ސުޕްރީމް ކޯޓު: ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ވަނީ ނިންމާފަ (ދައުރު ފައިލް ފޮޓޯ)

އެމްޑީޕީ

އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެނީ މަޖިލިސް 'ހުއްޓުވާފައިވަނީ' ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް

އޭގެ އިތުރުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެދޭނެ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައިވާ މައްސަލައިގައި އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާ ދުސްތޫރީ މައްސަލައިގައި އެދެނީ، މަޖިލިސް ހުއްޓުވާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.

އެހެންވެ، އެކަމާ ގުޅިގެން ގާނޫނީ ފަރުވާއެއް ހޯދުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުމަށް ނިންމައި ލިޔެކިޔުންތައް ތައްޔާރު ކުރަން އެމްޑީޕީން މިހާރު ވަނީ ފަށާފަ އެެވެ.

ތަފްސީލު - އެމްޑީޕީން މިހާރު ތައްޔާރުކޮށްފައިވާ އެ މައްސަލައިގެ ޑްރާފްޓްގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އޭގައިވާ ގޮތުން، މަޖިލިސް ހުއްޓުވާފައި ވަނީ، މަޖިލީހުގެ ރައީސްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ހިފަހައްޓައިގެންނެވެ. 

އޭގެ ސަބަބުން، ގައުމުގެ ދުސްރޫތީ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމުގެ އާންމު މަސްލަހަތައް އުނިކަން އަންނަމުންދާކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީން ކޯޓުގައި އެދޭ ގޮތް ކަމަށް އެ ޑްރާފްޓްގައި އޮތީ:

  • ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުމަކީ ގާނޫނުއަސީގެ 8 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް

  • ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުުގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މައްޗަށް އަމުރުކުރުމަށް

އެމްޑީޕީގެ އިސް އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، އެ ޑްރާފްޓް މިހާރު ފައިނަލްކޮށްފައިވާ ކަމަށާއި މައްސަލަ ހުށަހަޅާނީ މައިގަނޑު ގޮތެއްގައި އޭގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު، އެކަމާ ގުޅޭ އިތުރު މައުލުމާތު ދިނުމަށް އެމްޑީޕީގެ ގާނޫނީ ޓީމުން މިއަދު މެންދު ފަހު 1 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުން ހުރި ކަމެއް - އެމްޑީޕީން މިއަދު މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ވެސް، 44 ވަނަ މާއްދާގައިވާ ގޮތަށް ޖަލްސާ ބާއްވައިދިނުމަށް އެދިފައިވެ އެވެ. ނަމަވެސް، އަމީންއާންމު ފާތުމަތު ނިޔުޝާ މިއަދު ވިދާޅުވީ، މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ، ގަވައިދުގައިވާ ގޮތުން، ނައިބު ރައީސަށް ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސްއަށް ކަމަށް މަޖިލީހުގެ ގަވައިދުގައި އޮތް ނަމަވެސް، އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ)ގައި ބުނަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިސް ރައީސް ބަލަހައްޓައިގެން ނުވާނެ 

  • އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް ބަޔާންކޮށްފައެއް ނުވޭ

  • މަޖިލީހުގެ ނައިބު ރައީސް އެ މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ބަލަހައްޓައިގެން ނުވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް