ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ: އެޗްއާރުސީއެމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި.
ކުށެއް ނުކުރަން؛ އެޗްއާރުސީއެމުން ވަނީ ޒާތީވެފައި: ޒެނީޝާ
ޒެނީޝާ ޝަހީދު ޒަކީގެ ޖެންޑާ މިނިސްޓަރު ކަމުގައި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކަކާ މެދު އިހުމާލުވެފައިވާ ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެޗްއާރުސީއެމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި އެދިފައި ވަނީ ޒާތީ ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޒެނީޝާ މިރޭ ދޮގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - 2017ގައި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަތަކެއް ބެލުމަށް ފަހު އެޗްއާރުސީއެމް އިން ވަނީ ޒެނީޝާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިފަ އެވެ.
ބުނީ ކީކޭ؟ - އެ ތުހުމަތުތަކާ ގުޅިގެން ޒެނީޝާ ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ވަނީ، އެފަދަ އަމަލެއް ކުރުމަށް އެހީތެރިވެ، ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
ޒެނީޝާ ވަނީ އެޗްއާރުސީއެމް އިން ހިންގި ތަހުގީގަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
އޭނާއާ މެދު ތުހުމަތު ކުރާ މައްސަލައަކީ ޒާތީ ތައައްސުބުން އުފަންކުރި މައްސަލައެއް
-
މުޅި މައްސަލަ ބިނާކޮށްފައިވަނީ ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް
-
ތަހުގީގު ހިންގީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން
-
ތަހުގީގު ހިންގީ އެ ކަމަށް އޮންނަ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް
"މިއީ ގާނޫނާ ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން [އެޗްއާރުސީއެމްގެ ތަހުގީގު] މާތް ﷲގެ ވާގިފުޅާ އެކު ސާބިތުބިތުވެގެން ދާނެ ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ،" އެ މައްސަލައިގައި ވަކާލާތުކޮށް، މީޑިއާތަކަށް މައުލޫމާތު ދޭން އޭނާގެ ފަރާތުން ޕްރިމިއާ ޗެމްބާޒް ލޯ ފާމް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވައި ޒެނީޝާ ވިދާޅުވެފައިވެ އެވެ.
އިތުރަށް ކިޔާލަން -