ކުރީގެ ސަރުކާރުގެ ވަޒީރުންގެ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ސޯލިހްގެ ސަރުކާރުން ދީބާޖާއަށް ދޭން ނިންމީ 64 މިލިއަން؛ ނުދީ އޮތް 51 މިލިއަން ހުއްޓުވައިފި

ބާކީ ބައި ދޫކުރަން، އޭރުގެ ފިނޭންސް މިނިސްޓަރު އޮތީ އެ ސަރުކާރުގެ އެންމެ ފަހު ދުވަސް ކަމަށްވާ މިދިޔަ ބުރާސްފަތި ދުވަހު ހުއްދަ ދެއްވާފައި؛ އެ ފައިސާ ހުއްޓުވާފައި ވަނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު

ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ދީބާޖާއަށް ދޭން ނިންމީ 64 މިލިއަން ރުފިޔާގެ ބަދަލެއްކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އޭގެ ތެރެއިން 12 މިލިއަން ދީފައި ވާއިރު، ބާކީ 51 މިލިއަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ވެސްވެ އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ސަރުކާރުން ފެރީގެ ހިދުމަތް ދިނުމަށް ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން 2013ގައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލު ކުުރުމުން އެ ކުންފުނިން 2.8 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ސިވިލް ކޯޓުގައި ދައުލަތުގެ މައްޗަށް ދައުވާ ކުރި އެވެ. އެގޮތުން: 

  • އެ ކޯޓުން 2014ގައި ދައުލަތަށް އަމުރު ކުރީ، އެ މައްސަލައިގައި ދީބާޖާއަށް 368 މިލިއަންގެ ބަދަލެއް ދިނުމަށް

  • އެ ހުކުމް ހައި ކޯޓުން ޖުލައި 2018ގައި ބާތިލު ކުރި؛ އަލުން އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވަން ވެސް ހައި ކޯޓުން ނިންމި

  • މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ، ދައުވާތައް އަނބުރާ ނަގަން ދީބާޖާއިން އެދިފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނުފެންނަ ކަމަށް

ވީ ކިހިނެއް؟ - ދީބާޖާއިން ދައުވާތައް އަނބުރާ ނެގީ، ސޯލިހްގެ ސަރުކާރުގެ ރައީސް އޮފީހުން އެކުލަވާލި ބަދަލު ދިނުމާ ގުޅޭ އުސޫލުގެ ދަށުން ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، އެ ކުންފުންޏާ އެކު މިދިޔަ 13 އޮގަސްޓުގައި ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

މި މުއަމާލަތާ ގުޅޭ ބައެއް މައުލޫމާތު ބަންޑާރަ ނައިބުގެ އޮފީހާއި ދީބާޖާގެ އޮފިޝަލެއް މެދުވެރިކޮށް 'ދައުރު'ން ވަނީ ހޯދާފަ އެވެ.

ތަފްސީލު - ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދީބާޖާއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދޭން ނިންމީ 64 މިލިއަން ރުފިޔާގެ ބަދަލެކެވެ. އެއްބަސްވުމުގައިވާ ގޮތުން:

  • އެއްބަސްވުމުގައި ސޮއިކުރާތާ ފުރަތަމަ ދެ ހަފްތާ ތެރޭ 12.8 މިލިއަން ރުފިޔާ ދޭން ޖެހޭ

  • ބާކީ 51.2 މިލިއަން ރުފިޔާ ދައްކަން އޮތީ ސޮއި ކުރާ ތާރީހުން ފެށިގެން މަސްދުވަސް ތެރޭ؛ އެ މުއްދަތު 13 ސެޕްޓެމްބަރަށް ވަނީ ހަމަވެފައި

މިކަމާ ގުޅޭ ގޮތުން މިހާރުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމްއާ 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ ބަދަލު ދޭން ނިންމާފައިވަނީ އެ އޮފީހުގެ ބަހެއް ހޯދައިގެންކަން ރަސްމީ އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ.

"64 މިލިއަންގެ ބަދަލެއް ދޭން ނިންމީ، އިކޮނޮމިކް ކައުންސިލްގެ ލަފާގެ މަތިން ރައީސް އޮފީހުގައި ހަދާފައި އޮތް ސެޓްލްމަންޓް ކޮމިޓީން. މިކަމުގައި މި އޮފީހުގެ ބަހެއް ހޯދި ކަމެއް ރަސްމީ އެއްވެސް ލިޔެކިޔުމަކުން ނުދައްކާ،" މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި އާ ސަރުކާރުގެ ބަަންޑާރަ ނައިބު ވިދާޅުވި އެވެ.

އާ ބަންޑާރަނައިބު އުޝާމް: އޭނާ ވިދާޅުވި ގޮތުގައި ދީބާޖާއަށް ބަދަލު ދީފައިވަނީ އޭޖީގެ ބަހެއް އޮވެގެން ކަމަށް ލިޔެކިޔުމުން ނުދައްކާ ކަމަށް. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކޯޓުގައި އޮތް މައްސަލައެއް ކަމަށްވީ އިރު، އެކަމާ މެދު ގޮތެއް ނިންމަން ވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ވެސް ބަހެއް އޮވެގެންނެވެ. މިގޮތަށް އެ އޮފީހުގެ ބަހެއް ނެތި ކޯޓުގައި ހުރި އެހެން ބައެއް މައްސަލަތައް ވެސް، ކޯޓުން ބޭރުން ހައްލުކޮށްފައި ވާކަން ވެސް އުޝާމް ފާހަގަކުރެއްވި އެވެ.

"އެހެންވީމަ، އަޅުގަނޑުމެން މި ދަނީ މިހާރު މައުލޫމާތު އެއްކުރަމުން މި ގޮތަށް ބަދަލު ދިން މުއާމަލާތްތައް،" އޭނާ ވިދާޅުވި އެވެ.

ދީބާޖާގެ އޮފިޝަލެއްގެ ފަރާތުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:

  • އެއްބަސްވުމުގެ ދަށުން ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ދޭން ޖެހޭ 12.8 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައި

  • ބާކީ ބައި ދޫކުރަން، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޮތީ ހުއްދަ ދެއްވާފައި؛ އެކަން ކުރީ އެ ސަރުކާރުގެ އެންމެ ފަހު ދުވަސް ކަމަށްވާ މިދިޔަ ބުރާސްފަތި ދުވަހު

"ފިނޭންސް މިނިސްޓަރު ފޮނުވަނީ އެމްއެމްއޭއަށް. އެ ހިސާބުން ގޯހެއް މިވީ. ކޮންމެވެސް ޑޮކިއުމަންޓެއް މަދޭ ކިޔާފައި ހުއްޓުވީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ފައިސާ ހުއްޓުވާފައި ވަނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފާހަގަކޮަށްލެވޭ ކަމެއް - ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ބަދަލު ދޭނެ ހާއްސަ އުސޫލެއް ރައީސް އޮފީހުން އެކުލަވާލައި ގެޒެޓް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އުސޫލުގެ ދަށުން ކުންފުނިތަކަށް ދިން ބަދަލުތަކުގެ ތަފްސީލު ހޯދުމަށް 'ދައުރު'ން ތަކުރާރުކޮށް އެދުނު ނަމަވެސް، އެ ސަރުކާރު ނިމުނު އިރު ވެސް އެ ތަފްސީލުތައް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް (4)

ކިލެގެފާނު

21 ނޮވެމްބަރު 2023
މިހަަރު ތިބޭނެ ބޮލަށްފިތިފަ
0 0

ބެއްޔާގެ ދަރި

21 ނޮވެމްބަރު 2023
އަސްލު އެއްވެސް ފައިސާއެއް ދޭންނުޖެހޭ ބަޔަކަށް އެ ފައިސާ ދޭންޖެހުނީ ޝަރުއީ މަރުހަލާ ދޯދިޔާ ވުމުން. އިބޫ ސަރުކާރުން އަސްލު ސަލާމަތްކޮށްދިނީ ވަރަށް ބޮޑު އެއްޗެއް ދައުލަތަށް. ކޯޓުން ބުނީ 300 މިލިއަނަށް ވުރެ ގިނަ ފައިސާ ދޭން. އިބޫ ސަރުކާރުން 60 މިލިއަނަށް ކުޑަކޮށް އަދި ދިނީ އެންމެ 12 މިލިއަން. 50 މިލިއަން ސަލާމަތްކޮށްފި
1 2

ބުނެދީ

21 ނޮވެމްބަރު 2023
ތިޔަ ދީބާޖާ ގެ ބެލެނިވެރިންނަކީ ކޮންބައެއްތޯ؟
1 0

ކިލެގެފާނު

21 ނޮވެމްބަރު 2023
@ބުނެދީ Board of Directors Board of directors for DHEEBAJA INVESTMENT Pvt Ltd Name Appointed Date SHAHIN MOHAMED 02-Feb-2010 AHMED JANAH 02-Feb-2010 MOHAMED HUSSAIN FULHU 26-Aug-2010 IBRAHIM MUIZZU 26-Aug-2010 ABDULLA JAVID 28-Aug-2010
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް