ބޭރުން ބޮޑު ލޯނެއް ނަގައިގެން މިހާރު ހިންގަމުން އަންނަ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ: ބޭރުގެ ދަރަނި ދައްކަން ސޮވެރިން ފަންޑް ވަރަށް މުހިންމު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސޮވަރިން ފަންޑް މިހެން ހުލިވާން ދޫކޮށްނުލާ

ސޮވަރިން ފަންޑް މިހާރު އޮންނަނީ ސަރުކާރަށް ބޭނުން އިރަކު އަތް ލެވޭ ގޮތަށް
21 އޭޕްރީލު 2022

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތައް ބިލިއަން ރުފިޔާއަކުން ބޭރުގެ ފަރާތްތަކުން ނަގަމުން ދިޔަ ބޮޑެތި ލޯނުތައް އަނބުރާ ދެއްކޭނެ ކަމާ މެދު އޭރު އުފައްދަމުން އައި ސުވާލުތަކަށް އެ ސަރުކާރުން ޖަވާބު ދިނީ 1.1 ބިލިއަން ރުފިޔާއިން 2017 ގައި ފެށި ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަކުންނެވެ. އެ ފަންޑުގެ ބޭނުމަކަށް ވެފައި އޮތީ ސަރުކާރުން ނަގަމުން ދިޔަ ބޮޑެތި ލޯނުތަކާއި ބޮންޑާއި ޓީބިލް ދައްކަން ފަހަށް ފައިސާ ރައްކާކުރުމެވެ. އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ނަގާ ފައިސާ އެކަނި ޖަމާކުރާ ގޮތަށް ފެށި އެ ފަންޑަށް މި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި 5.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހާ ހަމައަށް އެ ފަންޑަށް ޖަމާކުރި ފައިސާގެ ނަމްބަރު ކިތަންމެ ބޮޑު ނަމަވެސް ވަގުތުން ވަގުތަށް ބޭނުންކުރެވޭ ގޮތަށް ސޮވަރިން ފަންޑުގައި ހުރި ކަމަށް ހިސާބުތަކުން ދައްކަނީ އެންމެ ދެ ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި އެ ފަންޑަށް ޖަމާކުރި ފައިސާގެ %37 ވަނީ އެކި ކަންކަމަށް އިންވެސްޓްކޮށްފަ އެވެ. އެކަމަކު އެފައިސާ އިންވެސްޓްކުރީ ކޮން ކަންކަމަކަށް ކަމެއް އަދި އެކަމުން އެ ފަންޑަށް ލިބުނު ކުރިއެރުމެއް ވެސް ފިނޭންސްސުން ނުބުނެ އެވެ. 

ސޮވަރިން ފަންޑް

  • 5.2 ބިލިއަން ރުފިޔާ - ސޮވަރިން ފަންޑުގެ ޖުމްލަ

  • ދެ ބިލިއަން ރުފިޔާ - ފަންޑުގެ އެކައުންޓުގައި މިވަގުތު ހުރި

ފިނޭންސު މިނިސްޓްރީގެ އިމާރާތް: ސޮވަރިން ފަންޑު މެނޭޖް ކުރާ ގޮތާ މެދު ވަނީ ސުވާލު އުފެދިފައި (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

އެ ނަމްބަރުތަކުން ފެންމަތިކުރަން ޖެހޭ ސުވާލަކީ އެ ފަންޑަށް މި ހަދަނީ ކިހިނެއް ހެއްޔެވެ؟ އެ މުހިންމު ފަންޑުގެ މުސްތަގުބަލު އޮތީ ކިހިނެއް ހެއްޔެވެ؟

ރާއްޖެއަށް އޮތް ހަމައެކަނި ސަލާމަތުގެ މަގު

ރާއްޖޭގެ އިގްތިސާދު ރިވިއުކުރުމަށް ފަހު މިދިޔަ ހަފްތާގައި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ބޮޑުވެފައިވާ ރާއްޖޭގެ ދަރަނިތަކުން ވަރަށް ބޮޑު ބައެއް 2026 ވަނަ އަހަރަށް ދައްކަން ޖެހޭ އިރު ރާއްޖެ ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ ސޮވަރިން ފަންޑު ވަރުގަދަ ކުރުމެވެ. ވޯލްޑް ބޭންކުގެ އިރުޝާދަކީ ދަރަނި ދެއްކޭނެ މިންވަރަކަށް އެ ފަންޑަށް ފައިސާ ޖަމާކޮށް ތައްޔާރަށް ތިބުމެވެ.

އިންވެސްޓް ކުރެވެން ޖެހޭނީ ވެސް ވަރަށް ބޮޑަށް ޓްރާންސްޕޭރަންޓްކޮށް އޮންނަ އުސޫލެއްގެ ތެރެއިން. އެހެން ނޫނީ އެ ފަންޑަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތަކާ އެކު އަސަރުކުރާ އެއްޗަކަށް ބަދަލުވެގެން ދާނީ. މިހާރު އެހެން ވާތަން މި ފެންނަނީ

މާލީ ދާއިރާގެ ތަޖުރިބާކާރެއް

މީގެ ކުރިން 2020ގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ވަޑައިގެން ވެސް އާދޭހާ އެކު އެދިވަޑައިގަތީ ސޮވަރިން ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކޮށްދެއްވުމަށެވެ. އެ ފަންޑު ހަރުދަނާ ކުރުމަށް އޭނާ އެ ދުވަހު ހުށަހެޅުއްވި ހިޔާލަކީ އެ ފަންޑަށް ހާއްސަ ގާނޫނެއް ހެދުމެވެ. ގަވަރުނަރު ވެސް ވިދާޅުވަނީ ސޮވަރިން ފަންޑު ހަރުދަނާ ކުރުމަކީ އަންނަން އޮތް ޖީލުތަކަށް މިއަދުގެ ވެރިން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ. ސޮވަރިން ފަންޑަށް ހަރުދަނާ މެކޭނިޒަމެއް ނުހެދިއްޖެ ނަމަ މުސްތަގުބަލު ބަނަވާނެ ކަމުގެ އިންޒާރު ގަވަރުނަރު އެ ދުވަހު ދެއްވި އެވެ.

"މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެން މިހާރު މިނަގާ ދަރަނި، އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މުސްތަގުބަލުގައި އަޅުގަނޑުމެން އެ ފައިސާ އަދާކުރާނެކަން. [އެކަމަށް] މެކޭނިޒަމެއް ރޭވެން ޖެހޭ،" އަލީ ހާޝިމް ވިދާޅުވެފައިވެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (މ) މީގެ ކުރިން ބޭއްވި ބަޖެޓު ކޮމެޓީގައި: ސޮވަރިން ފަންޑް ހަރުދަނާކުރަން އާދޭސް ދެންނެވި (ފޮޓޯ/މަޖިލިސް)

އެކަމަކު އެ އާދޭހަށް އަމަލުކުރަން މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ. ސޮވަރިން ފަންޑުގެ ގާނޫނު މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް 2019ގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ބުނުން ފިޔަވާ އިތުރު ކަމެއް ނުވެ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށަހަޅާ ގާނޫނުތަކުގެ ލިސްޓުގައި ސޮވަރިން ފަންޑުގެ ގާނޫނު ހިމަނާފައެއް ނެތެވެ. ފިނޭންސުން އޭރު ބުނެފައިވާ ގޮތުގައި މިދިޔަ ސަރުކާރު ނިމުނު އިރު ވެސް ސޮވަރިން ފަންޑުގެ ގާނޫނެއް އޮތީ މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފަ އެވެ. ހަމައެކަނި މި ސަރުކާރުން ކުރިކަމަކީ އެ ގާނޫނަށް ކުދިކުދި ބަދަލުތައް ގެނައުމެވެ.

ފަންޑު ވަރުގަދަކުރަން ހެޔޮ ނިޔަތެއް ނެތް

ސަރުކާރުގެ އަމަލުތަކުން ޔަގީންކުރެވޭ އެއް ކަމެއް އެބަ އޮތެވެ؛ ސޮވަރިން ފަންޑާ މެދު ސަރުކާރުގެ އަޅާލުން ކުޑަކަމެވެ. މި ސަރުކާރު އައި އިރު ވެސް ޑްރާފްޓްކޮށްފައި އޮތް މުހިންމު ގާނޫނެއް ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މަޖިލީހަށް ހުށަހަޅައިގެން ފާސްނުކޮށް އުޅެނީ އެކަން ސަރުކާރަށް މުހިންމު ނުވާތީ ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. އެ ޖާގަ ލިބެނީ ސޮވަރިން ފަންޑަށް ގާނޫނީ ސިފައެއް ގެންނަން ފިނޭންސް މިިނިސްޓްރީން މީގެ ތިން އަހަރު ކުރިން ފެށި މަސައްކަތަށް އަދިވެސް ވީނުވީއެއް ނޭނގުނީމަ އެވެ. އެކަމާ މެދު ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ ބަހެއް ނެތެވެ. އެ މިނިސްޓްރީން އެކަމާ ވާހަކަ ދެއްކުމުގެ ޝައުގެއް ވެސް ނުހުރެ އެވެ.

އެ ފަންޑާ ގުޅޭ ގޮތުން ގިނަ ކަންކަން ހާމަކުރަން ސަރުކާރުން ބޭނުމެއް ނުވެ އެވެ.

މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު (ފޮޓޯ/ ރައީސް އޮފީސް)

ފިނޭންސުން ހާމަކޮށްފައި ހުރި ސޮވަރިން ފަންޑުގެ މަދު މައުލޫމާތުތަކުން ފެންނަން ހުރި ނަމްބަރުތަކުން ހާމަވަނީ ޑޮލަރުން ފައިސާ ޖަމާކުރަމުން އައި އެ ފަންޑުގައި ހުރި ޑޮލަރު ޑިސެމްބަރު 2019ގެ ތެރޭގައި ރުފިޔާއަށް ބަދަލުކުރި ކަމެވެ. އަދި 2020 ގައި އެ ފަންޑަށް ފައިސާ ޖަމާކުރުން ސަރުކާރުން ދުވަސްކޮޅަކަށް މަޑުޖައްސާލި އެވެ. އޭރު އެ ފަންޑުގައި ހުރީ 1.9 ބިލިއަން ރުފިޔާ އެވެ. އެ ފިޔަވަޅުގެ ވާހަކަ ވެސް ސަރުކާރުން އޮތީ ސިއްރުކޮށްފަ އެވެ. 

އެ ފަންޑަށް ގާނޫނުގެ ރައްކާތެރިކަން ދިނުމުގެ މަސައްކަތް ހުއްޓުނީ އެ ހިސާބުން ކަމަށް ވުން ކައިރި އެވެ. ވަށައިގެން ހުރި ކަންކަމުން ފެންނަނީ ސަރުކާރުގެ އަމާޒު ހުރީ އެއީ ސަރުކާރުގެ ފުރިހަމަ ބާރުގައި އޮންނަ އަދި ފަސޭހައިން އަތް ލެވޭ ފަންޑެއް ގޮތުގައި ބޭއްވުން ކަމެވެ. 

ސޮވަރިން ފަންޑަށް ޖަމާކުރި ފައިސާ

  • 2018 - 1.2 ބިލިއަން ރުފިޔާ

  • 2019 - 1.3 ބިލިއަން ރުފިޔާ

  • 2020 - 335.5 މިލިއަން ރުފިޔާ

  • 2021 - 1.2 ބިލިއަން ރުފިޔާ

  • 2022 މާޗްގެ ނިޔަލަށް - 149.9 މިލިއަން ރުފިޔާ

ސޮވަރިން ފަންޑު އަސްލަކު ނެތް

ކޮވިޑާ ގުޅިގެން ސަރުކާރުން ސޮވަރިން ފަންޑުގައި ހުރި ޑޮލަރު މާރުކޮށް ރުފިޔާއަށް ބަދަލުކުރުމުން އެ ފަންޑުގެ ބޭނުން މިހާރު ކެނޑިފައިވާ ކަމަށް މައުލޫމާތު ހުރި މާލީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ. ސޮވަރިން ފަންޑު އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ ސޮވަރިން ފަންޑުގައި ޑޮލަރުން ފައިސާ ނެތް ނަމަ އެއީ ފަންޑު ނެތިގެން ދިޔުން ފަދަ ކަމެއް ކަމަށެވެ. ސޮވަރިން ފަންޑުގެ ބޭނުމަކީ ބޭރުގެ ދަރަނި ދެއްކުން ކަމަށް ވާއިރު ބޭރުގެ ދަރަނި ދައްކަން ޖެހޭނީ ބޭރު ފައިސާއިންނެވެ. އެހެންވެ، އެ ފަންޑް އޮންނަން ޖެހޭނީ ބޭރު ފައިސާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސޮވަރިން ފަންޑު މި ހަދަނީ ބޭރުގެ ދަރަނި ދައްކަން. ބޭރަށް ފައިސާ ދައްކަން ޖެހެނީ ދުނިޔެ ގަބޫލުކުރާ ފައިސާއަކުން. ރުފިޔާއިން ލޯނެއް ނުދެއްކޭނެ. ފަންޑުގެ ފައިސާ ރުފިޔާއިން ހުރީމާ އޭގެއިން މިވަގުތަށް ކުރެވޭނެ ބޭނުމެއް ނެތް،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

"އެއީ ސަރުކާރަކަށް މިހާ ފަސޭހައިން އަތް ލެވޭ ގޮތަށް އޮންނަ ފަންޑަކަށް ވެގެން ނުވާނެ. އެއީ އެންމެ ފަރާތަކުން ޑެސިޝަން ނަގައިގެން ކުރެވެންވާ ވަރު ކަމެއް ނޫން." 

މަރުކަޒީ ބޭންކް، އެމްއެމްއޭ: ރާއްޖޭގެ ދަރަނިތައް ބޮޑުވެފައިވާއިރު ސޮވަރިން ފަންޑެއްގެ މުހިންމުކަން ބޮޑު (ސަން ފޮޓޯ)

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސޮވަރިން ފަންޑުގެ ގާނޫނެއް ގެންނަން މިދިޔަ ސަރުކާރުގައި ވެސް ވިސްނުން ގެންގުޅުނީ އެ ފަންޑު ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެކަން ކުރެވޭނީ ގާނޫނެއްގެ ދަށުން އެކުލަވާލާފައި އޮންނަ މިނިވަން ގަވަނިން ބޮޑީއެއް ތެރެއިން އެ ފަންޑު ހިންގައިގެންނެވެ. އަދި އެފަދަ ގާނޫނެއްގައި އެ ފަންޑުން އިންވެސްޓް ކުރެވޭނެ އުސޫލުތަކާއި އިންވެސްޓް ކުރެވޭނެ މިންވަރުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް ތަޖުރިބާކާރު ވިދާޅުވި އެވެ. 

"އިންވެސްޓް ކުރެވެން ޖެހޭނީ ވެސް ވަރަށް ބޮޑަށް ޓްރާންސްޕޭރަންޓްކޮށް އޮންނަ އުސޫލެއްގެ ތެރެއިން. އެހެން ނޫނީ އެ ފަންޑަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތަކާ އެކު އަސަރުކުރާ އެއްޗަކަށް ބަދަލުވެގެން ދާނީ. މިހާރު އެހެން ވާތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ފަންޑް މިނިވަން ކުރަން ޖެހޭ

އެމްއެމްއޭއާ އެކު އޮންނަ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން ސޮވަރިން ފަންޑް މިހާރު މެނޭޖްކުރުމުގެ ނަތީޖާއަކަށް ވަނީ އެ ފަންޑުގެ 'ތަޅުދަނޑި' އޮންނަ ހަމައެކަނި ފަރާތަކީ ސަރުކާރު ކަމަށް ވުމެވެ. އަދި އެމްއެމްއޭއިން އެ ފަންޑް މެނޭޖްކުރި ކަމަށް ބުންޏަސް ފިނޭންސުން އަންގާ ގޮތަކަށް އެ ފަންޑާ މެދު އަމަލުކުރުން ނޫން ގޮތެއް މަރުކަޒީ ބޭންކަކަށް ވެސް ނެތެވެ. ކޮވިޑްގެ ތާށިކަމާ އެކު މި ފެނުނީ އެ ކަހަލަ މަންޒަރެކެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި ސޮވަރިން ފަންޑުގެ ނިންމުންތައް ނިންމުމުގައި ސަރުކާރުގެ ދައުރު އޮންނަ ގޮތަށް ރައްޔިތުން މަޖިލީހުގެ ދައުރެއް ވެސް އޮންނަން ޖެހެ އެވެ. އަދި އެއީ ބޭނުންހާ އިރަކު ފައިސާ ހަރަދު ކުރެވޭނެ ފަންޑަކަށް ވެގެން ނުވާނެ ކަމަށް ވެސް ދެކެ އެވެ. އެ ފަންޑުން ކުރާ އިންވެސްޓްމަންޓުގެ ރިޓާން ވެސް ލޯނުތައް ދައްކަން އޮންނަ މުއްދަތުތަކަށް ލިބެން ޖެހޭކަން ކަށަވަރު ވެސް ކުރަން ޖެހެ އެވެ.

"އެހެން ނޫނީ އިންވެސްޓްމަންޓު ވެސް އަންނާނީ ސިޔާސީ ވިސްނުމުގައި. އެކަމަކު މި ފަންޑުން އިންވެސްޓް ކުރަން ޖެހޭނީ ޓެކްނިކަލްކޮށް ބަލާފައި ސްޓްރެޓެޖިކަލީ. އެހެން ނޫނީ ބޭޑް އިންވެސްޓްމަންޓުތަކެއް ކުރެވި ފަންޑު މުޅިން ހަލާކު ވެދާނެ،"  ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ މެންބަރުން (ފޮޓޯ/މަޖިިސް)

މީގެ އިތުރަށް ސޮވަރިން ފަންޑު އަބަދުވެސް އޮންނަން ޖެހޭނީ މަރުކަޒީ ބޭންކާ ވަރަށް ބޮޑަށް ވަކިން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ސަބަބަކަށް ވަނީ ގައުމެއްގެ ރަސްމީ ރިޒާވާއި ސޮވަރިން ފަންޑަކީ ވަކި ދޭއްޗަކަށް ވުމެވެ. އެކި ގައުމުތަކުން ސޮވަރިން ފަންޑުތައް މެނޭޖްކުރުމުގައި އެ އުސޫލު ގެންގުޅެނީ ސޮވަރިން ފަންޑަކީ ބޭރު އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރާ މިނިވަން އެއްޗެއްގެ ގޮތުގައި ބޭއްވުމަށެވެ. ގައުމެއްގެ ރިޒާވްގެ ވަރަށް ބޮޑު ބައެއް އަބަދުވެސް އެމެރިކާގެ ފެޑެރަލް ރިޒާވް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުގައި ބަހައްޓާފައި ހުރެ އެވެ. 

"އެހެންވީމާ އެބަ މައްސަލަ ދިމާވޭ ބައެއް ހާލަތްތަކުގައި. ހާރިޖީ ގުޅުންތަކުގެ ތެރެއިން އަންނަ އެކި ކަންކަމާ ގުޅިގެން ރިޒާވްގައި ހުންނަ ފައިސާ ބައެއް ގައުމުތަކުން ފްރީޒް ކުރުން ފަދަ ކަންކަން ހިނގާ. އެހެންވެ ސޮވަރިން ފަންޑަކީ އެހެން ބޭރުގެ ނުފޫޒެއް ނައިސް ގައުމުގެ އެތެރެއިން އަމިއްލަ ޑެޒިޝަން ނެގޭ އެއްޗަކަށް ވާން ޖެހޭނެ. އެ އެކްސެސް އޮންނަންވާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އަންނަން އޮތް ޖީލްތަކަށް ޓަކައި ސޮވަރިން ފަންޑް ވަރުގަދަ ކުރަން ޖެހޭ

އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރު

ނަމަވެސް ރާއްޖޭގެ ސޮވަރިން ފަންޑް މިހާރު ވެފައި އޮތީ ބޭރު ފައިސާއިން ހުންނަ ދައުލަތުގެ ރަސްމީ ރިޒާވް މަތިކުރަން ބޭނުން ކުރާ ވަސީލަތަކަށެވެ. ބޮންޑާއި ޓީބިލް ފަދަ ތަކެތި ބައިނަލްއަގުވާމީ ބާޒާރަށް ވިއްކުމަށް ފަސޭހަ ކުރަން ރަސްމީ ރިޒާވް ރަނގަޅު މިންވަރެއްގައި ބަހައްޓަން ޖެހެ އެވެ. ސޮވަރިން ފަންޑުގައި ހުރި ޑޮލަރު މާރުކުރީ އެބޭނުމުގައި ކަމަށްވުން ކައިރި އެވެ.

"އޭގައި ހުންނަ ބޭރު ފައިސާ މާރުކޮށް ރިޒާވަށް ލާ މިކަހަލަ ކަންކަން ހިންގައިގެން ނުވާނެ. އެއީ ފަންޑުގެ މަގުސަދާ މުޅިން ހިލާފު ކަމެއް. މި ފަންޑަށް ވީހާވެސް އަވަހަށް ގާނޫނީ އޮނިގަނޑެއް އެބަ ބޭނުންވޭ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

ދުނިޔޭގެ ކާމިޔާބީން ރާއްޖެ ފިލާވަޅު ނަގަން ޖެހޭ

ދުނިޔޭގެ އެންމެ ކާމިޔާބު އަދި ނަމޫނާއެއްގެ ގޮތުގައި ބަލާ އެއް ސޮވަރިން ފަންޑަކީ ސިންގަޕޫރުގެ ސަރުކާރުން 1974 ގައި 150 މިލިއަން ޑޮލަރާ އެކު ފެށި ޓެމަސެކް ހޯލްޑިންގްސް އެވެ. އެ ފަންޑުގެ ކާމިޔާބަށް ފަހު 1981 ގައި ސިންގަޕޯ އިންވެސްޓްމަންޓް ކޯޕަރޭޝަން(ޖީއައިސީ)ގެ ނަމުގައި ވެސް ސޮވަރިން ވެލްތު ފަންޑެއް އެ ގައުމުން އުފެއްދި އެވެ. ޖީއައިސީއަކީ މިއަދު 390 ބިލިއަން ޑޮލަރުގެ ބިޔަ ފަންޑެކެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ފަންޑުގެ އެންމެ ބޮޑު ކާމިޔާބަކީ އެ ފަންޑު ބެލެހެއްޓުމުގައި އެ ގައުމުން ގެންގުޅުނު އުސޫލުތަކެވެ. ސޮ

ދުނިޔޭގެ އެންމެ ވަރުގަދަ ސޮވަރިން ވެލްތް ފަންޑް

ޖީއައިސީއަކީ ވެސް ވަކި މެނޭޖްމަންޓް ބޯޑެއްގެ ދަށުން ހިންގާ ވަކި ގާނޫނީ ޝަހުސެކެވެ. އެ ފަންޑުގެ ގަވަނިން ބޯޑުން މީހުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ސިންގަޕޫރުގެ ރައީސްއަށް އޮތް ނަމަވެސް އެ ބޯޑަށް ހުރިހާ މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޫކޮށްލާފައެއް ނުވެ އެވެ. އާންމުންގެ ތެރެއިން ވެސް އެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރަން ޖެހެ އެވެ. އެ ފަންޑާ ގުޅޭ ހުރިހާ ކަމެއް ނިންމުމުގެ ގާނޫނީ ބާރު އޮންނަނީ އެ ގަވަނިން ބޯޑަށެވެ. އަދި އޭގެ އިތުރަށް އެ ފަންޑުގެ ހިސާބުތައް އެ ގައުމުގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮންމެ އަހަރަކު އެއް ފަހަރު އޮޑިޓްކުރަން ވަނީ ލާޒިމްކޮށްފަ އެވެ. އެ ފަންޑުގެ މާލީ ހިސާބުތައް ވެސް އާންމުކޮށް ފެންނާނެ ގޮތަށް އާންމު ކުރަމުން ދެ އެވެ.

ސޮވަރިން ފަންޑްތަކުގެ އިންވެސްޓްމަންޓުތަކާ މެދު 2008 ގައި އުފެދުނު ތަފާތު ތުހުމަތުތަކާ އެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ދުނިޔޭގެ އެންމެ ބޮޑެތި ސޮވަރިން ފަންޑުތައް ބައިވެރިވާ 'އިންޓަނޭޝަނަލް ވާކިން ގްރޫޕް އޮން ސޮވަރިން ވެލްތު ފަންޑްސް' ގުޅިގެން ސޮވަރިން ފަންޑެއް ހިންގުމުގައި ގެންގުޅެން ޖެހޭ ބެސްޓް ޕްރެކްޓިސް ނުވަތަ ރަނގަޅު އުސޫލުތަކެއް ހިމެނޭ ގައިޑްލައިނެއް އެކުލަވާލާފައިވެ އެވެ. 

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

'ސަންޓިއާގޯ ޕްރިންސިޕަލްސް'ގެ ނަމުން މަޝްހޫރުވެފައިވާ އެ އުސޫލުގައި 24 ޕޮއިންޓެއް ހިމަނާފައިވާ އިރު އެންމެ ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ލިޔެފައިވަނީ ވެސް އެ ފަންޑަކަށް ގާނޫނީ ބާރުވެރިކަން ހޯދުމާއި އެ ފަންޑް މިނިވަންކޮށް އޮޕަރޭޓް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ކަށަވަރު ކުރުމެވެ. އަދި އެފަދަ ފަންޑުތަކުގެ ގަވަނިން ބޯޑްތައް މިނިވަންކަމާ އެކު އައްޔަން ކުރުމާއި އެފަދަ ފަންޑުތަކުން ދެ ފުށް ފެންނަ ގޮތެއްގައި އަމަލު ކުރުމަށް ބާރު އަޅާފައިވެ އެވެ. މީގެ އިތުރަށް އެފަދަ ފަންޑުތަކުން ހަރުދަނާ އިންވެސްޓްމަންޓް ޕޮލިސީއެއް އެކުލަވާލުމާއި ގަވާއިދުން އޮޑިޓް ކުރުން ފަދަ ކަންކަން ކުރުން ހިމެނިފައިވެ އެވެ.

ދުނިޔޭގެ 20 ގައުމެއްގެ ސޮވަރިން ފަންޑުތަކުން މިހާރުވެސް އަމަލުކުރަމުން އަންނަ 'ސަންޓިއާގޯ ޕްރިންސިޕަލްސް'އަށް ރާއްޖެ ވެސް އަމަލުކުރަން މިވަނީ ޖެހިފަ އެވެ. ނޫން ނަމަ ރާއްޖޭގެ ސޮވަރިން ފަންޑް އެކީ ނެތި ދިއުމުގެ ބިރު ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް