ފެނަކައިން ދައްކަން ހުރި ފައިސާ ނުދީ ދިގުލައިގެންދިއުމުން ވިޔަފާރިވެރިން އެ ކޯޕަރޭޝަން ކުރިމަތީގައި ކުރި މުޒާހަރާއެއް. (ދައުރު ފޮޓޯ)
ފެނަކައިގެ ދަރަނި ފިލުވަން އެމްއައިބީއިން 400 މިލިއަން ރުފިޔާގެ ލޯނު ނަގައިފި
ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ ދަރަނިތައް ފިލުވަން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ލޯނުގެ ގޮތުގައި 400 މިލިއަން ރުފިޔާ ނަގާފައިވާކަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.
އެނގުން މުހިންމު - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގަ އެވެ.
-
އިތުރަށް ކިޔާލަން - ފެނަަކައިގެ ދަރަނި 2.22 ބިލިއަން ރުފިޔާގައި؛ މާލީ ހާލަތު ނާޒުކު: ޕީސީބީ
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކުން ވަނީ ހާމަވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ކޮމެޓީއާ ހިއްސާކުރި ގޮތުގައި:
-
ފެނަކައަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށް އެމްއައިބީއިން ނަގާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައިވޭ
-
ގެރެންޓީ ދިނީ 22 ޖޫން އާއި 27 އޮގަސްޓްގައި
-
އެއީ 200 މިލިއަން ރުފިޔާގެ ދެ ލޯނެއް
ފިނޭންސުން ކޮމެޓީއަށް ފޮނުވި މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެ ލޯނުތަކުގައި ސޮއިކުރީ 20 ޖޫން އަދި 20 އޮގަސްޓުގަ އެވެ.
-
ލޯނުތައް އަނބުރާ ދައްކަން ދިން މުއްދަތު - ތިން އަހަރު
-
އިންޓްރެސްޓް ރޭޓު - %3.5
-
ޕްރޮސެސިން ފީ - 5.6 މިލިއަން ރުފިޔާ
-
އިންޓްރެސްޓަށް 12.66 މިލިއަން ރުފިޔާ ހަރަދުވާނެ (ކޮންމެ ލޯނަކަށް)
-
ލޯނު ދައްކަން ހިނގާނެ ކަމަށް ލަފާކުރާ ޖުމްލަ ހަރަދު - 218 މިލިއަން ރުފިޔާ (ކޮންމެ ލޯނަކަށް)
-
އެފެކްޓިވް އިންޓްރެސްޓް ރޭޓު - %5.10
ގުޅުންހުރި ކަމެއް - ފެނަކައިގެ ދަރަނިތައް ފިލުވަން ފަށާފައިވާ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު 'ދައުރު'ގެ 'ރިޔާސީ ވާހަކަ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން އެކަން ކުރާނީ ލޯނެއް ނަގައިގެންތޯ ސުވާލުކުރުމުން ރައީސް ސޯލިހު އެ ދުވަހު ވިދާޅުވީ އޭރު ލޯނެއް ނުނަގާ ކަމަށާއި ނަމަވެސް ކުންފުނިތަކަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދާ ކަމަށެވެ.
-
އިތުރަށް ކިޔާލަން - ފެނަކައިގެ ދަރަނި ފިލުވަން ފަށައިފިން: ރައީސް