ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ: އޭނާ ވަނީ ހިޔާގެ މައްސަލަ އިން ސަލާމަތްވެފައި. (ފައިލް ފޮޓޯ/ޖެންޑާ މިނިސްޓްރީ)

ޕީޖީ އޮފީސް

ހިޔާގެ މައްސަލައިގައި ޒެނީޝާއަށް ދައުވާނުކޮށް ދަށް ރޭންކުގެ 13 ފުލުހެއްގެ މައްސަލަ ކޯޓަށް

ދައުވާކުރީ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ހެކި ލިބުނު މީހުންނަށް ކަމަށް ޕީޖީ އޮފީހުން ބުނޭ
11 ނޮވެމްބަރު 2021
1

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2017ގައި ހިނގި ހާދިސާއާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ފޮނުވި 30 މީހުންގެ ތެރެއިން ދަށް ރޭންކުގެ 13 ފުލުހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ އޭރުގެ ޖެންޑަރު މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި ފުލުހުންނަށް ދައުވާ އުފުލި އިރު، ޒެނީޝާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު މުހައްމަދު ނަޝީދާއި ސިޔާސީ ވެރިން ވަނީ ވާހަކަދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ ޒެނީޝާއަށް ދައުވާކޮށްގެން މުޖުތަމައަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.

8 ނޮވެމްބަރު 2021ގައި ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި މުހައްމަދު ބަޝީރު ބައިވެރިވެވަޑައިގަންނަވަނީ: އޭނާއަށް ވެސް ދައުވާ ނުކުރަން ވަނީ ނިންމާފައި. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ވީ ކިހިނެއް؟ - އެއީ ފުލުހުންނާއި ސިފައިންނާ ގުޅިގެން ޖެންޑާ މިނިސްޓްރީން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން ކުޑަކުދިންގެ ހިޔާގެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން ކަމަށް ތުހުމަތުކުރާ މައްސަލައެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ޕީޖީގެ ބަސް - ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަ އަހުމަދު ޝަފީއު ވިދާޅުވީ، ދައުވާކުރީ ކުށްކުރުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެއްކާއި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި، ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ އިތުރު މައުލޫމާތު އަންނަ ހަފްތާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދޭނެ ކަމަށެވެ.

ތަފްސީލް - ދައުވާ އުފުލަން ނިންމީ:

  • 13 ފުލުހަކަށް 

  • އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން އޮފިސަރުންނާއި 10 ފިރިހެން އޮފިސަރުން

  • އެ މީހުންގެ މައްޗަށް ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން 

  • އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 

  • ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް

ގުޅުންހުރި ކަމެއް - ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް 2017ގައި އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް އަނިޔާކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ. އެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ރިޔާސީ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅުމުން ހަ މީހަކަށް ވަނީ ދައުވާކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ހަސަންދީ

11 ނޮވެމްބަރު 2021
ޒެނީޝާވީމަ ޒިންމާ ނަގާކަށް ނުޖެހޭނެ. ޝިދާތާވީމަ ޒިންމާ ނަގަންޖެހޭނެ. އިތުބާރެއްވެސް ނޯންނާނެ، މަގާމުން ވަގުތުން އިސްތިއުފާދޭންޖެހޭނެ. ވަރަށް ސަޅި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް