ގދ. ތިނަދޫ ފެނަކަ އޮފީހެއް ހެދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު މުހައްމަދު (ކ-2)ގައި ބިންގާ އަޅަނީ: ފެނަކައިގެ މާލީ ހާލަތު ރަނގަޅެއް ނޫން. (ފޮޓޯ/ފެނަކަ)
ފެނަަކައިގެ ދަރަނި 2.22 ބިލިއަން ރުފިޔާގައި؛ މާލީ ހާލަތު ނާޒުކު: ޕީސީބީ
މިދިޔަ އަހަރު ނިމުނު އިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީއިން މިއަދު އާންމުކޮށްފައިވާ، ސަރުކާރު ކުންފުނިތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާާޓަރު ނުވަތަ ހަތަރު ވަނަ ކުއާޓާގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ފެނަކައިގެ ހަރު މުދަލުގެ ގޮތުގައި ހިސާބު ކުރެވިފައި ވަނީ 780 މިލިއަން ރުފިޔާ ނަމަވެސް، އެ ކުންފުނިން ދައްކަން ޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، މި ކަމުގެ ނަތީޖާއެއްގެ ގޮތުން:
-
ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން ބަލާ މިންގަނޑު، ކަރަންޓް ރޭޝިއޯ ވަނީ 0.45 އިން 0.35އަށް ވެއްޓިފައި
-
ކުންފުނީގެ ދަރަނިތައް އަދާނުކުރެވުމުގެ ފުރުސަތު ވަރަށް ބޮޑު
-
އެންމެ ބޮޑު ދަރަންޏެއް އޮތީ ތެޔޮ ބިލްތަކަށް؛ ތެޔޮ ފޯރުކޮށް ދެނީ އެސްޓީއޯއިން
-
ކުންފުންޏަށް އޮތް މާލީ ބުރަ ކުޑަކުރުމަށް ވީހާ ވެސް އަވަހަށް އެ ފައިސާ ދައްކައި ހަލާސްކުރަން ލަފާދީފައިވޭ
ތަފްސީލް - މީގެ އިތުރުން، ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ކުންފުންޏަށް ލިބެން ޖެހޭ 324.4 މިލިއަން ރުފިޔާ ވަނީ ނުލިބި އެވެ. އެއީ ކުންފުނީގެ އާމްދަނީގެ ގާތްގަނޑަކަށް %64އާ އެއްވަރުގެ އަދަދެކެވެ. އަދި ކުންފުނިން އެކި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ އަދަދު 2.16 ބިލިއަން ރުފިޔާގައި ހުރިއިރު ދުވަހެއް ދުވަހަކަށް އެ އަދަދު ބޮޑުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.
މިކަންކަމާ ހުރެ ކުންފުނީގެ މާލީ ގާބިލްކަން ހުރި މިންވަރު ބަލާ ހުރިހާ މިންގަނޑުތަކެއްގައި ވެސް ފެނަކަ ވަނީ އިތުރަށް ދަށަށް ގޮސްފަ އެވެ. އެގޮތުން:
-
ކުންފުނީގައި ހުރި ފައިސާއަކުން ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން މިންކުރާ ކުއިކް ރޭޝިޔޯ ވަނީ 0.22 އިން 0.15 އަށް ވެއްޓިފައި
-
ކުންފުނީގައި ހުރި ނަގުދު ފައިސާއިން ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން މިންކުރާ ކޭޝް ރޭޝިއޯގައި 0.017 އިން 0.004 އަށް ވެއްޓުނު
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ކުންފުނީގައި ހުރި ނަގުދު ފައިސާގެ ތެރެއިން 6 މިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރު ނިމުނު އިރު މަދުވެފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގައި ހުރި ފައިސާގެ ގޮތުގައި ރިޕޯޓްކޮށްފައި ވަނީ 9.4 މިލިއަން ރުފިޔާ އެވެ. އެ ފައިސާ މަދުވެފައި ވަނީ އިންޖީނުގެތަކާއި އިންޖީނު ފަދަ ތަކެއްޗަށް 287.3 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އިންވެސްޓްކޮށްފައި ވާތީ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.
މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ މާލީ އުސްއަލިތަކަށް ބަލާއިރު:
-
އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނު އިރު 2 ބިލިއަން ރުފިޔާ ހަރަދުވެފައިވޭ
-
ހަރަދަށް 1.4 މިިލިއަން ރުފިޔާ އިތުރުވެފައިވޭ
-
ހަރަދުތައް އިތުރުވެފައި ވަނީ މުވައްޒަފުން ތަމްރީން ކުރުން، ރެކްރިއޭޝަން ކްލަބް، މުވައްޒަފުންގެ އެކޮމޮޑޭޝަން އަދި ކެއުމުގެ ބައިން
-
ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު ކަމަށް ދައްކަނީ 15.6 މިލިއަން ރުފިޔާ