ކަންކަން ނިންމޭނީ ކިހިނެއް ހެއްޔެވެ؟

މިއީ ގާނޫނީ ކަމަކަށް ވާކަށް ނުޖެހޭ

ހަމްޒާ ގަބޫލުކުރައްވާ ގޮތުގައި ހަރަދަކީ ގާނޫނީ ކަމެއްގެ ބަދަލުގައި އިދާރީ ކަމެއްގެ ގޮތުގައި ނިންމާ، ވަކި އުސޫލުތަކެއް ކަނޑައަޅާ، އެކަމަށް ހާއްސަ މުއައްސަސާއެއް ރާއްޖޭގައި އުފައްދަން ޖެހެ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު އަމަލު ކުރަމުންދާ އުސޫލަކީ އެއީ އެވެ. މިސާލަކަށް ނޯވޭ އަށް ބަލާ ނަމަ:

  • ދަރިންގެ ހަރަދާ ބެހޭ މައްސަލަތައް ބަލަނީ އެކަމަށް ހާއްސަކޮށްފައިވާ އިދާރާއަކުން؛ އެ އިދާރާ އުފައްދާފައިވަނީ އެ ގައުމުގެ ކުޑަކުދިންގެ މިނިސްޓްރީ އާއި ލޭބާ މިނިސްޓްރީގެ ދަށުން

  • ދަރިންގެ ހަރަދުގެ ކަންކަން ނިންމަނީ އިދާރީ މައްސަލައެއްގެ ގޮތުގައި؛ ކޯޓަށް ދާކަށް ނުޖެހޭ

  • ހަރަދުގެ ކަންކަން ކަނޑައަޅާފައިވަނީ ބައިނަލްއަގްވާމީ މުއާހަދާތަކުގައިވާ މިންގަނޑުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން؛ އެންމެ ބޮޑު އިސްކަމެއްދެނީ ކުއްޖާގެ މަސްލަހަތަށް

  • ހަރަދުގެ މިންވަރު ކަނޑައަޅަނީ ކޮންމެ އާއިލާ އަކަށް ވަކިން؛ އެއީ ދަރިފުޅަށް ކުރާ ހޭދަ އާއި ދިރިއުޅުމުގެ ފެންވަރާއި މައިންބަފައިންނަށް ލިބޭ އާމްދަނީ އާއި ކުއްޖާގެ ދިރިއުޅުމުގައި މައިންބަފައިންގެ ހިއްސާ އޮންނަ މިންވަރަށް ރިއާޔަތްކުރުމަށް ފަހު

އާއިލާ ރޫޅޭ ހިސާބުން މަންމަ އާއި ބައްޕަގެ ދެމެދުގައި އޮންނަ ހިތްހަމަނުޖެހުމުގެ އަސަރު ދަރިންނަށް ކޮށްގެން ނުވާނެ އެވެ. ނަމަވެސް، ވަރަށް ގިނަ ހާލަތްތަކުގައި، ކުރިން އިނދެގެން އުޅުނު މީހާ ދެކެ އަންނަ ރުޅިގަނޑުގެ ސަބަބުން ދަރިއާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާކަން ހަމްޒާ ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވީ، ހަރަދަކީ ދަރިންގެ ހައްގަކަށް ވުރެ ބޮޑަށް މަންމައަށް ދޭ އެއްޗެއް ކަމަށް ދެކެވޭތީ، ބައެއް ބައްޕައިން ވީހާ ވެސް ކުޑަ އަދަދެއް ދޭން މަސައްކަތް ކުރާ ކަމަށެވެ. އަދި، މިހާރު އޮންނަ ނިޒާމްގެ ނާޖާއިޒް ފައިދާ ނަގައިގެން، އިތުރަށް ހަރަދު ހޯދާ މަންމައިން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމްޒާ ފާހަގަކުރެއްވި ހުރިހާ މައްސަލަތަކަށް ބަލާއިރު، ހަރަދުގެ މައްސަލައިގައި އެ ބަައެއްގެ ހާލަތަށް ރިއާޔަތްކޮށް ކުއްޖާގެ މަސްލަހަތު އިސްކުރުމަށް، ނިޒާމަށް ބޮޑެތި އިސްލާހުތަކެއް އެބަ ބޭނުންވެ އެވެ.

ކޮމެންޓް (4)

އެނެލިސްޓް

27 އޮކްޓޯބަރު 2022
ނެތް އެއްޗެއްވެސް ނުދެވޭނެ މަތި މައްޗަށް ހުކުމްކުރިޔަސް. ކިޑްނީ ވިއްކައިގެން ދައްކަންޖެހޭނީ
0 0

އެކަނިވެރި މައެއް

25 އޮކްޓޯބަރު 2022
ހަމްޒާ ނަމްބަރ ބޭނުން
0 0

ގާދިރު

25 އޮކްޓޯބަރު 2022
މުޅި ހަޔާތުގަ ދަރިން ކުރިމަތީގަ ބައްޕަ ކްއިރިން ވަރިވާން އުޅޭ އަންހެނުން އެވަތިބި އަދި ދަރިންނާ އިރު އިރު ކޮޅާ ވަރީގެ ވާހަކަ ދައްކާ މަންމައިން އެބަތިބި އަދި އެމީހުންގެ ދަރިން ވަރިވުމަށް ބާރުއަޅާ މައިންވެސް އެބަތިބި އެމީހުންގެ ފިރިން މަސައްކަތުގަ ވާނޔވާގަ ހުއްޓާ ވަރިވާން ފޯމް ލާފަ ޗިޓް މިލިބެނީ މޯޅު ގޮއި ހޯދަން ހަޑާ ވާ ގޮއި
4 0

ށުކުރިޔާ

24 އޮކްޓޯބަރު 2022
ބައްޕަ މަންމަ އާއި ހެޔޮގޮތުގައި ދިރިއުޅެން ހުއްޓާ މަންމަ އެހެނއ މީހަކު ފެނިގެން ބައްޕަ ގާތުން އެބަ ވަރިވޭ. ހަރަދު ލިބޭނެތީ ވަރިވާ މީހުން ވެސް ތިބޭ
10 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް