އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސެއިން ސުނައިން)

އެމްޑީޕީ

އެހެން މެންބަރަކު ރިޔާސަތުގައި އިންނަވައިގެން ވެސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ބާއްވަން އެމްޑީޕީން އެދިއްޖެ

މާދަމާ ވެސް ނަޝީދު ވަކިކުރުގެ މައްސަލަ ތާވަލް ކުރައްވާނެ ކަމަށް އަމީންއާންމު ވަނީ އިއުލާންކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރި މިއަދުގެ ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގެންނެވި ނަަމަވެސް، އެހެން މެންބަރަކާ ރިޔާސަތު ހަވާލުކޮށްގެން ޖަލްސާ ބާއްވައިދިނުމަށް، އެ ގަރާރު ހުށަހެޅި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ން މިއަދު މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ ނައިބު ރައީސް އެވެ. ނަމަވެސް، އީވާ "އާލަސްކަންފުޅާ އުޅުއްވާތީ" މިއަދުގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.

ތަފްސީލު - އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންނެވީ، "ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކުގެ ދަށުން" ނަޝީދު ވަކިކުރުމުގެ ގަރާރު އެޖެންޑާކުރި ޖަލްސާ ބާއްވައިދިނުމަށެވެ.

ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ:

  • އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ

  • އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް

  • އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ

  • ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދުތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް

  • ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައި ނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް

އެމްޑީޕީ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. (ފޮޓޯ/ މަޖިލިސް)

އެނގުން މުހިންމު -  މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅާފައެއް ނުވެ އެވެ. އެ ހަލާތުގައި އާންމު ގޮތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ، ނަޝީދުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ. ގަވައިދުގައި ބުނާ ގޮތަށް، ފަސް މެންބަރުން ކަނޑައަޅާއިރު، މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރަކީ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް، އަހްމަދު ސިޔާމް މުހައްމަދެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަސްލަމް އެ ސިޓީ ފޮނުއްވި ފަހުން، މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އަމީންއާންމު ފާތުމަތު ނިޔުޝާ ވިދާޅުވީ، މާދަމާގެ ޖަލްސާއަށް ވެސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ވާނީ ނައިބު ރައީސް ކަމުގައި މަޖިލީހުގެ ގަވައިދުގައި ބުނެފައި ވާތީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އީވާއަށް ދެންނެވި 

  • ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާކަން އަންގަވައި މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް މިއަދު ހެނދުނު 6:27ގައި ލިޔުމުން އެކަން އަންގަވާފައިވޭ

  • އެހެންވެ، މާދަމާގެ ޖަލްސާއަށް ވެސް އެ މައްސަލަ އެޖެންޑާކުރައްވައި ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސްއަށް ދަންނަވާނެ

"މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ 205 ވަނަ މާއްދާގެ ނ.ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަން ޖެހޭ ގަރާރެއް ކަމަށް ވާތީ، މާދަމާ މަޖިލީހުގެ ޖަލްސާއަށް ވެސް މި ގަރާރު އަލުން އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސްއަށް ދަންނަވާނެކަން އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން،" ނިއުޝާ ޖަލްސާ ވިދާޅުވި އެވެ. 

އެއަށް ފަހު، މިއަދުގެ ޖަލްސާ ވަނީ ނިއްމާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް