ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް: ގެއްލުމުގެ ބަދަލު ދިނުމަށް ހާއްސަ އުސޫލެއް ރައީސް އޮފީހުން ވަނީ އެކުލަވާލަފައި (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ބަދަލު ދޭން ހާއްސަ އުސޫލެއް؛ މައްސަލަ ހުށަހަޅަން މަހެއް

މި އުސޫލުގެ ދަށުން ހައްލު ކުރަނީ، 7 އޮގަސްޓް 2008 އިން 28 ނޮވެމްބަރު 2022އާ ދެމެދު، އެ އެއްބަސްވުމުކާ މެދު ސަރުކާރުން އަމަލުކުރި ގޮތެއްގެ ސަބަބުން އުފެދިފައިވާ މައްސަލަތައް

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ބަދަލުދޭނެ ހާއްސަށް އުސޫލެއް ރައީސް އޮފީހުން އެކުލަވާލައި އިއްޔެ އާންމުކޮށްފި އެވެ. މި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅުމަށް މުއްދަތު ދީފައިވަނީ ކުރިއަށް އޮތް އެއް މަސްދުވަހެވެ.

މައްސަލައިގެ ފެށުން - މި ސަރުކާރު ވެރިކަމަށް އައިސް، ކުރީ ސަރުކާރުތަކުން ބާތިލްކޮށްފައިވާ ބައެއް އެގްރިމަންޓްތަކަކީ އުސުލާ ހިލާފަށް ބާތިލްކޮށްފައިވާ އެގްރިމަންޓްތަކެއް ކަމަށް ބުނެ، ސެޓެލްމަންޓް ކޮމިޓީއެއް ހަދައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ބޮޑެތި އަދަދުން އެކި ކުންފުނިތަކަށް ބަދަލު ދިނެވެެ. އެގޮތުން:

  • ފާޑިުކިޔުންތައް ބޮޑުވެ، ފަހުން ސެޓެލްމަންޓް ކޮމިޓީ އުވާލި

  • އެގޮތަށް ބަދަލު ދީފައިވަނީ ނަޒާހަތްތެރި، ހަރުދަނާ އުސޫލެއް ނެތި ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކަރުދާހެއް އެކުލަވާލި

  • އެ ކަރުދާސް ދިރާސާކުރުމަށް ފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓިން އެކުލަވާލައި ތަޅުމުން ފާސްކުރި ރިޕޯޓުގައި ބަދަލު ދިނުމަށް ހާއްސަ އުސޫލެއް ހެދުމަށް ސަރުކާރަށް ލަފާ ދިން

ވީ ކިހިނެއް؟ - އިއްޔެ ރައީސް އޮފީހުން ގެޒެޓްކޮށްފައިވާ، 'ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު' ހެދި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، މަޖިލީހުން މިފަދަ އުސޫލެއް ހެދުމަށް ލަފާ ދީފައިވާތީ ކަމަށެވެ. މި އުސޫލުގެ މަގްސަދުގެ ގޮތުގައި ބުނެފައި ވަނީ:

  • ގާނޫނާއި ގަވައިދާ ހިލާފަށް، އެއްވެސް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް އަމާޒުކޮށްގެން ސަރުކާރުން އަމަލުކޮށްފައިވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތުތަކަށް ބަދަލު ހަމަޖައްސައިދިނުން

  • މާލީ ގެއްލުން ލިބިފައި ވާނަމަ، އެފަދަ ގެއްލުމަކަށް އަދުލުވެރިކަމާއި ހާމަކަމާ އެކު އަދި މައްސަލަ ކޯޓަށް ދިއުމުން ދައުލަތުން އުފުލަން ޖެހިދާނެ ކަމަށް އަންދާޒާކުރެވޭ މާލީ ބުރަ ވީ ވަރަކުން ކުޑަކޮށް، ކޯޓުން ބޭރުން މައްސަލަ ހައްލުކުުރުމަށް އުސޫލުތަކެއް ކަނޑައެޅުން

ތަފްސީލު - މި އުސޫލުގެ ދަށުން ހައްލު ކުރަނީ، 7 އޮގަސްޓް 2008 އިން 28 ނޮވެމްބަރު 2022އާ ދެމެދު، އެ އެއްބަސްވުމުކާ މެދު ސަރުކާރުން އަމަލުކުރި ގޮތެއްގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެވެ. މި އުސޫލަށް ފެތޭނީ:

  • 1-

    އެއްބަސްވުން ބާތިލުކުރުން

  • 2-

    އެއްބަވުމާ އެއްގޮތަށް އަމަލުނުކުރުން

  • 3-

    އެއްބަސްވުމާ ހިލާފުވުން

  • 4-

    ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދަ ބާތިލުކުރުން

ބަދަލު ދޭ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަމީރު އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިފަދަ މައްސަލަތަކުން ތެރެއިން، މި އުސޫލުގެ ދަށުން ހައްލުކުރަނީ އެ މުއްދަތުގައި (7 އޮގަސްޓް 2008 އިން ފެށިގެން 28 ނޮވެމްބަރު 2022އަށް) ކޯޓަކަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް މައްސަލަ ހުށަހަޅައިގެން ހައްލެއް ނުލިބި ތިން އަހަރު ދުވަސްވެފައިވާ މައްސަލަތަައް ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި އެއްވެސް ގޮތަކަށް އެ މައްސަލައެއް އެއްވެސް ތަނަކަށް ހުށަހަޅާފައި ނުވާ ފަރާތްތަކަކުން، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ އުސޫލާ އެއްގޮތަށް އެ މައްސަލަ ހުށަހަޅަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން:

  • މައްސަލަ ހައްލުކުރުމަށް ހުށަހަޅަން ޖެހެނީ، އެ އެއްބަސްވުން އެކުލަވާލި މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަަށް

  • ވިޔަފާރި ހުއްދަތަކުގެ މައްސަލަ ހައްލުކުުރުމަށް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށް

  • މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ މައްސަލަ ބަލައިގަނެވޭނީ އެ މައްސަލައެއް ހުށަނޭޅުނު ސަބަބަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ބާރުން ބޭރުގައިވާ ސަބަބެއް ކަމަށް މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ގަބޫލުކުރެވޭ ސަބަބެއް ކަމަށް ވާ ނަމަ

މައްސަލަ ހައްލުކުރަން ލަފާ ދޭން ހާއްސަ ކޮމިޓީއެއް

އުސޫލޫގައިވާ ގޮތުން، މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީއަކަށް ނުވަތަ އެ އިދާރާއަކަށް ލަފާ ދޭން ރައީސް އޮފީހުން ބަލަހައްޓާ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލަން ޖެހެ އެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީ އެކުލަވާލާނީ ރައީސް އޮފީހުން ކަނޑައަޅާ މީހަކާ އެކު، ހަ މިނިސްޓްރީއަކުން ކަނޑައަޅާ ހަ މީހެއްގެ މައްޗަށެވެ. އެއީ:

  • 1-

    ފިނޭންސް މިނިސްޓްރީ

  • 2-

    ޕްލޭނިން މިނިސްޓްރީ

  • 3-

    އިކޮނޮމިކް މިނިސްޓްރީ

  • 4-

    ޓޫރިޒަމް މިނިސްޓްރީ

  • 5-

    ފިޝަރީޒް މިނިސްޓްރީ

  • 6-

    އެންވަޔަރަމަންޓް މިނިސްޓްރީ

ކޮމިޓީގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ފަންނީ ލަފާ ދިނުމާއި މައްސަލަ އިތުރަށް ދިރާސާކުރުމަށް އެހެނިހެން ފަރާތްތައް ކޮމިޓީގެ މަސައްކަތާއި ބައްދަލުވުންތަކުގައި ބައިވެރިކުރެވޭނެ އެވެ. 

ބަދަލު ދޭ މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މުއައްސަސާތަކުގެ ވެރިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މައްސަލައެއް ފުރަތަމަ ދިރާސާކުރާނީ އެ މައްސަލައެއް ހުށަހަޅާ މިނިސްޓްރީ ނުވަތަ އިދާރާއަކުންނެވެ. އޭގެ ފަހުން، މައްސަލައިގެ ޓައިމްލައިން ހިމެނޭ ގޮތަށް އެ މައްސަލައެއްގެ ތަފްސީލުތަކާއި ލިޔެކިޔުންތައް ލަފާ ދޭ ކޮމިޓީއަށް ފޮނުވަން ޖެހެ އެވެ. އަދި އެއީ ކޯޓުން ބޭރުން ހައްލުކުރެވިދާނެ މައްސަލައެއް ކަމަށް ލަފާ ދޭނީ ކޮމިޓީންނެވެ. އިތުރަށް މައްސަލަ ދިރާސާކުރުމަށް، ބޭނުންވާ މައުލޫމާތު ހޯދުމާއި މައްސަލަ ހުށަހެޅި ފަރާތާ މުއަމަލާތުކުުރުމުގެ އިހްތިޔާރު ވެސް ކޮމިޓީއަށް ލިބިގެންވެ އެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ:

  • މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް ދިރާސާކުރުމަށް ފަހު، އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަން ޖެހޭ

  • އުސޫލު ހެދުމަށް ފަހު، ހުށަހަޅާ މައްސަލަތައް ދިރާސާކުރަން ދީފައި ވަނީ 60 ދުވަސް

  • ލަފާ ދޭ ކޮމިޓީން ކޮންމެ މައްސަލައެއް ވެސް ކެބިނެޓުގެ އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ޖެހޭ؛ އެ ނިންމުން ބަލައިނުގަތުމާއި އަލުން މުރާޖައާކުރަން އެންގުމުގެ ބާރު އެ ކައުންސިލަށް އޮވޭ

ކޯޓުން ބޭރުން މައްސަލަ ހައްލުކުރުން

ހުށަހެޅޭ މައްސަލަ ހައްލުކުރާނީ ކޯޓުން ބޭރުން ކަމަށް ކޮމިޓީއަށް ނިންމޭނީ ފަސް ހާލަތެއްގަ އެވެ. އެއީ:

  • 1-

    އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުން

  • 2-

    ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ބޭއިންސާފުން ވަކި ބަޔަކަށް އެކަނި އަމާޒުކޮށްގެން އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ފާހަގަވުން

  • 3-

    އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ހުއްދައެއް ދޫނުކުރުމުގެ މައްސަލައެއް ނަމަ ނުވަތަ ހުއްދައެއް ބާތިލުކުރުމާ ގުޅޭ މައްސަލައެއް ނަމަ، އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެ މައްސަލައިގައި އަމަލުކޮށްފައިވަނީ، އެކަމާ ގުޅޭ ގާނޫނާއި ގަވާއިދާއި އުސޫލަކާ ނުވަތަ އެފަދަ ހާލަތްތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ ހިލާފަށްކަން ފާހަގަވުން

  • 4-

    އެ މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލުގެ އަދަދު މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމުގައި ދެ ފަރާތުން އެއްބަސްވެވޭ ބަދަލަށް ވުރެ ބޮޑުވެދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި

  • 5-

    އެ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް، އެ މައްސަލައެއްގައި ޝާމިލުވާ އިދާރާއަށް ނުވަތަ އެ މައްސަލައެއް ހުށަހެޅިފައިވާ މިނިސްޓްރީއަށް އެކަށީގެންވާ ހަމަތަކުގެ މަތިން ގަބޫލުކުރެވުން

މައްސަލަ ހައްލުކުރަން ތިން ގޮތެއް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެއީ:

  • 1-

    އެއްބަސްވުން އިއާދަކުރުމަށް ނިންމައި އަލުން އެއްބަސްވުމެއްގައި ސޮއިކުރުން

  • 2-

    ރަސްމީ ހުއްދައެއް ދޫކުރުން ނުވަތަ ހުއްދަ އާ ކޮށްދިނުން

  • 3-

    ގެއްލުމުގެ ބައްދަލު ދިނުން ނުވަތަ ބަދަލު ހަމަޖައްސައިދިނުން

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އުސޫލުގައިވާ ގޮތުން، ގެއްލުމުގެ ބަދަލު ދިނުމުގައި ގާނޫނުގައި ހުއްދަ ކުރާ މިންވަރަކަށް ސަރުކާރުން ދެވެން އޮތް އެހެނިހެން ލުއިތަކާއި އިނާޔަތްތައް ދީގެން މައްސަލަ ނިންމަން އިސްކަންދޭންވާނެ އެވެ. އަދި ބަދަލު ހޯދުމަށް އެދިފައިވާ ޖުމްލަ އަދަދަކީ ދައުލަތައް ގަބޫލުކުރެވޭ ފަދަ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އަދަދެއް ކަމަށް ވާން ޖެހެ އެވެ.

އޭގެ އިތުރުން:

  • ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާ އަދަދު ދޫކުރެވޭނީ، މައްސަލަ ހުށަހަޅާ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ އެ އަދަދެއް އުނިކުރުމަށް ފަހު ނުވަތަ އެ ދަރަންޏެއް ދައްކާނެ ގޮތަކާ މެދު އެއްބަސްވުމެއް ހަދާފައިވާ ނަމަ، އެ އެއްބަސްވުމަކަށް ރިއާޔަތް ކުރުމަށް ފަހު

  • މި އުސޫލުގެ ދަށުން ބަލާ މައްސަލަތަކުގައި ސަރުކާރަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ނުވަތަ އިހުމާލުވެފައިވާ ކަމަށް ކޮމިޓީއަށް ފާހަގަކުރެވޭ މުވައްޒަފުންގެ މައްސަލަތައް ބަލައި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ޖެހޭ

ގެއްލުމުގެ ބަދަލު ހިސާބުކުރުން؛ ލޯނުގެ ބުރަ ވެސް ދައުލަތަށް

އުސޫލުގައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ގެއްލުމުގެ ބަދަލު ހިސާބުކުރަން ޖެހެނީ، އިސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އިން ލައިސެންސް ލިބިފައިވާ ފަރާތަކުންނެވެ. 

ގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި ރިއާޔަތް ކުރަން ޖެހޭ މުހިންމު ކަންތައް:

  • އެޑްވާންސް ފައިސާއެއް (އެޑްވާސް ޕޭމަންޓް، ލީޒް އެކުއިޒިޝަން ކޮސްޓް އަދި އެޑްވާންސް ރެންޓް ހިމެނޭ ގޮތަށް) ދައްކާފައިވާ ނަމަ، އެ ފައިސާގެ "ކޮސްޓް އޮފް ފައިނޭންސިން" ބެލުމުގައި އެކަން ހިނގި ދުވަސްވަރު ރާއްޖޭގެ ބޭންކްތަކުގައި އާންމުކޮށް ހުރި އިންޓަރެސްޓް ރޭޓަށް ރިޔާއަތް ކުރަން ޖެހޭ؛ އެންމެ މަތީ އިންޓަރެސްޓް ރޭޓަކީ އަހަރަކަށް %11

  • އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓް، އެއްބަސްވުން ބާތިލުކުރިއިރު ހުރި ހާލަތަށް އަނބުރާ ރުޖޫއަކުރުމަށް، އެ ފެންވަރަށް އަލުން ގެނައުމަށް ނުވަތަ ހުއްޓިފައިވާ ވިޔަފާރިއެއް އެ ވިޔަފާރި ހުއްޓުނު ވަގުތު ހުރި ހާލަތަށް އިއާދަކުރުމަށް މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެކަމަށް ހިނގާނެ ހަރަދު، ބަދަލުގެ ގޮތުގައި ހިމެނިދާނެ

  • ސަރުކާރުގެ އަމަލަކުން ވިޔަފާރިއެއް ހުއްޓިފައިވާ ނަމަ، އެ ވިޔަފާރި ހުއްޓުނުއިރު އެ ވިޔަފާރި ހިންގުމަށް ނުވަތަ ތަރައްގީކުރުމަށް މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކަށް ވެސް، އެ ވިޔަފާރި ހުއްޓުނު ތާރީހުން ފެށިގެން ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރާ ތާރީހާ ހަމައަށް ހިނގި މުއްދަތުގެ އިންޓަރެސްޓާއި އެ މުއްދަތުގައި ޖޫރިމަނާއެއް އަރާފައިވާ ނަމަ، އެ ފައިސާ ހިމެނިދާނެ

  • އެއްބަސްވުން ބާތިލުކުރި އިރު އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް މާލީ އިދާރާއަކުން ލޯނެއް ނަގައިފައިވާ ނަމަ، އެއްބަސްވުން ބާތިލުކުރި ތާރީހުން ފެށިގެން އެއްބަސްވުން އިއާދަކޮށްދިނުމާ ހަމައަށް ހިނގާ މުއްދަތުގައި އަރާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ ހިމެނިދާނެ

  • ދައުލަތުން ހަރަދުކޮށްގެން މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާ އެއްބަސްވުމެއް ބާތިލުކޮށްފައިވާ ހާލަތުގައި އެ މަޝްރޫއެއް ހިންގުމަށް އެ ފަރާތުން ކޮށްފައިވާ ހަރަދު ބަދަލުގެ ގޮތުގައި ހިމެނިދާނެ

  • ދައުލަތުން ހަރަދުކޮށްގެން މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާ އެއްބަސްވުމެއް އިއާދަކޮށްދެވެން ނެތް ހާލަތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރާއިރު، އެންމެ ގިނަވެގެން އެ ފަރާތަށް ދޫކުރެވޭނީ އެ މަޝްރޫއެއްގެ ކޮންޓްރެކްޓުގައި ކަނޑައަޅައިފައިވާ ޖުމްލަ އަދަދު ނުވަތަ ކޮންޓްރެކްޓް ވެލިއުއާ ހަމައަށް

މި އުސޫލަށް އަމަލުކުރަން ފަށާނެ ތާރީހެއްގެ ގޮތުގައި އޮތީ ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް