Majlis 2024

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު (ވ) މިއަދު ވާހަކަދައްކަވާ އިރު އަރިހުގައި (ވ2) ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫމަޑިއަށް އެކަނި ބަދަލު ދީ، ސެޓްލްމަންޓް ކޮމިޓީ އުވާލުމުން މެންބަރުންގެ ސުވާލުތަކެއް

އަމީރު ވިދާޅުވީ، ބަދަލު ދިނުމުގެ މަސައްކަތް ފެށީ ހެޔޮ ނިޔަތުގައި ކަމަށާއި ނަމަވެސް ނަތީޖާއަކަށްވީ ސެޓެލްމަންޓް ކޮމިޓީގެ މެންބަރުން 'ވަގުންނަށް' ހެދުން ކަމަށް

މުހިންމު ނުކުތާތައް

މިހާރު ސަރުކާރުގެ ސިޔާސަތަކީ ކޯޓުން ހުކުމް ކުރުމުން ބަދަލު ދިނުުން

އުސޫލު ބަދަލުކޮށް ކޮމިޓީ އުވާލީ ސަރުކާރު ބަދުނާމު ވުމުން: އަމީރު

ބޭއިންސާފުން ވަޒީފާއިން ވަކިކުރި މީހުންނަށް ކޯޓުން ބޭރުގައި 6 މިލިއަން ރުފިޔާ ދިނިން: ރިފްއަތު

ގެއްލުމުގެ ބަދަލު ދިނުމަށް 2019ގައި ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީ އުވާލުލިއިރު، ބަދަލު ދިނުމަށް ލަފާ ދިނީ ހަމައެކަނި ނޫމަޑިއަށްކަން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ހާމަވުމުން މެންބަރުންގެ ސުވާލުތަކެއް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ކުރިމަތިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ކަރުދާހެއް ދިރާސާ ކުރާ ސަބް ކޮމިޓީގެ ބައްދަލުވުމަށް ރިފްއަތާއި އަމީރު މިއަދު ހާޒިރު ކުރި އެވެ. 

  • ބަދަލު ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 27 ޖެނުއަރީ 2019 އުފެއްދި ސެޓްލްމަންޓް ކޮމިޓީގައި ރިފްއަތާއި އަމީރު ހިމެނިވަޑައިގެންނެވި

  • އާންމުންގެ ފާޑުކިޔުން އަމާޒުވި އެ ކޮމިޓީ، ސެޕްޓެމްބަރު 2019ގައި ވަނީ އުވާލާފައި 

އެނގުން މުހިންމު - ސެޓްލްމަންޓް ކޮމިޓީގެ ލަފައާ އެކު ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ނޫމަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (845 މިލިއަން ރުފިޔާ) ދޭން ސަރުކާރުން އޮގަސްޓް 2019ގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އަދި އެ ފައިސާ ދީފައިވާކަން އޮކްޓޯބަރު 2019ގައި ސަރުކާރުން ހާމަކުރި އެވެ.

ތަފްސީލު - ކޮމިޓީގައި ވާހަކަ ދައްކަވަމުން ރިފްއަތު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އެކި ފަރާތްތަކަށާއި ކުންފުނިތަކަށް ލިބިފައި ހުރި ގެއްލުމުގެ ޝަކުވާ، މި ސަރުކާރު އައި އިރު، ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. ސެޓްލްމަންޓް ކޮމިޓީ އުފެއްދެވީ އެ ކަންކަމަށް ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެޓްލްމަންޓް ކޮމިޓީއަށް ޖުމްލަ 37 މައްސަލައެއް ހުށަހެޅުނު އަދި [އެ މައްސަލަތަކާ ގުޅިގެން] ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުނު. އެހެން ނަމަވެސް ކޮމިޓީން ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނިންމާފައިވަނީ އެންމެ މައްސަލައެއް. އެއީ ނޫމަޑި މައްސަލަ އެކަނި. އިތުރު މައްސަލައެއްގައި ބަދަލު ދިނުމަށް ލަފައެއް ނާރުވަން،" ރިފްއަތު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ރިފްއަތު: އޭނާ ބަދަލު ދިނުމަށް ލަފާދެއްވީ ހަމައެކަނި ނޫމަޑިއަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރިފްއަތު ވިދާޅުވިގޮތުގައި ސެޓްލްމަންޓް ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ 19 ފެބްރުއަރީ 2020ގަ އެވެ. އަދި އެ އަހަރު ސެޕްޓެމްބަރު 20ގައި ރައީސް ސޯލިހް އެ ކޮމިޓީ އުވާލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫމަޑީގެ މައްސަލަ:

  • ބަދަލު ދޭން ނޫމަޑިން އެދުނީ 2011 އަދި 2013ގައި ސަރުކާރުން އެ ކުންފުންޏާ އެކު ހަދާފައިވާ ހައުސިން މަޝްރޫތަކެއްގެ އެއްބަސްވުންތަކުން ލިބުނު ގެއްލުމާ ގުޅިގެން

  • ނޫމަޑިން އެ މައްސަލައިގައި 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ ބަދަލެއް ހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް

ހެޔޮ ނިޔަތުގައި އެ މަސައްކަތް [ސެޓްލްމަންޓް ކޮމިޓީން] ފެށީ. އެކަމަކު ނިމުނު އިރު ގޯސްވީ އަޅުގަނޑުމެން. އަޅުގަނޑުމެން އެންމެން ބޮޑެތި ވަގުންނަށް ވެގެން ނިމުނީ

އިބްރާހިމް އަމީރު/ ފިނޭންސް މިނިސްޓަރު

ދެ ވަޒީރުން ވެސް ނޫމަޑީގެ ދިފާއުގައި

އަމީރު (ކ) އާއި ރިފްއަތު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި: ނޫމަޑިއަށް ދިން ބަދަލު ދިފާއު ކުރެއްވި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރިފްއަތުގެ އެ ވާހަކަތާ ގުޅިގެން، ސަބް ކޮމީޓީގެ މުގައްރިރު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފާއި ދެން ތިއްބެވި ދެ މެންބަރުން ވެސް ދެ ވަޒީރުންނަށް ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ރިފްއަތާއި އަމީރު ވަނީ ނޫމަޑިއަށް ބަދަލު ދޭން ނިންމި ނިންމުން ވަރަށް ބޮޑަށް ދިފާއުކުރައްވައިފަ އެވެ.

ނޫމަޑިއަށް ވަރަށް ލުއި ވެއްޖެ. އެކަމު އެ ޕްރޮޖެކްޓް އެ ހުރީ ނުނިމި. ބަހާލައިގެން އެ ފައިސާ ދެވުނީސް ނޫންތޯ؟ ވެދާނެ ފަހަރެއްގައި ސަރުކާރު ހޮވިގެން މަޖިލިސް ނަގަން ވެގެން، ލާރި ބޭނުންވާތީ، އެ ލާރި ބޭނުންކޮށްގެން މަޖިލިސް މެޖޯރިޓީ ނެގީ ކަމަށް

އަބްދުﷲ ޖާބިރު/ ކާށިދޫ ދާއިރާގެ މެންބަރު

 އެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން ޖެހުނު ސަބަބު ވެސް ރިފްއަތު މިއަދު ކޮމިޓީ ބައްދަލުވުމުގައި ތަކުރާރު ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އެއްބަސްވުން ތަންފީޒު ކުރުމުގެ މަރުހަލާގައި ސަރުކާރުން އުފުލަން ޖެހޭ އިލްތިޒާމްތައް އުފުލުމުގައި ބޮޑު ތަނުން އިހުމާލުވެފައިވާ ކަމަށް

  •  ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި ހެކިބަސް ދެއްވާފައިވޭ

"މި ސަބަބުތައް މިހެން ހުރީމަ، ރާއްޖެއިން ބޭރުން ލަފާދިން ވަކީލުން ވެސް އެއްބަސްވީ ކޯޓުން ބޭރުން ހައްލެއް ހޯދުން މުހިންމު ކަމަަށް،" ރިފްއަތު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަފީފު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ކޮމިޓީގައި ހިމެނޭ ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަފީފް ކުރެއްވި ސުވާލަކަށް އިތުރަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ އާބިޓްރޭޝަނުން ނޫމަޑީގެ މައްސަލަ ނިމެންދެން މަޑުކުރި ނަމަ، ދައުލަތަށް މާ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.

"އެހެންވީމަ ކޯޓުން ބޭރުން ހައްލު ހޯދުމަކީ ދިވެހި ދައުލަތުގެ މަސްލަހަތު އެ ކަމުގައި ހިމެނޭ ކަމެއް. އަދި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި އަމަލު ކުރާ އުސޫލެއް،" ރިފްއަތު ވިދާޅުވި އެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ރިފްއަތު އިތުރަށް ވިދާޅުވީ:

  • ސެޓްލްމަންޓް ކޮމިޓީ މިހާރު އުވާލާފައިވާއިރު، މިހާރު ސަރުކާރުގެ ސިޔާސަތަކީ، ކޯޓުން ހުކުމްކުރުމުން ބަދަލު ދިނުުން ކަމަށާއި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވޭ ނަމަ އެ ގޮތަށް އަމަލު ކުރުން ކަމަށް

  • ދައުލަތެއްގެ ސިފައިގައި މަސައްކަތް ކުރާއިރު، ވިޔަފާރިވެރިންގެ މަސްލަހަތަށް ވެސް ބަލަން ޖެހޭ؛ ވިޔަފާރިއާ ނުލައެއް އެއްވެސް ގައުމެއްގެ އިގްތިސާދު ބިނައެއް ނުކުރެވޭނެ 

  • މިކަމުގައި އޮޑިޓާ ޖެނެރަލް ބަހެއް ހޯދުމަކީ މުހިންމު ކަމެއް؛ އެކަމަކު އެއީ އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން

  • އޮޑިޓާ ޖެނެރަލްއަކީ ދައުލަތުގެ މީހެއް؛ އެހެންކަމުން އިދިކޮޅަށް ހުންނަ މީހާ އެ ގޮތަށް އެއްބަހެއް ނުވާނެ

އަޅުގަނޑުމެންނަށް ލަފާ އައީ ގާތްގަނޑަކަށް 200-250 މިލިއަން ޑޮލަރަށް ވުރެ ވެސް މަތީގެ އާބިޓްރަލް އެވޯޑެއް ދިވެހި ސަރުކާރާ ދެކޮޅަށް އައުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި، ފިނޭންސް މިނިސްޓަރަކަށް ހުރެ ދިވެހި ދައުލަތަށް އެންމެ ރަނގަޅު ގޮތަކަށް އަޅުގަނޑުމެން ނިންމާފައި އެ އޮތީ

އިބްރާހިމް އަމީރު/ ފިނޭންސް މިނިސްޓަރު
ރިފްއަތު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަނަވާ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ހަމައެކަނި ނޫމަޑިއަށް އެއްފަހަރާ ބަދަލު ދީ ނިންމާލި އިރު، ދެން ހުރި ކުންފުނިތަކަށް އެ ގޮތަށް ބަދަލު ނުދިނުމުން ސުވާލު އުފެދޭ ކަމަށެެވެ.

"ކުއްލިއަކަށް ނޫމަޑިއަށް 50 މިލިއަން ޑޮލަރު ކޭޝް ޗަންކެއް ޕޭ ކުރީ ކީއްވެގެންތޯ؟ ގާނޫނުއަސާސީގައި ބުނޭ އެންމެނާ ދޭތެރޭ އެއް ހަމައަކުން އަމަލު ކުރަން ޖެހޭ ކަމަށް. މި މަޖިލީހުން ނެތް އިންސްޓްރަކްޝަނެއް ދީފައެއް އައުޓް އޮފް ކޯޓް ސެޓްލްމަންޓް [ކޯޓުން ބޭރުން މައްސަލަ ހައްލުކުރުން] ހުއްޓާލަން،" ޖާބިރު ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޖާބިރު ވިދާޅުވީ ނޫމަޑީގެ އިތުރުން ބިގް ކުންފުންޏާއި ސަރުކާރާ ގުޅުން އޮންނަ އެހެން ކުންފުނިތަކަށް ވެސް ބަދަލު ދިން ކަމަށެވެ. 

"ނޫމަޑިއަށް ވަރަށް ލުއި ވެއްޖެ. އެކަމު އެ ޕްރޮޖެކްޓް އެހުރީ ނުނިމި. ބަހަލައިގެން އެ ފައިސާ ދެވުނީސް ނޫންތޯ؟ ވެދާނެ ފަހަރެއްގައި ސަރުކާރު ހޮވިގެން މަޖިލިސް ނަގަން ވެގެން، ލާރި ބޭނުންވާތީ، އެ ލާރި ބޭނުންކޮށްގެން މަޖިލިސް މެޖޯރިޓީ ނެގީ ކަމަށް،" ޖާބިރު ތުހުމަތު ކުރެއްވި އެވެ.

ޖާބިރުގެ އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ނޫމަޑި މައްސަލައިގައި ސަރުކާރާ އެކު މަސައްކަތް ކުރެއްވި ބޭރުގެ ގަނޫނީ ވަކީލުންނަށް ވެސް އެއްބަސްވެވުނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލު ކުރަން ކަމަށެވެ. 

"އަޅުގަނޑުމެންނަށް ލަފާ އައީ ގާތްގަނޑަކަށް 200-250 މިލިއަން ޑޮލަރަށް ވުރެ ވެސް މަތީގެ އާބިޓްރަލް އެވޯޑެއް ދިވެހި ސަރުކާރާ ދެކޮޅަށް އައުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި، ފިނޭންސް މިނިސްޓަރަކަށް ހުރެ ދިވެހި ދައުލަތަށް އެންމެ ރަނގަޅު ގޮތަކަށް އަޅުގަނޑުމެން ނިންމާފައި އެ އޮތީ،" އަމީރު ވިދާޅުވި އެވެ.

ޖާބިރު ދެއްކެވި ބައެއް ވާހަކަތަކަށް އެއްބަސްވަޑައިގަންނަވަމުން އަމީރު ވިދާޅުވީ، ކުރީ ސަރުކާރުގައި ބޭއިންސާފުވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެހެންވެ އުސޫލެއް ހަދައި، އުސޫލުގެ ތެރެއިން އެ ވައުދު ފުއްދުމަށް ސެޓްލްމަންޓް ކޮމިޓީ ހެދީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުގައި ބޮޑަށް ބޭއިންސާވެފައި ހުރީ ވެސް އެމްޑީޕީގެ މީހުންނާއި އޭރު އޮޕަޒިޝަންގައި ތިބި ފަރާތްތައް،" ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ބަދަލު ދިން ކަމަށް ޖާބިރު ދެއްކި ވާހަކައަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި އަމީރު (ކ) މިއަދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަމީރު ވިދާޅުވި ގޮތުގައި ސެޓްލްމަންޓް ކޮމިޓީ ހަދައި ބަދަލު ދިނުމުގެ މަސައްކަތް ފެށީ ހެޔޮ ނިޔަތުގަ އެވެ. ނަމަވެސް ބައެއް ފަރާތްތަކަށް އެކަން ބަލައި ނުގަނެވި، "ބަދުނާމުވީ ސަރުކާރު" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ ފަހުން އެ އުސޫލު ބަދަލު ކުރީ. ސެޓްލްމަންޓް ކޮމިޓީ އުވާލެވިފައި އޮތީ. މިހާރު އެ އޮތީ ކޯޓު މަރުހަލާ ތެެރެއިން އައިސް ކޯޓުން ހުކުމެއް އައިސިއްޔާ [ބަދަލު ދޭން]. އިރާދަކުރެއްވިޔާ އެ މަސައްކަތް ކުރާނަން. ހެޔޮ ނިޔަތުގައި އެ މަސައްކަތް ފެށީ. އެކަމަކު ނިމުނު އިރު ގޯސްވީ އަޅުގަނޑުމެން. އަޅުގަނޑުމެން އެންމެން ބޮޑެތި ވަގުންނަށް ވެގެން ނިމުނީ،" އަމީރު ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރި މީހުންނަށް 6 މިލިއަން ރުފިޔާ

ރިފްއަތު: އޭނާ ވިދާޅުވިގޮތުގައި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ބަދަލުގެ ގޮތުގައި 6 މިލިއަން ރުފިޔާ ދީފައިވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ރިފްއަތު ވިދާޅުވީ، ސެޓްލްމްންޓް ކޮމިޓީއަށް ގިނައިން ހުށަހެޅީ ކުރީގެ ސަރުކާރުން ބޭއިންސާފުން ވަޒީފާއިން ވަކިކުރި މައްސަލަތައް ކަމަށެވެ. އެގޮތުން ވަޒީފާއިން ވަކިކުރުމުގެ 19 މައްސަލައެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:

  • 7 މީހުން: ފުލުހުންގެ ވަޒީފާއިން

  • 5 މީހުން: ކާޑެއްދޫ އެޕާޕޯޓް

  • 3 މީހުން: އެމްއެންޑީއެފް

  • 2 މީހުން: ވަޒީފާއާ ބެހޭ ޓްރައިބުނަލްއަށް ރައީސް އައްޔަން ކުރެއްވި މެންބަރުން

  • 1: ކަރެކްޝަންސް

  • 1: ޓެކްސް އެޕީލް ޓްރަބިއުނަލް

އޭނާ ވިދާޅުވީ، ވަޒީފާގެ މައްސަލަތަކުގައި ހައްލެއް ހޯދުމަށް އެ ކޮމިޓީން މަސައްކަތްތަކެއް ކޮށް، ސިވިލް ކޯޓްގެ މައްސަލަ ހައްލުކުރާ މަރުހަަލާގައި ބައެއް މައްސަލަތައް ނިންމި ކަމަށެވެ.

"އެގޮތުން 6،085،036ރ. މި ދެންނެވި މައްސަލަތަކުގައި މި ބޭފުޅުންނަށް ހަވާލު ކުރެވިފައި ވާނެ. އެއީ ޑިސްޕިއުޓް [ރިޒޮލިއުޝަން] މަރުހަލާގައި މައްސަލަ ހިނގަމުން ދިޔައިރު ކޯޓުން ބޭރުން މައްސަލަ ހައްލުކޮށްގެން،" ރިފްއަތު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް