ހއ. އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ފެނަކައިގެ ދަރަނި ފިލުވަން ފަށައިފިން: ރައީސް
ރައްރަށުގައި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ފެނަކައިން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި އެ ކުންފުނީގެ ދަރަނި އަދާކުރަން ފަށާފައިިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދައުރު'ގެ 'ރިޔާސީ ވާހަކަ' ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ފެކަނައިން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ދައްކައި އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނިތައް އަދާކުރަން ފަށާފައިވާ ކަމަށެވެ.
އެނގުން މުހިއްމު - ފެނަކައިގެ ދަރަނި އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ވިޔަފާރިތަކަށް މިލިއަނުން ފައިސާ ދައްކަން ޖެހޭއިރު، ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވެސް ކުރެވެ އެވެ. އެގޮތުން:
-
މިދިޔަ އަހަރު ނިމުނު އިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ
މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ މާލީ އުސްއަލިތަކަށް ބަލާއިރު:
-
އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނު އިރު، 2 ބިލިއަން ރުފިޔާ ހަރަދުވެފައިވޭ
-
ހަރަދަށް 1.4 މިިލިއަން ރުފިޔާ އިތުރުވެފައިވޭ
-
ހަރަދުތައް އިތުރުވެފައި ވަނީ މުވައްޒަފުން ތަމްރީން ކުރުން، ރެކްރިއޭޝަން ކްލަބް، މުވައްޒަފުންގެ އެކޮމޮޑޭޝަން އަދި ކެއުމުގެ ބައިން
-
ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު ކަމަށް ދައްކަނީ 15.6 މިލިއަން ރުފިޔާ
ބުނީ ކީކޭ؟ - ފެނަކައިގެ ދަރަންޏާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ފެނަކައިގެ 2 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ދައްކާފައިވާ ކަމަށެވެ.
"މިހާރު ޕްރައިވެޓް ސެކްޓާގެ ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ މިދިޔަ ހަފްތާ އަދި އޭގެ ކުރީ ހަފްތާ އިން ފެށިގެން [ދެއްކުމުގެ މަސައްކަތް] ކުރިއަށް އެބަ ގެންދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ފެނަކައިގެ ދަރަނި ކުޑަކުރެވިގެންދާނެ ކަމަށެވެ.
ފެނަކައިގެ ދަރަނި ދައްކަން ލޯނެއް ނަގާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ މިހާތަނަށް ލޯނެއް ނަގާފައި ނުވި ނަމަވެސް، ކުންފުނިތައް ހިންގަން ފައިސާ ބޭނުންވާނެ ކަމަށެެވެ. އެ ކަމަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
'މަސައްކަތް ގިނަކަމުން ކުންފުނިތައް އޮތީ އޯވަލޯޑުވެފައި'
މި ސަރުކާރުން އެއް ފަހަރާ އެތައް ރަށެއްގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް އޮތީ "އޯވާލޯޑު"ވެފައި ކަމަށެވެ.
"ފެނަކަ އާއި ސްޓެލްކޯ ނޫނީ އެމްޓީސީސީން އެކަންޏެއް ނޫން ރާއްޖޭގައި މަސައްކަތް ކުރަނީ. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން ޕްރައިވެޓް ސެކްޓާއަށް މަސައްކަތް ދޭން. އެކަމަކު ބައެއް ޕްރޮޖެކްޓުތައް އެބަހުރި އެއް ކުންފުންޏަކަށް ދީފައި، އަނެއް ކުންފުންޏަކަށް ދީފައި ނުވެގެން،" ރައީސް ވިދާޅުވި އެވެ.
ރައްރަށުގައި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ފެނަކައިން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި އެ ކުންފުނީގެ ދަރަނި އަދާކުރަން ފަށާފައިިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ.
— Dhauru (@Dhaurunews) September 6, 2023
އިތުރަށް ކިޔާލަން: https://t.co/zf6ljSIXFZ pic.twitter.com/kvE0lxZaEW
ރައީސް އެ އިޝާރާތް ކުރެއްވީ އަމިއްލަ ބައެއް ކުންފުނިތަކަށް ހަވާލުކުރާ މަަސައްކަތްތައް ލަސްވެގެން ކޮންޓްރެކްޓު ބާތިލްކޮށް، އަލުން އެ މަސައްކަތް ސަރުކާރު ކުންފުނިތަކާ ހަވާލުކުރަން ޖެހޭ މައްސަލަ އަށެެވެ.
"ހާއްސަކޮށް ފެނަކަ އިން ކުރަނީ އެތައް ދުވަހެއް ވަންދެން ރައްޔިތުންނަށް ނުލިބި އޮތް އަސާސީ ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ މަސައްކަތް،" ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭ ކުންފުންޏާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ފެނަކައަށް އަދި ސަރުކާރުގެ އެހެން ކުންފުނިތަކަށް ވެސް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ފެނަކައިގެ ދަރަނި ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އިރު، ރިޔާސީ ކެމްޕޭނަށް މިދިޔަ ހަފްތާގައި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނޮޮޅިވަރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފެނަކަ އަކީ މާ ބޮޑު ފައިދާއެއް ވާ ތަނަކަށް ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތް ދޭ ތަނެއް ކަމަށެވެ.
-
އިތުރަށް ކިޔާލަން - 'ފެނަކައިން ބޮޑު ފައިދާ ބޭނުމެއް ނޫން؛ އެއީ ހިދުމަތް ދޭ ތަނެއް'