ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ފެނަކައަށް ހުސް 'ވައްކަމު'ގެ ތުހުމަތު؛ އެމްޑީޕީ މެންބަރުން ދިފާއަށް

މި މައްސަލަތައް އޭސީސީން ނުބަލާ ކަމަށް ބުނެ، އެ ކޮމިޝަނަށް ވެސް މެންބަރުން ފާޑުވިދާޅުވެފައިވޭ

ފެނަކަ ކުންފުނީގެ ކޮރަޕްޝަނާއި ދަރަނި އިތުރުވުމުން ދިޔުމާ ގުޅޭ ގޮތުން، އެކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވައްކަމުގެ ތުހުމަތުކޮށް، އެކަންކަން ބެލުމަށް ސަރުކާރާ އިދިކޮޅު މެންބަރުން މިއަދު މަޖިލީހުގައި ގޮވާލައްވައިފި އެވެ. އަދި އެ މައްސަލަތައް ނުބަލާ ތިބޭ ކަމަށް ބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް މެންބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ. 

ވީ ކިހިނެއް؟ - މެންބަރުން މިގޮތަށް ވާހަކަ ދެއްކެވީ، އިދިިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިދިޔަ އެޕްރީލް މަހު، ފެނަކައިގެ މާލީ ހަލާތާ ގުޅޭ ގޮތުން ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އެ ގަރާރުގައި އޭނާ ގޮވާލައްވާފައި ވަނީ:

  •  ފެނަކައިގެ މެނޭޖުމަންޓް އޮޑިޓެއް ހެދުމަށް

  • ފައިނޭންޝަލް އޮޑިޓެއް ހެދުމަށް

  • ކައިރި މުސްތަގުބަލެއްގައި ފެނަކައިގެ ދަރަނިތައް އަދާކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް

  • ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ބަލެމަށް

ތަފްސީލު - ފެނަކައިން ހިންގާފައިވާ ވިޔަފާރި މުއާމަލާތްތަކަށް 2.8 ބިލިއަނަށް ވުރެ ބޮޑު ދަރަންޏެއް އަރައި، ކުދި ވިޔަފާރިތަކުގެ ބިލުތަކަށް ދޭން ޖެހޭ ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން އާދަމް ޝަރީފްގެ ގަރާރުގައި ވެސް ފާހަގަކޮށްފައިވެ އެވެ. ގަރާރަށް ބަހުސް ކުރެއްވި ސަރުކާރާ އިދިކޮޅު ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް އެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"ރައްޔިތުން ލައްވާ ކުދިކުދި ކަންކަންކޮށްފައި ދޭން ޖެހޭ ފައިސާ، އަވަހަަށް އެ ކުންފުނިތަކަށް ދެވޭނެ ގޮތެއް ދައުލަތުން ހޯދައިދޭން އެބަ ޖެހޭ، ސަރުކާރުން ހޯދައިދޭން ޖެހޭ. އޭގެ ސަބަބުން، އެ ކުންފުނިތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ލިބެމުންދާ ނިކަމެތިކަމަކީ، ހަގީގަތުގައި ސަރުކާރުން މިއަށްވުރެ ފުންކޮށް ވިސްނައި، އެކަންކަން ހައްލުކޮށްދޭން ޖެހޭނެ ކަންކަން،" ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

އެއާއެކު، އެނާ ނެންގެވީ، ފެނަކަ ތެރޭގައި އޮތް ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ އެވެ. އެގޮތުން ވިދާޅުވީ:

  • އެ ކުންފުންޏާ ގުޅޭ 72 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަންގެ 31 މައްސަލަ އޭސީސީގައި މިހާރުވެސް އެބަ އޮތް؛ އެއީ، އެ ކުންފުނީގެ މުވައްޒަރުން ހުށަހަޅާފައިވާ މައްސަލަތަކެއް

  • އެ މައްސަލަތަކަކީ، ބަލަން ޖެހޭ މައްސަލަތައް؛ ނުބެލި ދޫކޮށްލެވޭނަމަ، އެ ވައްކަންތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް

"މި ސަރުކާރު އެކަންޏެއް ނޫން، ދެން އަންނަ ސަރުކާރުކަަށް ވެސް އެ ލިބެނީ ހިތްވަރެއް އެ މައްސަލަތައް ނުބެލި ދާނަމަ. 72 މިލިއަން ރުފިޔާއަކީ، ކުޑަ އަދަދެއްގެ ފައިސާއެއް ނޫން،" ގަރާރުގައި ފެނަކައިގެ އޮޑިޓެއް ހެދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކުރައްވައި، މަޖިލީހުގެ ކޮމިޓީތަކުން އެ މަސައްކަތް ބާރަށް ކުރުމަށް އެދިވަޑައިގެން ހަސަން ވިދާޅުވި އެވެ.

"އަދި މުއައްސަސާތަކަށް އަންގަން ޖެހޭ އެންގުންތައް ވެސް އަންގަން ޖެހޭ. އެކަން އެ މުއައްސަސާތަކުން ނުކުރާ ނަމަ، އެ މުއައްސަސާތަކުގައި ތިބި މީހުން ބަދަލު ކުރަން ވެސް ޖެހޭ."

'އޭސީސީގެ އިހުމާލު ވަރަށް ބޮޑު'

ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އިލްޔާސް ލަބީބް ތުހުމަތުކުރެއްވި ގޮތުގައި، އޭސީސީގެ މެންބަރުން މި ސަރުކާރުން ބަދަލު ކުރީ ފެނަކައިގެ ކޮރަޕްޝަންތައް ބަލަން ފެށުމުންނެވެ. ފަހުން އައްޔަން ކުރި މެންބަރުން، އެ ކުންފުނީގެ ކޮރަޕްޝަންތައް ބެލުމަށް 'އެއްވެސް ކަމެއް ނުކުރައްވާ' އެ މައްސަލަތައް ޕާކުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެނަކައިގެ މިކަހަލަ މައްސަލަތައް މުޅި ރަށު ތެރޭ ދެކެވެމުންދާއިރު، ނުބަލާ ތިބުމުން އޭސީސީގެ އިހުލާމު ވެސް އެބަ އޮތް،" އިލްޔާސް ވިދާޅުވި އެވެ.

"ގަރާރުގައި އެބަ ބުނޭ، 2.8 ބިލިއަން ރުފިޔާއަށް ފެނަކަ ދަރާފަ އޮތް ކަމަށް. މިހާރު ބަލައިފިއްޔާ، 3.5 ބިލިއަން ރިފުޔާއަށް ދަރަފާއި އޮންނާނީ، ލިބިފަ ހުރި މައުލޫމާތައް ބަލައި."

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާަސް ލަބީބް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭނާ އިތުރަށް ވިދާޅުވީ:

  • ކުދި ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާތައް ނުލިބިގެން، އެ ކުންފުނިތަށް މިހާރު ބަގުރޫޓުވެފައިވާ ކަމަށް

  • އެ ވިޔަފާރިތައް އަހަރު ނިމޭއިރު، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދެއްކި، މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދެވި، އެތައް އުދަނގުލެއް ދަނީ ކުރިމަތިވަމުން

  • ކުންފުނިތަކަށް ފެނަކައިން ބިލުކޮށްފައި ވަނީ، ހަމަ އަގުގައިތޯ ވެސް ބަލަން ޖެހޭ

ފެނަކައިގެ ރަސްމިއްޔާތެއްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ބައެއް މެންބަރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހަމަދު ސައީދަށް ވެސް ފާޑުކިޔުން އަމާޒު ކުރި އެވެ.

ސަރުކާރާ ދެކޮޅު މެންބަރުން ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރުން ފެނަކަ ބޭނުން ކުރީ، އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންކުރި އާލާތެއްގެ ގޮތުގަ އެވެ. ބޭނުން ނުވާ ވަރަށް، ވަޒީފާތައް އުފައްދައި، މާލީ ހާލަތު އެ ހިސާބަށް ދިޔުމުގައި މިހާރު އެ ކުންފުނީގެ ވެރިން ޒިންމާވާން ޖެހޭނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. 

އެމްޑީޕީ މެންބަރު ފެނަކައިގެ ދިފާއުގައި

ފެނަކައިގެ ދިފާއުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެ މައްސަލަތައް ބަލަންވީ ކަމަށާއި އެކަމަށް ހުރަސް އަޅަން ނޫޅޭ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު އެ ހިސާބަށް ދިޔަ ސަބަބާ ގުޅޭ ގޮތުން އެ މެންބަރުން ދިފާއުގައި އެކި ސަބަބުތައް ދެކެއްވި އެވެ. 

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި:

  • ފެނަކައިގެ ފެނާއި ކަރަންޓު ބިލުތަކަށް ބައެއް ގޭބީސީތަކުން ފައިސާ ނުދައްކާ؛ އެ ބިލުތަކުން އެ ކުންފުންޏަށް ލިބެނީ %60

  • މިނިމަންވޭޖް ތައާރަފްވުމުގެ ކުރިން ފެނައިކައިން މުސާރައަށް ހަދަރު ކުރަން ޖެހެނީ، 35 މިލިއަން ރުފިޔާ؛ ނަމަވެސް މިނިމަންވޭޖާއެކު މުސާރައަށް ގާތްގަނޑަކަށް 50 މިލިއަން ހަރަދުކުރަން ޖެހޭ

  • ފެނަކައިގެ ވަޒީފާ އިތުރު ކުރުމަކީ، ރަނގަޅަށް ކުރި ކަމެއް؛ އޭގެ އިގްތިސާދީ ފައިދާ އެރަށްތަކަށް ކުރާނެ

"ދަރަނީގެ ވާހަކަ ދައްކާއިރު، ފެނަކައިން އިތުރު ކުރި އެސެޓްެގެ ވާހަކަ އަޅުގަނޑުމެން ނުދައްކާ. އެ ދަރަންޏާ ނުބައްދަލަށް ފެނަކައިން މި ވަނީ، އެ ކުންފުނީގެ ރައުސްމާލު އިތުރުކޮށްފައި،" އެ ކުންފުނީގެ ދިފާއުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އިތުރުކުރި އެސެޓްގެ ގޮތުގައި އަސްލަމް ވިދާޅުވީ:

  • 100 އެތައް ރަށެއްގެ ކޭބަލް ނެޓްވޯކް ގާއިމް ކުރުމަށް، 17،000 ކިލޯމީޓަރުގެ ކޭބަލް އެ ރަށްރަށުގެ ބިމު އަޑީގައި އަޅާފައިވޭ

  • 317 ޖަނެރޭޓަރު ސެޓް ބަހައްޓައި، 150 މެގަވޯޓަށްވުރެ އިތުރަށް ކަރަންޓު އުފެއްދޭ މިންވަރަށް ކުންފުނި ވަނީ ފުޅާކޮށްފައި

  • 77 ރަށެއްގައި އާ އިންޖީނުގެ އަޅައި، 20 ރަށެއްގައި އެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ

  • 135 ރަށެއްގައި އޮފީސް އިމާރާތް އަޅާފައިވޭ؛ މިހާރުވެސް 13 އޮފީހެއްގެ މަސައްކަތް ހިނގަމުންދޭ

މަޖިލީހުގެ ޖަލްސާގައި އަސްލަމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އަސްލަމް ހިމެނޭ ގޮތަށް، އެމްޑީޕީގެ ބައެއް މެންބަރުން ފެނަކައިގެ މާލީ ހާލަތު އެ ހިސާބަށް އައުމުގައި، ކުރީގެ ސަރުކާރުތަކަށް ވެސް އިނގިލި ދިއްކުރި އެވެ. މި ހިސާބަށް އެހާ ބޮޑު ދަރަންޏެއް އައީ، އެ ސަރުކާރުތަކުގައި ހުރި ދަރަނިތައް އެއްވަމުން އެއްވަމުން އައިސް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފެނަކައިން އެކި މަސައްކަތްތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތީ އޭގެ ތެރެއިން 19 ކޮންޓްރެކްޓަރަކު ވަނީ މިދިޔަ އޮގަސްޓް މަހުވެސް ކަންބޮޑުވުން ފާޅުކޮށްފަ އެެވެ. އެ މީހުން ބުނާ ގޮތުގައި ނުލިބި ހުރި ފައިސާގެ މިންވަރު 200 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ. އެ ފައިސާ ހޯދުމަށް ބައެއް ކޮންޓްރެކްޓަރުން ފެނަކަ އޮފީސް ކުރިމަތީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ފެނަކައިގެ ދަރަނި ހަމަޖެއްސުމަށްޓަކައި، މިފަހުން ވަނީ 400 މިލިއަން ރުފިޔާގެ ލޯނެެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ނަގައިފަ އެވެ.

ކޮމެންޓް (1)

ޢިބްރާހިމް

19 އޮކްޓޯބަރު 2023
ފެނަކަ ތިދަރަޖައަށްވެއްޓުމަކީ ނިހާޔަތައް ހިތާމްކުރާކަމެށް ތީގެހުރިހާވެސްހަޑިކަމެއްއޮތީ އަހަރެންގެވެސް އުފަންރަށައް އެއީފެނަކައިގެ އެމްޑީ އަކީ އަހަރެންގެވެސް އުފަންރަށުމީހަކައްވާތީ އަެނަގެ މައިންބފައިންނަކީ ވަރަށް ތެދުވެރި އިޚްލާސްތެރިބަޔަކަށްވަތީ އޭނަގެފަރާތުން އެފަދަކަމެއްފެނިދާނެކަމައްހީނުކުރަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް