އިޝްތިހާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމެއްގައި: ސަރުކާރުގެ ފަހުކޮޅު ދީބާޖާއަށް ވަނީ ބަދަލު ދީފައި (ފޮޓޯ/ރައީސް އޮފީސް)

ސިވިލް ކޯޓު

ދީބާޖާއަށް ކުރީ ސަރުކާރުން ބަދަލު ދިނީތަ؟

ދީބާޖާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފައި. ސަބަބެއް ކަމަށް ކޯޓުގައި ބުނީ ސަރުކާރާ އެކު މައްސަލަ ހައްލުކުރީ ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް، ދީބާޖާ އިންވެސްޓްމަންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ނިންމައި ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް ސްޕްރީމް ކޯޓުން ތަހުވީލު ކޮށްފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް، ދީބާޖާއިން މައްސަލަ އަނބުރާ ނަގައިފި އެވެ. 

މިހާރު އުފެދިފައި އޮތް ސުވާލަކީ ކުރީ ސަރުކާރުން އެންމެ ފަހު ވަގުތު ދީބާޖާއާށް މާލީ ބަދަލެއް ދިނީ ހެއްޔެވެ؟ ނުވަތަ ބަދަލެއް ދޭން އެއްބަސްވެ، ލިއުމެއްގައި ސޮއިކުރީ ހެއްޔެވެ؟

މި ސުވާލުތަކަށް އަދި ޖަވާބެއް ނެތެވެ. ސިވިލް ކޯޓުން މައްސަލަ ނުބަލަން ނިންމި ހުކުމުގައި ވެސް އޭގެ ތަފުސީލެއް ހިމަނާފައެއް ނުވެ އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ދީބާޖާއާ އެކު 2010ގައި ހެދި އެއްބަސްވުން ބާތިލުކުރީ، އެ ވެރިކަން ބަދަލުވެ، ރައީސްކަމާ މުހަައްމަދު ވަހީދު ހަވާލުވުމަށް ފަހު 2013ގަ އެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 23 އޮކްޓޫބަރު 2014ގައި ހުކުމްކުރީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ 348 މިލިއަން ރުފިޔާ ކަމަށެވެ.

އޭގެ ފަހުން ހައި ކޯޓާއި، ސުޕްރީމް ކޯޓުގައި 2022އާ ހަމަޔަށް އިސްތިއުނާފީ މައްސަލަތަކުގެ ގޮތުގައި އެ މައްސަލަ ދިގުދެމުނެވެ. އަދި ވަރަށް ތަފާތު ނިންމުންތަކެއް ވެސް ފެނުނެވެ.

އެންމެ ފަހުން 9 އޮކްޓޫބަރު 2022ގައި މިހާރުގެ ސުޕްރީމް ކޯޓުން ވަނީ، ހައި ކޯޓާއި ސްޕްރީމް ކޯޓުގެ ކުރީގެ ހުކުމްތައް ބާތިލުކޮށް، އަދި ސިވިލް ކޯޓުން އެ މައްސަލާގައި ދައުލަތުގެ މައްޗަށް ދީބާޖާއަށް ދޭން އަމުރުކުރި 348 މިލިއަން ރުފިޔާގެ ބަދަލުގެ ހުކުމް ވެސް ބާތިލުކޮށްފަ އެވެ.

އެ މައްސަލަ ދިގުދެމިގެން ގޮސްފައި ވާތީ އާއި މީގެ ކުރިން ކޯޓުތަކުން ނިންމި ނިންމުންތައް އިންސާފުވެރި ނުވާތީ، ދީބާޖާގެ އަސްލު މައްސަލައިގައި ގޮތެއް ނިންމަން ސިވިލް ކޯޓަށް ފޮނުވަން ހައި ކޯޓަށް ސުޕްރީމް ކޯޓުން އެ މައްސަލަ އޭރު ތަހުވީލުކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ގޮތް ނިންމާފައި މިވަނީ، ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭން އެދި އެންމެ ފުރަތަމަ ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި އަސްލު މައުލޫއީ މައްސަލާގަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައި ވާތީ އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް މިހާރު ނެތް ކަމަށެވެ.

ބުނީ ކީކޭ؟ - އެ ހުކުމުގައި ވާ ގޮތުން ދައުވާ އަނބުރާ ގެންދަން އެދި ދީބާޖާގެ ފަރާތުން 21 ސެޕްޓެމްބަރުގައި ހުށަހެޅި އެވެ. މައްސަލަ އަނބުރާ ގެންދަން އެދި ހުށަހެޅި ފޯމުގައި ދައުލަތާއި ދީބާޖާއާ ދެމެދު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

އެ މައްސަލަ އަލުން ހުށަހަޅާނެ ކަމަށް ބަޔާންކޮށްފައި ނުވާތީ، އެއީ އިތުރަށް އެ ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މިހާރު އެވަނީ ހުކުމްކޮށްފަ އެވެ. 

ދައުލަތާއި ދީބާޖާއިން ކޯޓުން ބޭރުން މައްސަލަ ހައްލުކުރި ގޮތާ ބެހޭ ތަފްސީލެއް ހުކުމުގައި ނެތެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ކޯޓުން ބޭރުގައި ނިންމީ ކުރީ ސަރުކާރުން ރައީސް އޮފީހުގައި ހަދާފައި އޮތް ސެޓުލްމަންޓް ބޯޑުންނެވެ. ސަރުކާރު ނިމުނު އިރު، ދީބާޖާއަށް ބަދަލުގެ ގޮތުގައި ދިނީ ކިހާ ވަރެއް ކަމެއް، ސަރުކާރުން ބުނެފައެއް ނުވެ އެވެ. ނުވަތަ އެ ބަދަލު އެކީގައި ދީފައިވާކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. 

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ބަދަލު ދޭން ރައީސް އޮފީހުން ނިންމީ އޭރުގެ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތުގެ ބަހެއް އަދި އޭޖީ އޮފީހަށް އެންގުމެއް ވެސް ނެތި އެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭން ސިވިލް ކޯޓުން ކުރިން ނިންމި އަދި ކުރީގެ ސުޕްރީމް ކޯޓުން ތާއީދުކުރި 384 މިލިއަން ރުފިޔާ، 174 މިލިއަން ރުފިޔާއަށް ކުޑަކޮށްފައި ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުން އައްޔަންކުރުމާ އެކު އެޓާނީ ޖެނެރަލް ރިއްފަތު ނިންމެވީ އެ ހުކުމް ސުޕްރީމް ކޯޓުގެ ރިވިއުއަށް ހުށައަޅުއްވާށެވެ. އެގޮތަށް އެކަން ހިނގައި، ސުޕްރީމް ކޯޓުން ވަނީ ކުރީގެ ހުކުމްތައް ބާތިލްކޮށްފަ އެވެ.

ނަމަވެސް ކުއްލިއަކަށް، މި ސަރުކާރު ނިމެން އުޅެނިކޮށް ރައްޔިތުންނަށް އެންގުމެއް ނެތި، ދީބާޖާއާ އެކު އެއްބަސްވުމަކަށް ގޮސް، ބަދަލުދޭން ނިންމީ ކީއްވެގެން ކަމެއް ނުބުނެ އެވެ.

ފަސް މަންޒަރު - ދީބާޖާ އާއި ޓްރާންސްޕޯޓު މިނިސްޓްރީ އާ ދެމެދު 1 ފެބްރުއަރީ 2010 ގައި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު)ގެ ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެއްބަސްވުމުގައިވާ ގޮތަށް ދީބާޖާގެ ފަރާތުން ހިދުމަތް ދެމުން ނުދާ ކަމަށް ބުނެ، އެއްބަސްވުން ބާތިލުކޮށްފައިވާ ކަން ދީބާޖާއަށް އެންގީ 30 މޭ 2013 ގަ އެވެ.

އޭގެ ފަހުން:

  • 5 މޭ 2014 - ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ އެއްފަހަރާ ނަގައި ދިނުމަށް ދީބާޖާގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރި

  • 23 އޮކްޓޫބަރު 2014 - ނަގައިދެވޭނީ 348 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައި އެ އަދަދު 6 މަސް ދުވަހުގެ ތެރޭ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރި

  • 22 ޖުލައި 2015 - ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި. ހައި ކޯޓުން ހުކުމް ބާތިލްކުރީ 26 ޖޫން 2018ގައި

  • 19 ސެޕްޓެމްބަރު 2018 - ހައި ކޯޓުން އެ މައްސަލަ ބަލައިގަތީ އިސްތިއުނާފު މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ގަވާއިދާ ހިލާފަށް ކަމަށް ބުނެ ދީބާޖާގެ ފަރާތުން އެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރި

  • 17 އެޕްރީލް 2019 - ހައި ކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް ނިންމައި ހައި ކޯޓުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލުކުރި

  • އެ ހުކުމް ބާތިލުކުރުމުން، ރައީސް ސޯލިހުގެ ސަރުކާރުން އޭރު ވަނީ ދީބާޖާއާ އެކު ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން މަޝްވަރާކޮށް، 174 މިލިއަން ރުފިޔާއަށް ބަދަލު ކުޑަކޮށް އެ ބަދަލު ދޭން އެއްބަސްވެފައި؛ ނަމަވެސް އޮޑިޓަ ޖެނަރަލް އޮފީހުން ވެސް އެކަމާ ދެކޮޅުހެދުމުން، ސުޕްރީމް ކޯޓުގެ ހުކްމް ރިވިއު ކުރަން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅި

  • ސުޕްރީމް ކޯޓުން 2020ގައި ނިންމީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން ބާތިލުކޮށް އެ ކޯޓުގައި އަލުން މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ދޭން

  • 9 އޮކްޓޫބަރު 2022 - ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި އެ  މައްސަލަ ދީބާޖާއިން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުން އެންމެ ފުރަތަމަ ކުރި ހުކުމާއި، ހައި ކޯޓުގެ ހުކުމް ވެސް ބާތިލުކޮށް، އެ މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގޮތެއް ނިންމުމަށް، އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވަން ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ތަހުވީލުކޮށްފައި

  • 28 ނޮވެމްބަރު 2022 - ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އެ މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގޮތެއް ނިންމުމަށް، ސިވިލް ކޯޓަށް ތަހުވީލުކުރި. ސިވިލް ކޯޓުން މިދިއަ ބުރާސްފަތިދުވަހު އެ ނިންމީ އެ މައްސަލަ

އިޝްތިހާރު

ކޮމެންޓް (2)

profile-image-placeholder

ދީފާ ދީފާ

21 ނޮވެމްބަރު 2023
ހިޚަބަރު އިތުރައް ފުރިހަމަ ކުރަން ޓްރޭޱު މިނިސްޓްރީގަ ރަޖިސްޓްރީ ކޮއްފައޮތީ ކޮންބައެއްގެ ނަމުގަތޯ ބުނެދިނުން ވަރައް މުހިއްމު.

ފެންސް

20 ނޮވެމްބަރު 2023
މީ ހުސް ރާވައިގެން ކުރާ ކަންކަން...

އިތުރު އާޓިކަލް

އިތުރު އާޓިކަލް