މިދިޔަ އަހަރު ބޭައްވި އެމްޑީޕީގެ ކޮންގްރެސްތެރެއިން އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ނަޝީދު ވަކިކުރުމުގެ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ދާން ނިންމައިފި
ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށްޓަކައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
އެހެންކަމުން، މިކަމުގައި ހައްލެއް ހޯދުމަށް، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އެމްޑީޕީގެ އިސް އޮފިޝަލަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ތަފްސީލު - އެ މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތައް ތަޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެނގިފައިވާ ގޮތުގައި، ކުރިއަށް އޮތް ގަޑިއެއް ހާއިރު ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ އެވެ.
މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ ސީދާ ނައިބު ރައީސް އެވެ. ނައިބު ރައީސް ވަޑައިނުގެންފި ނަމަ، އަމަލު ކުރާނެ ގޮތެއް އެ މާއްދާގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ، ނައިބު ރައީސް ނެތް ހާލަތުގައި ވެސް އެ ޖަލްސާ ބޭއްވޭނެ ގާނޫނީ ފަރުވާއެއް ހޯދުމަށެވެ. އެއީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން، ރައީސްގެ އިތުބާރު ނެތް ކަމުގެ ޖަލްސާތަކުގައި ވެސް އެހެން މެންބަރަކަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭ ގޮތަށެވެ.
އެމްޑީޕީން މިއަދު މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ވެސް، 44 ވަނަ މާއްދާގައިވާ ގޮތަށް ޖަލްސާ ބާއްވައިދިނުމަށް އެދިފައިވެ އެވެ. ނަމަވެސް، އަމީންއާންމު ފާތުމަތު ނިޔުޝާ މިއަދު ވިދާޅުވީ، މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސްއަށް ކަމަށް މަޖިލީހުގެ ގަވައިދުގައި އޮތް ނަމަވެސް، އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ)ގައި ބުނަނީ:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިސް ރައީސް ބަލަހައްޓައިގެން ނުވާނެ
-
އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް ބަޔާންކޮށްފައެއް ނުވޭ
-
މަޖިލީހުގެ ނައިބު ރައީސް އެ މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ބަލަހައްޓައިގެން ނުވާނެ
ގުޅުން ހުރި ކަމެއް - ގަވައިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އަމަލު ކުރަންވީ ގޮތް ބުނެދެނީ މަޖިލިހުގެ ގަވާއިދުގެ 250 ވަނަ މާއްދާގަ އެވެ. އެގޮތުން:
-
ފުރަތަމަ ބަލަން ޖެހެނީ، މަޖިލީހުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށާއި މީގެ ކުރިން އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކަށް
-
ހައްލެއް ނުލިބިއްޖެ ނަމަ، ދެން ބަލާނީ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އެފަދަ ހާލަތެއްގައި އަމަލުކުރާ އާންމު އުސޫލަށް
މީގެ ކުރިން މަޖިލީހުގެ ތާރީހުގައި ވެސް މިފަދަ ކަމެއް ދިމާވެފައެއް ނުވެ އެވެ. އެހެން ގައުމުތަކުގައި ގިނަ ފަހަރަށް އިތުބާރު ގެއްލޭ ހިސާބުން އެ ބޭފުޅަކު އަމިއްލައަށް އިސްތިއުފާ ދެ އެވެ.
ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ، ސުޕްރީމް ކޯޓަށް ނުގޮސް، މަޖިލީހުގެ ތެރެއިން ހައްލެއް ހޯދޭނެ ވަރުގެ ކަމެވެ. އެއީ، އެމްޑީޕީގެ އަތުގައި ސާފު އަގުލަބިއްޔަތު އޮވެ، ކޮމިޓީތަކުގެ ކޮންޓްރޯލް ވެސް އޮތުމުން، މަޖިލީހުގެ ގަވައިދުގެ އެ މާއްދާ އިސްލާހުކުރެވޭނެތީ އެވެ.