ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ (ކ) އަދި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު. (ފޮޓޯތައް/ ޖެންޑާ މިނިސްޓްރީ އަދި ފުލުހުން)

އެޗްއާރުސީއެމް

ކުޑަކުދިންގެ ހިޔާގެ މައްސަލައެއްގައި ކުރީގެ މިނިސްޓަރު ޒެނީޝާ އާއި ފުލުހުންގެ އިސް އޮފިސަރަކަށް ދައުވާކޮށްދޭން އެދިއްޖެ

މި މައްސަލަ ޕީޖީ އޮފީހުން މިހާރު އަންނަނީ ދިރާސާކުރަމުން
28 އޮކްޓޯބަރު 2021
1

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2017ގައި ހިނގި ހާދިސާއަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ހިމެނޭ ގޮތަށް ޖުމްލަ 30 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެޗްއާރްސީއެމް އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހީމް މިއަދު 'ދައުރު'އަށް ވިދާޅުވީ އެ މައްސަލައިގައި ގިނަ ބަޔަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ.

ދައުވާ ކުރަން ފޮނުވީ ކޮން ބައެއްކަން އަދި އެ މީހުންނަށް ކުރަން އެދުނީ ކޮން ދައުވާތަކެއްކަން އެޗްއާރުސީއެމް އިން ނުބުންޏަސް، އޭގެ ތެރޭގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވެސް ހިމެނޭކަން ވަނީ އެނގިފަ އެވެ.

ހުޅުމާލޭގައި ހުންނަ 'ފިޔަވަތި' ކުޑަކުދިންގެ ހިޔާ: މި ތަނުގައި ވެސް މައްސަލަތައް ބޮޑު. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޕީޖީގެ ބަސް - ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވެސް ވަނީ އެޗްއާރްސީއެމް އިން އެފަދަ މައްސަލައެއް ފޮނުވާފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް، އެ 30 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ދައުވާކުރުމާ މެދު އަދި އެ އޮފީހުން ގޮތެއް ނިންމާފައި ނުވާކަން ޝަފީއު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެ މައްސަލަ ދިރާސާކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް އަނިޔާކުރި މައްސަލައެއްގައި ވެސް މީގެ ކުރިން ހަ މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. 

އޭގެ އިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށް، ޖެންޑާ އާއި ފުލުހަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ.

ކޮމެންޓް (1)

ސިޔާސީ

28 އޮކްޓޯބަރު 2021
ސިޔާސީ ވިޔަސް ބޮޑުވަރު. މިހާރު ކުޑަކުދިންގެ ހިޔާގައި ހިންގާ ޖަރީމާތައް ހުއްޓުވިއްޔާ މާ ރަނގަޅު ދޯ؟ މައްސަލައަކީ ޒެނީޝާގެ «އާކް» ޖަމިއްޔާއިން ސަރުކާރުގެ ދޯހަޅިކަން ދައްކުވައިދޭތީ ބާ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް